ބީއެމްއެލްގެ އެހީތެރިކަމާއެކު ޤައުމީ ކުތުބުހާނާ އެންމެފަހުން ޒަމާނީ ވެއްޖެ

ޤައުމީ ކުތުބުހާނާއަށް އަލަށް ގެނެވުނު ބަދަލާއިއެކު-- ފޮޓޯ/ޤައުމީ ކުތުބުހާނާ

ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއިއެކު ޤައުމީ ކުތުބުހާނާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމަނީ ފެންވަރަށް ތަރައްޤީކޮށް ހެޔޮ ބަދަލުތަކާއިއެކު ކުތުބުހާނާ އަލުން ހުޅުވާލައިފިއެވެ.

ޤައުމީ ކުތުބުހާނާއަށް ގެނައި ހެޔޮ ބަދަލުތަކާއެކު އެތަން ހުޅުވުމުގެ ގޮތުން ރޭ ވަނީ ޤައުމީ ކުތުބުހާނާގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ކުތުބުހާނާއިން ވަނީ، ބީއެމްއެލްގެ އެހީގައި ކުތުބުހާނާއަށް ގެނައި ޒަމާނީ ބަދަލުތައް ދައްކާލާފައެވެ.

ޤައުމީ ބޭންކުގެ އިސްނެގުމާއި އެހީތެރިކަމާއިއެކު ނެޝަނަލް ލައިބްރަރީ ނުވަތަ، ޤައުމީ ކުތުބުހާނާއަށް ގެނައި އެންމެ ބޮޑު ބަދަލަކީ، ކުތުބުހާނާއިން ހިދުމަތް ހޯދުމުގައި ކުރިއަށްވުރެ މާބޮޑަށްވެސް ފަސޭހަވުމެވެ.

ޒަމާނީ ބަދަލުތަކެއް ގެނެސް ޤައުމީ ކުތުބުހާނާ ހުޅުވުން

މީގެކުރިން ލައިބުރަރީއަށް ގޮސް ފޮތް ނަގައިގެން ކިޔަން ތިބެން ޖެހެނީ، އާދައިގެ ގޮނޑީގައި ނަމަވެސް މިހާރު ކުރިއާ ވަރަށް ބޮޑަށް ތަފާތެވެ. ކުތުބުހާނާގައި މިހާރު ހުންނަނީ އަރާމް ގޮނޑިތަކެކެވެ. މޭޒުތައްވެސް ތަފާތެވެ. ފޮތް ކިޔަންތިބޭ މާހައުލު މިވަނީ އެއްކޮށް ބަދަލުކޮށްލާފައެވެ.

ޤައުމީ ކުތުބުހާނާއަށް ގެނައި ޒަމާނީ ބަދަލާ ބެހޭގޮތުން ވާހަކަދައްކަވަމުން، މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވީ، ކުތުބުހާނާ ބޭނުންކުރުމުގައި ބީއެމްއެލުން ގެނައި ހެޔޮ ބަދަލަކީ ފާހަގަކޮށްލަންޖެހޭ ފަދަ ބަދަލެއްކަމަށާއި، މިއީ ކުތުބުހާނާ ބޭނުންކުރާ މީހުނަށް ލިބިގެންދާނޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި ފަސޭހައަކަށް ވާނެ ކަމެއް ކަމަށެވެ.

ޒަމާނީ ބަދަލުތަކެއް ގެނެސް ޤައުމީ ކުތުބުހާނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ ވާހަކަދައްކަވަނީ--- ސަން ފޮޓޯ/މުހައްމަދު ޝާތިޢު ޢަބްދުﷲ

މިނިސްޓަރު ޔުމްނާ ވިދާޅުވީ، ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީގެ ވާހަކަ ދައްކާއިރު، އިގްތިސާދީ ތަރައްޤީއާ އެއްވަރަށް އިންސާނީ ތަރައްޤީ ވެސް މުހިއްމު ކަމަށެވެ. އެ ގޮތުން އިންސާނީ ތަރައްޤީ ގެނެވޭނީ ހޭލުންތެރި ތައުލީމީ ރައްޔިތެއް ބިނާކޮށްގެންކަމަށާއި، ފޮތްކިޔައި މައުލޫމާތު ހޯދައި ދިރާސާކުރަން އެނގޭ ޖީލެއް ބިނާކޮށްގެން ކަމަށް ޔުމްނާ ވިދާޅުވިއެވެ.

"މުހިންމު ކަންކަން އަޅުގަނޑުމެން ނިންމަންވާނީ މައުލޫމާތު ހޯދައި ދިރާސާކޮށް އެ މައުލޫމާތުގެ އަލީގައި. މިޒަމާނަކީ މައުލޫމާތުގެ ޒަމާން. މައުލޫމާތުގެ މި ޒަމާނުގައި މައުލޫމާތު ހޯދައި ލިބިގަތުމަކީ ކުތުބުހާނާ ތަކުގެ އެންމެ އަސާސީ ބޭނުން. ޤައުމީ ކުތުބުހާނާއަކީ މިކަމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ތަނެއް. ކިޔަވާކުދިންނާއި ޒުވާނުންނަކީ ފޮތްކިޔާ ފޮތްތެރި މައުލޫމާތު ހޯދައި ދިރާސާކުރަން އެނގޭ ބަޔަކަށް ހެދޭނީ ފެންވަރު ރަނގަޅު ކުތުބުހާނާތައް ހުރެގެން. ޤައުމީ ކުތުބުހާނާގެ ފެންވަރު މަތިކޮށްގެން،" މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

ޤައުމީ ކުތުބުހާނާގައި މިއަދު ޒަމާނީ ލައިބްރަރީއެއްގައި ހުންނަންޖެހޭ މުހިއްމު ވަސީލަތްތަކެއް ޤާއިމްކުރެވިފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ޒަމާނީ ބަދަލުތަކެއް ގެނެސް ޤައުމީ ކުތުބުހާނާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/މުހައްމަދު ޝާތިޢު ޢަބްދުﷲ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް މާކެޓިންގ ކޮމިޔުނިކޭޝަން އަހުމަދު ޒަރީރު ވިދާޅުވީ، ޤައުމީ ކުތުބުހާނާއަށް ޒަމާނީ ވަސީލަތްތަކާއިއެކު ކުރިއެރުން ގެނައުމުގެ މުހިއްމުކަން ވަރަށް ބޮޑުކަމަށާއި، ކުތުބުހާނާ ތަރައްޤީކުރުމުގެ ގޮތުން އެތަން ހިންގަވަން ތިއްބެވި ބޭފުޅުން އެދިލެއްވި ކަންކަން ބީއެމްއެލުން ފުރިހަމަ ކޮށްދީފައިވާ ކަމަށެވެ.

މިގޮތުން ކުތުބުހާނާއަށް މިއަދު ގެނައި ކުރިއެރުންތަކާއިއެކު އެތަނުން ޚިދުމަތް ހޯދުމަށް އަންނަ މީހުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށް ޒަރީރު ވިދާޅުވިއެވެ.

"ކުތުބުހާނާއަށް އަލަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ސައިލެންޓް މީޓިން އޭރިއާއަކީ ރިސާޗްކުރައްވާ ބޭފުޅުންނަށް ހާއްސަ ތަނެއް. ކުރިން ވިއްޔާއި ފޮތެއް ނަގާފައި ކިޔަން އިނދެފައި ބޭރަށް ނިކުންނަން ޖެހުނަސް ކައުންޓަރަށް ފޮތް ހަވާލުކޮށްފައި ދާންޖެހެނީ. ނަމަވެސް މިހާރު ކިޔަން އިން ތަނުގައި ފޮތް ބާއްވާފައި ކޮފީއެއް ބޯލައިގެން އެނބުރި އަންނައިރު، ފޮތް ބޭއްވި ތަނުގައި އެ އޮންނާނެ،" ޒަރީރު ވިދާޅުވިއެވެ.

ޤައުމީ ކުތުބުހާނާއަށް ބީއެމްއެލުން ގެނައި ކުރިއެރުންތަކުގެ ތެރޭގައި ލައިބްރަރީގެ ހިދުމަތްހޯދާ މީހުން ބޭނުންކުރާ ކޮމްޕިއުޓާ ސިސްޓަމްތަކުގެ އިތުރުން ތަނުގެ ކޮމްޕިއުޓަރު ސިސްޓަމްތައް ޒަމާނީ ފަހުގެ ސިސްޓަމްތަކަށް ބަދަލުކުރުމާއި، ޒަމާނީ ވަސީލަތްތަކާއިއެކު އޯޑިއޯ ރެކޯޑްކުރާނޭ ސައުންޑް ބޫތެއް ވަނީ ޤާއިމްކޮށްފައެވެ.

ޒަމާނީ ބަދަލުތަކެއް ގެނެސް ޤައުމީ ކުތުބުހާނާ ހުޅުވުން-- ފޮޓޯ/ޤައުމީ ކުތުބުހާނާ

މީގެ އިތުރުން ޤައުމީ ކުތުބުހާނާގެ ފޮތްތަކާއި އެނޫންވެސް އާލާތްތައް ރައްކާތެރިކުރުމުގެ ގޮތުން ޒަމާނީ ސެކިއުރިޓީ ގޭޓެއް ވެސް ވަނީ ބަހައްޓާފައެވެ. މި ގޭޓުގެ ސަބަބުން ލައިބުރަރީގައި ހުރި ފޮތްތައް ތަނުގެ ތެރޭގައި ރައްކާތެރިކަމާއިއެކު ބެހެއްޓުމުގެ ކަށަވަރުކަން ލިބިގެންދާނެއެވެ.

ޒަމާނީ ބަދަލުތަކެއް ގެނެސް ޤައުމީ ކުތުބުހާނާ ހުޅުވުން- ފޮޓޯ/ޤައުމީ ކުތުބުހާނާ

ޤައުމީ ކުތުބުހާނާއަށް މި ގެނެވުނު ބަދަލުތަކަކީ ކުތުބުހާނާ ބޭނުންކުރާ ފަރާތްތަކަށް އެތައް ފަސޭހަތަކަކާއި ލުއިތަކެއް ލިބި ކުތުބުހާނާ ބޭނުންކުރަން މީހުންގެ ޝައުގުވެރިކަން އިތުރުވެގެންދާނޭ ބަދަލުތަކެއް ކަމަށް ޤައުމީ ކުތުބުހާނާއިން ދެކެއެވެ.

މި ބަދަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް މައުލޫމާތު ދެވޭ ނިޒާމް ކުރިއަށްވުރެ ފުރިހަމަވެގެން ދާނޭ ކަމަށް ވެސް ކުތުބުހާނާއިން ބުނެއެވެ.

comment ކޮމެންޓް