ޒިންމާ އަދާ ނުކުރެވޭކަމަށް ތުހުމަތުކޮށް އިދިކޮޅުން ޕީއެސްއެމްއަށް

އިދިކޮޅު ކޯލިޝަންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އެ ކޯލިޝަންގެ ލީޑަރުން، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދާއި، ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލު ކުރަނީ--- ފޮޓޯ/ ޕީޕީއެމ

އިދިކޮޅު ކޯލިޝަންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެ ކޯލިޝަންގެ ލީޑަރުން، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދާއި، ޕީއެސްއެމްގެ އިސްވެރިންނާ މިއަދު ބައްދަލުކޮށްފިއެވެ.

އެ ކޯލިޝަނުން ބުނީ އެ ބައްދަލުވުމުގައި ޕީއެސްއެމްގެ ޗެނަލްތަކުން އިދިކޮޅަށް ފުރުސަތު ނުލިބޭކަމާއި، ހަމަހަމަ ކަމާއެކު ޚަބަރުތަކުން ފުރުސަތު ނުލިބޭ ޝަކުވާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ މީޑިއާއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަނަކަށް ވުމާއެކު ރައްޔިތުންނަށް ދެފަރާތް ފެންނަގޮތަށް ޚަބަރުތައް ގެނެސްނުދެވޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

އެ ކޯލިޝަނުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެޕްމެއިން ހަރަކާތް ކުރިއަށް ގެންދިއުމަށް ޕީއެސްއެމްއިން އެހީތެރިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ ތެރޭގައި ވެސް ރައީސްގެ ހަރަކާތް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް އިދިކޮޅުން ބުންޏެވެ.

އޭގެ އިތުރުން ޕީއެސްއެމްގެ ގާނޫނުގައިވާ ކަންކަން ތަންފީޒު ކުރުމުގައި ޕީއެސްއެމްގެ ބޯޑާއި މެނޭޖްމަންޓް އިހުމާލުވެފައިވާ ކަމުގެ އަޑުތައް އިވެމުންދާތީ އެކަމާ ގުޅޭ މަޝްވަރާ ކުރެވުނު ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.

"އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއް ހުރި އިރު އެއްވެސް ގޮތަކަށް އިދިކޮޅުގެ ވާހަކަތައް ޚަބަރުގައި ވެސް ގެނެސްނުދެވޭ ކަމާއި، ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާއި ގުޅިގެން އިދިކޮޅުގެ ބަހެއް ހޯދާނުލާތީ އެކަންވެސް ހިއްސާ ކުރެވުނު،" އެ ކޯލިޝަނުން ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ޕީއެސްއެމްގައި ތިބި ފަންނީ އަދި ގިނަ ދުވަސްވީ މުވައްޒަފުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލެވި، އަދި ޚިދުމަތްތެރި އެތައް މުވައްޒަފުންނެއް މެނޭޖްމެންޓާ މެދު ހިތްހަމަ ނުޖެހިގެން ކެނޑިގެން ގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރި ކަމަށެވެ. އަދި
ޕީއެސްއަމްއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިދިކޮޅުން އިލްތިމާސް ކުރި ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.

އެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ފާއިތުވި ޑިސެމްބަރު މަހު ވެސް އެ ކޯލިޝަނުން ވަނީ ޕީއެސްއެމްއަށް ގޮސްފައެވެ. ނަމަވެސް އެފަހަރު އަލީ ޚާލިދާ ބައްދަލު ނުވި ކަމަށް ބުނެ އެ ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރިއެވެ.

އެކަމާ ގުޅިގެން އަލީ ޚާލިދު ވިދާޅުވީ އެދުވަހު ލީޑާޝިޕާ ބައްދަލުކުރަން ދެކޮޅު ހެދީ ނޫން ކަމަށާއި އެވަގުތު ދިޔައީ ކުރިން ރާވާފައި އޮތް ބައްދަލުވުމަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ ބައްދަލުވުން އޮންނަކަން ކުރިން އޭނާއަށް އެނގިފައި އޮތް ނަމަ ވަގުތު ހުސް ކުރީސް ކަމަށެވެ. އަދި، ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށާއި އަބަދުވެސް މަޝްވަރާއަށް ދޮރުތައް ހުޅުވާލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ޚަބަރުތައް ވެސް ޕީއެސްއެމުން ގެނެސްދޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޕާޓީގެ ކަންކަމަށް ޖެހޭނީ ވަގުތު ގަންނަން ކަމަށާއި އެކަން އެ ބޭފުޅުންނަށް ވެސް އެނގިލައްވާނެ ކަމަށެވެ.

comment ކޮމެންޓް