ލޯނު ނުދައްކާ އެތައް ކުދިންނެއް މި ސަރުކާރު އައި ފަހުން ލޯނު ދައްކަން ފަށައިފި: ހަޔާ އެޑިއުކޭޝަން

މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން --- ސަން ފޮޓޯ/ ނާއިލް ހުސައިން

މަތީ ތައުލީމު ހާސިލްކުރުމަށް ދަރިވަރުންނަށް އެކި ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ނުދައްކާ ގިނަ ކުދިންތަކެއް ލޯނު ދައްކަން ފެށީ މި ސަރުކާރު އައި ފަހުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ހަޔާ އެޑިއުކޭޝަންގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ވަނީ، ލޯނުތަކަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތް އެ މިނިސްޓްރީން ކޮށްފައި ނުވާކަމަށް ބުނެފައެވެ. އަދި އެ މިނިސްޓްރީގެ ފަރާތުން ބަލަހައްޓާ ލޯނުތަކަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ސައްހަކަން ކަށަވަރުވެފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ނިޔަލަށް ހަޔާ އެޑިއުކޭޝަނުން ލޯނު ނަގާފައިވާ ފަރާތްތަކުން ލިބެންޖެހޭ ފައިސާގެ އަދަދު އުޅެނީ 2.5 ބިލިއަން ރުފިޔާގައެވެ. މީގެ ތެރެއިން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ އަދަދު އުޅެނީ 1.9 ބިލިއަން ރުފިޔާގައެވެ. އަދި މީގެ ތެރެއިން ނުދައްކާ (އޯވަޑިއު)ގެ ގޮތުގައި ލިބެންޖެހޭ އަދަދު އުޅެނީ 186.4 މިލިއަން ރުފިޔާގައެވެ.

އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއީލް ޒަބީހު މިއަދު "ސަން"އަށް ވިދާޅުވީ ތައުލީމީ ލޯނު ސްކީމުތަކަށް ދަރިވަރުން ދައްކަން ޖެހޭ ފައިސާ ނުދައްކާތީ އެ ފައިސާ ހޯދަން އެ މިނިސްޓްރީން މަސައްކަތް ކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި އޮތް އޮތުން މިނިސްޓްރީން ބަލައިނުގަންނަ ކަމަށެވެ.

އެގޮތުން އެކި ދަރިވަރުން ލޯނު ދައްކަން ފަށާނީ ވެސް ވަކި ތާރީޙެއްގެ ފަހުން ކަމަށާއި އެ ލޯނު ދައްކާ ނިންމުމަށް އެ ދަރިވަރުންނަށް ދީފައިވާ މުއްދަތުވެސް ތަފާތު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުގެ މަތިން އެ މިނިސްޓްރީން ފައިސާ ހޯދަން ޖެހި ނަމަވެސް ފައިސާ ނުހޯދި ހުރި ވަރަކީ 1.9 ބިލިއަން ރުފިޔާ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކަލެކްޓް ނުކުރެވި ހުރި ވަރަކީ އޮޑިޓް ރިޕޯޓުގައި (އޯވަޑިއު)ގެ ގޮތުގައި ލިބެންޖެހޭ އަދަދު ކަމަށް ފާހަގަކޮށްފައިވާ 186.4 މިލިއަން ރުފިޔާ،" އޭނާ ވިދާޅުވިއެވެ.

ޒަބީހު ވިދާޅުވިގޮތުގައި މި ސަރުކާރު އައުމުގެ ކުރިން ތައުލީމީ އެ ސްކީމްތަކުގެ ދަށުން ލޯނު ނުދައްކާ ހުރި އެތައް ކުދިންނެއް ވަނީ މި ސަރުކާރު އައުމަށް ފަހު ވަކި އުސޫލެއްގެ މަތިން ލޯނު ދައްކަން ފަށާފައެވެ.

އެގޮތުން އެފަދަ ކިތަންމެ ކަމަށް މިނިސްޓްރީގެ ސަމާލުކަމަށް އައިސް އެ ދަރިވަރުންނަށް ގުޅައި އަދި ސިޓީ ފޮނުވާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ދަރިވަރުންނާ ވާހަކަދައްކައިގެން ފައިސާ ދެއްކުމުގެ ވަކި އުސޫލެއްގެ ދަށުން އެ ދަރިވަރުންނަށް ވެސް އުނދަގޫ ނުވާނެ ގޮތަކަށް ފައިސާ ދެއްކުމުގެ މަގު ފަހިކޮށްދީފައިވާ ކަމަށެވެ.

ޒަބީހު ވިދާޅުވީ ފައިސާ ހޯދުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މި ސަރުކާރު އައި ފަހުން މަސައްކަތްތަކެއް ކުރެވިފައި ހުންނާނެ ކަމަށެވެ.

"މީގެ ކުރިން އޭރަކު ނަގާފައިވާ ލޯނަށް ފައިސާ ދެއްކިޔަސް ނުދެއްކިޔަސް އިތުރު ލޯނުތައް ދޭނެ. އެކަމަކު މި ސަރުކާރު އައި ފަހުން ބަދަލުކުރީ ކުރިން ހުރި ލޯނުތަކަށް ފައިސާ އެއްކޮށް ދެއްކީމަ އިތުރު ލޯނު ލިބޭ ގޮތަށް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޒަބީހު ވިދާޅުވީ މީގެ ކުރިން މިގޮތަށް ދޫކުރެވޭ ފައިސާއަށް ވާނުވާ ކުރިން އެނގެން ނޯންނަ ކަމަށެވެ. އެގޮތުން މިހާރު ފައިސާ ދެއްކި މީހުންނާއި ނުދައްކާ މީހުން ނުވަތަ ފައިސާއަށް ވާ ގޮތެއް ހާމަކުރާ ގޮތަށް ނިންމީ ވެސް މި ސަރުކާރު އައި ފަހުން 2019 ވަނަ އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިނިސްޓްރީގެ މަސައްކަތްތަކަށް ބަލާއިރު ތައުލީމީ ސްކީމްތަކުގެ ދަށުން ދޫކުރާ ލޯނުތަކަށް މިނިސްޓްރީއަށް ލިބެން ޖެހޭ ފައިސާ ހޯދައި އެކަންކަން އެންމެ ރަނގަޅަށް ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަތީ ތައުލީމަށް ދޫކޮށްފައިވާ ލޯނުތަކަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ހަޔާ އެޑިއުކޭޝަނުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ލޯނު ދައްކަން ޖެހޭ ކުދިން ގޮވައިގެން ކޯޓަށް ނުދާތީ ކަމަށް ޒަބީހު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް