ތޮއްޑޫ އާއި ދުވާފަރުގައި ކުޅިވަރު ދަނޑުތައް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ދުވާފަރުގައި އައުޓްޑޯ ވޮލީކޯޓު އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ ތެރެއިން-- ފޮޓޯ/ޔޫތް މިނިސްޓްރީ

އއ. ތޮއްޑޫގައި ބެޑްމިންޓަން ދަނޑަކާއި ރ. ދުވާފަރުގައި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް ސްޕޯޓްސް މިނިސްޓްރީއިން ބަޔަކާ މިއަދު ހަވާލުކޮށްފިއެވެ.

ތޮއްޑޫގައި އެޅުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން ކޯޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިއާކް ޕްރައިވެޓް ލިމިޓެޑާއެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން މިއަދު މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެގްޒެކްޓިވް ޑިރެކްޓަރު ޙައްވާ ނިހްލާއެވެ. ސިއާކްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސިރާޖެވެ.

ތޮއްޑޫ ބެޑްމިންޓަން ކޯޓު އެޅުމުގެ މަސައްކަތް އެޅުމަށް ހަވާލުކުރުމުގެ ތެރެއިން-- ފޮޓޯ/ޔޫތް މިނިސްޓްރީ

މި މަސައްކަތުގެ ޖުމްލަ އަގެއްގެ ގޮތުގައި 4.9 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު، 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ.

ރ. އަތޮޅު ދުވާފަރުގައި އައުޓްޑޯ ވޮލީކޯޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ޓްރިއޯ ލިންކް އިންވެސްޓްމަންޓާއެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ފުޢާދެވެ. ޓްރިއޯ ލިންކް އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ޔޫސުފް ނިމާލެވެ.

ދުވާފަރުގައި އައުޓްޑޯ ވޮލީކޯޓު އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ ތެރެއިން-- ފޮޓޯ/ޔޫތް މިނިސްޓްރީ

މި މަސައްކަތުގެ ޖުމްލަ އަގަކީ، 1.13 މިލިއަން ރުފިޔާއެވެ. އެއްބަސްވުމުގައި ވާގޮތުން މި މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން ވަނީ މި ހަފުތާގެ ތެރޭގައި ގިނަ ރަށްރަށެއްގެ ކުޅިވަރު ދަނޑުތައް އެޅުމަށް އިއުލާނުކޮށްފައެވެ. މީގެ އިތުރުން ބައެއް ރަށްރަށުގައި ކުރިން ހަދަންފަށައި، ނުހެދި ހުރި ބައެއް ދަނޑުތައް ހެދުމުގެ މަސައްކަތްވެސް ޔޫތް މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް