ދިއްދޫ ކައުންސިލް އެސްޖީ ދޮގު މައުލޫމާތު ދިން މައްސަލަ ފުލުހުން ތަހުގީގުކުރަނީ

އދ. ދިއްދޫ: ދިއްދޫ ކައުންސިލް އެސްޖީގެ ދެމަފިރިން އޭޖީއަށް ދޮގު މައުލޫމާތު ދިން މައްސަލަ ވަނީ ތަހުގީގު ކުރަން ފަށައިފަ --- ފޮޓޯ/ އަހުމަދު މަހުލޫފް

އދ. ދިއްދޫ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލާއި އޭނާގެ ފިރިމީހާ، ފޯޖުކޮށްފައިވާ ބޭންކު ސްޓޭޓްމަންޓްތައް އޮޑިޓް އޮފީހަށް ހުށަހަޅައި ދޮގު މައުލޫމާތު ދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި އދ. ދިއްދޫ ކައުންސިލްގެ 2022ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، އެ ކައުންސިލުން އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓްގެ ބޭންކް ސްޓޭޓްމަންޓް ފޯޖުކޮށް އޮޑިޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލްގެ ތިޖޫރީގައި 2022ވަނަ އަހަރުގެ އޮގްސްޓު ތިންވަނަ ދުވަހު ހުރި ފައިސާގެ ތެރެއިން 5،500 ރުފިޔާ އެ އިދާރާގެ ބޭންކު އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅުވައި، ފުލުހުން މިއަދު މީޑިއާތަކާ ހިއްސަކުރި މެސެޖެއްގައި ބުނީ، ދިއްސޫ ކައުންސިލްގެ ކުރީގެ ފައިނޭންސް އެންޑް އައިޓީ ކޮންސަލްޓަންޓު ޚިޔާނާތްވެފައިވާ ކަމަަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ސިޓީއަކުން އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

https://sun.mv/196087

އެ މައްސަލައިގައި ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އޮޑިޓުން ބެލި ބެލުމުން 21 މެއި 2023 ވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް އެކައުންޓުން އެސްޖީގެ ފިރިމީހާގެ އަމިއްލަ އެކައުންޓަށް ސަރުކާރު އިމާރާތްތަކުގެ ކަރަންޓު ބިލު ދެއްކުމަށާއި އެ އިދާރާއަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް އެކި ފަހަރުމަތިން ޖުމްލަ 138،517.99 ރުފިޔާ ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް، އެ ފައިސާއިން ގަނެފައިވާ އެއްޗެއްގެ ބިލެއް އަދި ބާކީ ފައިސާ ވެސް ލިބިފައި ނުވާކަމަށް އޮޑިޓުގައި ވެއެވެ.

އެކަން އެނގުނު ހިސާބުން، ކައުންސިލްގެ ހުރިހާ މުވައްޒަފުންގެ ހާޒިރުގައި ބޭއްވި ބައްދަލުވުމެއްގައި އެސްޖީ އެކަމަށް އެއްބަސްވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ވެސް ކައުންސިލަށް އޭނާ ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވި ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

comment ކޮމެންޓް