އިންޑިއާ އާއި ޕާކިސްތާނުން ނިޔުކްލިއާ ހަނގުރާމައެއް ފެށުމާ ގާތަށް ދިޔަ: ޕޮމްޕިއޯ

އިންޑިއާ އާއި ޕާކިސްތާނުން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނިޔުކްލިއާ ހަނގުރާމައެއް ފެށުމާ ގާތަށް އައި ކަމަށް އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ, އޭނާގެ ހަޔާތުގެ މައްޗަށް ނެރުއްވި ފޮތެއްގައި ވިދާޅުވެއްޖެ -- ފޮޓޯ/ ރޮއިޓާސް

އިންޑިއާ އާއި ޕާކިސްތާނުން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނިޔުކްލިއާ ހަނގުރާމައެއް ފެށުމާ ގާތަށް އައި ކަމަށް އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ, އޭނާ އެ މަގާމުގައި ހުންނެވި ދުވަސްވަރު ސަރުކާރުގައި ހިނގި ކަންތައްތަކާ ބެހޭ ގޮތުން ލިޔުއްވި ފޮތެއްގައި ވިދާޅުވެއްޖެއެވެ.

ޕޮމްޕިއޯ ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުން ނިޔުކްލިއާ ހަނގުރާމައަކަށް ދާން އުޅުނީ ކަޝްމީރުގައި އިންޑިއާ ސިފައިންނަށް ދިން ހަމަލާއަކަށް ފަހު، ޕާކިސްތާނުގައި އުޅޭ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށް ބުނެ އިންޑިއާއިން ހަމަލާތަކެއް ދިނުމުން ކަމަށެވެ. އޭރު ޕާކިސްތާނުން ވަނީ އިންޑިއާގެ އަސްކަރީ ދެ ޖެޓް ވައްޓާލައި ޕައިލެޓެއް އަތުލައިގަނެ ހައްޔަރުކޮށްފައެވެ.

ޕޮމްޕިއޯ ލިޔުއްވި "ނެވާ ގިން އެން އިންޗް: ފައިޓިން ފޯ ދަ އެމެރިކާ އައި ލަވް"ގައިވާ ގޮތުން ފެބްރުއަރީ 2019ގައި އިންޑިއާ އާއި ޕާކިސްތާން ނިޔުކްލިއާ ހަނގުރާމައަކާ ގާތްވީ ކިހާ ވަރަކަށް ކަން ދުނިޔެއަށް އަދި އެނގިފައެއް ނުވެއެވެ.

"ހަގީގަތަކީ އޭގެ ސީދާ ޖަވާބު އަޅުގަނޑަކަށް ވެސް ނޭނގޭ. އެކަމަކު އެނގޭ އެއްޗަކީ ހަނގުރާމަ ނުފަށައި އޮތީ ހަމަ ކިރިޔާކަން," އެ ފޮތުގައިވެއެވެ.

ޕޮމްޕިއޯ ވިދާޅުވީ އެ ދެ ގައުމު ހަނގުރާމައާ ގާތްވެފައިވާކަމުގެ މައުލޫމާތު ލިބުނީ ހަނޯއީގައި އޮތް ސަމިޓެއްގައި ހުންނަވަނިކޮށް ކަމަށެވެ. އެއީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދެކޮޅަށް މަޝްވަރާ ކުރުމާ ބެހޭ ގޮތުން ބޭއްވި ސަމިޓެއް ކަމަށާއި، އެ ދުވަސް ދުވަހަކުވެސް ހަނދާނުން ނުފިލާނެ ކަމަށް ޕޮމްޕިއޯ ވިދާޅުވިއެވެ.

ޕޮމްޕިއޯގެ އެ ވާހަކަތާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުން ވެސް މިހާތަނަށް ވަކި އެއްޗެކޭ ނުބުނެ އެވެ.

ކަޝްމީރުގެ މިލްކުވެރިކަމަށް އިންޑިއާ އާއި ޕާކިސްތާނުން ވެސް ދައުވާ ކުރި ނަމަވެސް ދެ ގައުމުން ވެސް ކޮންޓްރޯލް ކުރަނީ އެ ސަރަހައްދުގެ ވަކި ބައިތަކެވެ.

ނިއުކްލިއާ ހަތިޔާރު ގެންގުޅޭ އަވަށްޓެރި ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުން ވަނީ އިނގިރޭސިންގެ އަތްދަށުން މިނިވަންވެ، 1947 ވަނަ އަހަރު ބައިބައިވުމަށް ފަހު ތިން ހަނގުރާމައެއް ކޮށްފައެވެ. އެ ތިން ހަނގުރާމަ ވެސް ކުރީ ކަޝްމީރު މައްސަލައިގައެވެ.

comment ކޮމެންޓް