ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މއ. މަނާގޭ އަލީ ފާއިޒު މިއަދު އައްޔަންކުރައްވައިފިއެވެ.
އޭނާ މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އަލީ ފާއިޒަކީ ނިމިދިޔަ 2022 ވަނަ އަހަރު ފޮރިން މިނިސްޓަރުގެ ނައިބުކަމުގެ މަގާމާއި، 2021 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ބޯޑުގައި މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި، އޭނާ ވަނީ މީގެކުރިން ބ. އަތޮޅުގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

އަލީ ފާއިޒު ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
މީގެއިތުރުން، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގައި ގިނަ ދުވަސްތަކެއް ވަންދެންވެސް ޚިދުމަތްކުރައްވާފައިވެއެވެ. އަލީ ފާއިޒު ވަނީ 2012 ވަނަ އަހަރު ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުވެސް ފުރުއްވާފައެވެ.
މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ކެބިނެޓުގެ އެހެން ވަޒީރުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.