އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުޙައްމަދު ޢިޔާޒު ޢަބްދުއްލަތީފު މެރުމަށް، މީސްމީޑިއާގައި ގޮވާލި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފިއެވެ.
ޑރ. ޢިޔާޒު މެރުމަށް ގޮވާލާ އިންޒާރުދިން މައްސަލައާ ގުޅިގެން އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށްއެދި ފުލުހުންގެ ޚިދުމަތަށް ޢަދާލަތު ޕާޓީގެ ފަރާތުން އެދިފައިވާ ކަމަށެވެ.
މީސްމީޑިއާ މެދުވެރިކޮށް ޑރ. ޢިޔާޒަށް އިންޒާރު ދީ މީހަކު ބުނެފައިވަނީ ރާއްޖޭގައި ދިރިއުޅޭ މުސްލިމުންގެ ހައްގުގައި ޑރ. ޢިޔާޒު ދަންޖައްސާ މެރުމަކީ ވާޖިބެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޑރ. ޢިޔާޒަށް މަރުގެ އިންޒާރު ދިނުމަކީ ސިޔާސީ ވެގެން ގޮސް ހައްދު ފަހަނައަޅާފައިވާ ކަމުގެ އަލާމާތެއް ކަމަށެވެ.
އެކަން ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، މައްސަލައިގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ވެސް ޝައިޚް ޢަލީ ޒައިދު ވަނީ ގޮވާލައްވާފައެވެ.