ނަސޭހަތުގެ ބޯޑާއެކު ބުފޭގެ އިސްރާފު ބޮޑުތަނުން ދަށަށް!

ތަފާތު ގިނަ ކާބޯތަކެތި ހިމެނޭ ބުފޭތަކުން ކެއުމަކީ އާ ކަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް ބުފޭއެކޭ ބުނެފިނަމަ ކޮންމެ މީހެއްގެ ވެސް ސިކުނޑިއަށް އެންމެ ފުރަތަމަ އަންނާނީ ހާބަރު ފުޑް ކޯޓުތަކެވެ. އެ ތަނުގައި ހުންނަ ކޮންމެ ކެފޭއެއްގައި ވެސް ތަފާތު އަގުތަކުގައި އެކި ޒާތްޒާތުގެ ކެއުންތައް ތައްޔާރުކޮށްފައި ހުރެއެވެ.

ހާބަރު ފުޑް ކޯޓު -- ސަން ފޮޓޯ

ބަނޑުހައިވެ، ރަނގަޅު އެއްޗެއް ކާ ހިތްވެފައި ހުރުމުން މިއަދު ހާބަރު ފުޑްކޯޓަށް ދިޔައީ އެހެންވެއެވެ. ފަހަރަކު ތަނެއް ބަލަމުން، ބަލަމުން ދިޔައީމެވެ. ހުރިހާ ކެފޭތައް ބަލަމުން ދިޔައިރު އެއް ކެފޭއަކުން މާ ތަފާތު ކަމެއް ފާހަގަވިއެވެ.

އަތުރައިފައި ހުރި ކާ އެއްޗެހީގެ ފަހަތުގައި ބަހައްޓައިފައި ހުރި ބޯޑެއްގައިގައިވާ އިލްތިމާސެކެވެ.

ކެފޭގައި ބަހައްޓައިފައި ހުރި ބޯޑު -- ސަން ފޮޓޯ

"ބާޒާރުގައި ކާބޯތަކެތި ވަަރަށް އަގުބޮޑުވެއްޖެ. އެއްވެސް ބޭފުޅަކު އިސްރާފުނުކުރައްވާ. ތަކެތި ހެޔޮ އަގުގައި ވިއްކޭނީ ތި ހުރިހާ ބޭފުޅުންގެ އެއްބާރުލުން ލިބިގެން،" އެ ބޯޑުގައި ލިޔެފައިވެއެވެ.

މިއީ ރެސްޓޯރަންޓުގެ ޚިދުމަތާއި ކޭޓަރިންގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ސައުތު ކޭޓަރިންއިން ހާބަރުގައި ހިންގާ ސައުތު ބީޗު ކެފޭގައި ބަހައްޓައިފައިހުރި ބޯޑެކެވެ.

މިއީ، ކިހިނެއްވާ ކަމެއްތޯ ބަލައިލުމުގެ ގޮތުން އެ ކެފޭގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަބްދުﷲ ޝަކީބާ ވާހަކަދައްކާލީމެވެ.

ޝަކީބް ބުނާ ގޮތުގައި ބުފޭއިން ކާ ތަކެތި އަޅައިނަމަ އިސްރާފުގެ ގޮތުގައި އުކައިލަން ޖެހޭ ބައި ގިނަވުމަކީ ވަރަށް އާންމު ކަމެކެވެ. އަދި އެއީ މާ ބޮޑު ވިސްނުމެއް ދެވިފައި އޮތް ކަމެއް ނޫންކަމަށް ވެސް ޝަކީބް ބުންޏެވެ.

އެހެންވެ ކާބޯތަކެތީގެ އިސްރާފު ކުޑަކުރުމަށް ބާރު އަޅައި، އެ މެސެޖު ފޯރުކޮށްދިނުމަކީ ސީދާ ސައުތު ކޭޓަރިންގެ ޗެއާމަން މުހައްމަދު ތައުފީގުގެ އިސްނެންގެވުމުގެ މަތިން ކުރި ކަމެއްކަމަށް ވެސް ޝަކީބް ފާހަގަކުރިއެވެ.

"ސީދާ އޯނަރު ހަމަ، ސައުތު ކޮމްޕެނީގެ ޗެއާމަން ތައުފީގުގެ މެސެޖެއްގެ ގޮތުގައި ހަމަ އަޅުގަނޑުމެން މި ކަން ކުރަނީ. އަޅުގަނޑުމެން ހުންނާނެ އަޅުގަނޑުމެން ހިންގާ ހުރިހާ ކެފޭ ރެސްޓޯރަންޓެއްގައި މި މެސެޖު ފެންނާނެހެން ބަހައްޓައިފައި. މަސް މާރުކޭޓު ހޮޓާ މަތީގައި ވެސް އަދި އެހެން ތަންތަނުގައި ވެސް ހުންނާނެ،" ޝަކީބް ބުންޏެވެ.

އޭނާ ބުނީ، ހުރިހާ ގޮތަކުން ބެލިނަމަވެސް އިސްރާފުކުރުމަކީ ގޯސްކަމެއް ކަމަށެވެ. އަދި އެ ކަމާމެދު ކަސްޓަމަރުން ހޭލުންތެރިކޮށް ކެއިންބުއިމުގައި ރަނގަޅު އާދައެއް ގެންގުޅުމަށް ބާރު އެޅުމަކީ ވެސް އެފަދަ މެސެޖެއް ދިނުމުގެ ބޭނުމެއްކަމަށް އޭނާ ބުންޏެވެ.

ހަމައެއާއެކު ގިނަ ބަޔަކަށް އެ މެސެޖު ފެންނާނެހެން ބަހައްޓަފައި ހުރުމުން އޭގެ ރަނގަޅު ނަތީޖާ ފެންނަކަމަށް ވެސް ފާހަގަކުރިއެވެ.

ބުފޭއެއްގައި އަތުރައިފައި ހުރި ބައެއްް ތަކެތި -- ސަން ފޮޓޯ

"އިސްރާފުކުރުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ގޯސްކަމެއް. އެއީ އަސްލު ދޭން ބޭނުންވާ މެސެޖަކީ. މެސެޖު އެގޮތަށް ބަހައްޓައިފައި ހުރުމުގެ ސަބަބުން ކުރިއެރުން ލިބޭ. ކައި ނިމިގެން ވޭޓަރުން ލައްވައި ތަށިތައް ނަގާއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ހަމަ ބޯޑު ބެހެއްޓިފަހުން ފުދޭވަރަކަށް ހަމަ ކުރިއެރުން ލިބޭކަން. ގާތްގަނޑަކަށް 75 ޕަސެންޓުވަރު[އިސްރާފް] ކުޑަކުރެވިއްޖެ،" އޭނާ ބުންޏެވެ.

އާންމު ގޮތެއްގައި ސައުތު ބީޗު ކެފޭއިން މެންދުރު ބުފޭއަށް ތައްޔާރުކުރަނީ 300 ނުވަތަ 200 މީހުންނަށްވާ ވަރަށެވެ. އެކި ދުވަހުގެ ޑިމާންޑު އޮންނަ ގޮތުން 100އަށްވުރެ ގިނަ މީހުން ބުފޭއިން ކާ ދުވަސްތައް ވެސް ދެއެވެ. ބައެއް ދުވަސް ދުވަހު އެއަށްވުރެ ގިނައެވެ. ކާއެއްޗެހި ބާކީވާ ދުވަސްތައް ވެސް މަދެއް ނޫނެވެ.

އެހެންނަމަވެސް ބުފޭއަކަށް ކައްކާ އެއްވެސް ކެއުމަކީ އެ ވަގުތެއް ނިމުމުން އުކައިލައި އެއްޗެއް ނޫން ކަމަށާއި އޭގެން ކޮންމެވެސް އެހެން ބޭނުމެއް ކުރާ ކަމަށް ޝަކީބް ބުންޏެވެ.

އިސްރާފްވެ އުކާލަން ޖެހެނީ ކަސްޓަމަރުން ތައްޓަށް އެޅުމަށް ފަހު ނުކައި ހުންނަ ބައި އެކަނި ކަމަށް އޭނާ ބުންޏެވެ.

"އަސްލު ކާބޯތަކެތީގެ ވިޔަފާރީގައި އަސްލު އެގޮތަށް ވަރަށް ވޭސްޓު ނާންނާނެ. އެ ބޭނުން ކުރެވޭނެ ކޮންމެވެސް އެހެން ގޮތަކަށް. މެންދުރު ބުފޭއަށް ނަގާ އެއްޗެހިން ބާކީވާ އެއްޗެހި އުކައެއް ނުލެވޭނެ. އޭތި ބޭނުންކުރެވޭނެ. މިސާލަކަށް މަސްގަނޑެއް މޮޑެގެން ނަމަވެސް އެހެން ގޮތަކުން ނަމަވެސް. އެއީ ހަަމައެކަނި މިތަނެއް ނޫން. އެހެން ތަންތަނުގައި ވެސް،" ޝަކީބް ބުންޏެވެ.

ޝަކީބު ބުނީ، ބޮޑުކުރި ޖީއެސްޓީގެ ސަބަބުން ދެ ޕަސެންޓު އިތުރުވުމުން އަގުތަކުން ކޮންމެވެސް ވަރަކަށް ބޮޑުވުމެއް ފާހަގަވި ނަމަވެސް އެއީ އަތްނުފޯރާ ފަށަށް ބޮޑުވި އަގުތަކެއް ނޫން ކަމަށެވެ.

އެހެންކަމުން އެކަމަށް އާންމުން ހޭލުންތެރިވެ، ހެޔޮ އަގުގައި ޚިދުމަތްތައް ހޯދަން އެދޭނަމަ އިސްރާފުކުރުން ކުޑަކުރުން މުހިންމުކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް