ރަންބީރްއާއި ޝްރަދާގެ ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފި

ކުރިޔަށްއޮތް މާޗް މަހުގެ އަށް ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ތޫ ޖޫތީ މޭ މައްކާރް"ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

ބަތަލާ ޝްރަދާ ކަޕޫރާއި އެކްޓަރު ރަންބީރު ކަޕޫރު ފުރަތަމަ ފަހަރަށް އޮން ސްކްރީނުން ފެނިގެންދާ މި ފިލްމަކީ، ލަވް ރަންޖަންގެ ރޮމޭންޓިކް ކޮމެޑީއެކެވެ. ދެހާސް ނަވާރަ ވަނަ އަހަރު އިޢުލާނުކުރި މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރުމަށް ނިންމާފައިވަނީ 2021 ވަނަ އަހަރުގެ މާޗް މަހުއެވެ. އެހެންނަމަވެސް ކޮވިޑް-19އިގެ ބަލިމަޑުކަމާއެކު މި ފިލްމުގެ މަސައްކަތް މަޑުޖައްސާލުމަށްފަހު ފިލްމު އަލުން ރިލީޒްކުރުމަށް ދެ ތާރީޚެއް ކަނޑައެޅުނެވެ. އެހެން ނަމަވެސް ފިލްމު ޝޫޓިންގް އެކި ސަބަބުތަކާއިހެދި ލަސްވުމުން މި އަހަރު ފިލްމު ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.

ލަވް ރަންޖަންގެ މި ފިލްމު ޚާއްޞަވާ މުހިއްމު ސަބަބުތަކުގެތެރޭގައި ކާމިޔާބު ޕްރޮޑިއުސަރު ބޮނީ ކަޕޫރު ސްކްރީނުން ފެންނާނެ އަލަތު ފިލްމަށް މި ފިލްމުވެގެން ދިއުން ހިމެނެއެވެ. ބަތަލާ ޑިމްޕަލް ކަޕާޑިއާއާ އެކު ބޮނީ ކަޕޫރު ފެނިގެންދާނީ އެކްޓަރު ރަންބީރު ކަޕޫރުގެ މައިންބަފައިންގެ ރޯލްއިންނެވެ.

ޓީ-ސީރީސްއާއި ލަވް ކުންފުނި ގުޅިގެން އުފައްދާ މި ފިލްމުގެ ރީތި މިއުޒިކް ތައްޔާރު ކޮށްދީފައި ވަނީ ހުނަރުވެރި މިއުޒިކް އުފެއްދުންތެރިޔާ ޕްރިތަމްއެވެ. ފިލްމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ރަންބީރު ކަޕޫރު ބުނެފައިވަނީ، ޝްރަދާއަކީ ކުޑައިރުއްސުރެ ވެސް ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ޝްރަދާއާއެކު ފިލްމު ސެޓުގައި ކުރެވުނު ތަޖުރިބާއާ މެދު ވަރަށް ހިތްހަމަޖެހޭކަމުގައެވެ. އަދި ކުރިއަށް އޮތްތަނުގައި ޝްރަދާއާއެކު ފިލްމުކުޅުމުގެ އިތުރު ފުރުޞަތުތަކެއް ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށް އެކްޓަރު ބުނެފައިވެއެވެ.

ޓްރެއިލާ ލޯންޗުކުރި އިވެންޓްގައި ވާހަކަދައްކަމުން ޝްރަދާ ކަޕޫރު ބުނެފައިވަނީ ރަންބީރު ކަޕޫރާއެކު މަސައްކަތް ކުރުމަށް އަބަދުވެސް ބޭނުންވި ކަމަށެވެ.

ފިލްމު "ތޫ ޖޫތީ މޭ މައްކާރް"ގެ ޓްރެއިލާ ރިލީޒްވުމާއެކު ގިނަ ބަޔަކަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ރަންބީރްއާއި ޝްރަދާގެ ކެމިސްޓްރީއެވެ. ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ލޯބިކަމަށް ބުނަމުން ފޭނުން ބުނެފައި ވަނީ މި ފިލްމު ބެލުމަށް މިހާރު ކެތްމަދުވެފައިވާ ކަމަށެވެ. މި ފިލްމަކީ، 2018 ވަނަ އަހަރު ލަވް ގެނެސްދިން ފިލްމު "ސޯނޫކޭ ޓީޓޫކީ ސްވިޓީ"އަށްފަހު ޑައިރެކްޓަރު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ. ފިލްމު ސިނަމާތަކަށް ގެނައުމަށްފަހު ވަރަށް އަވަހަށް ނެޓްފްލިކްސްގައި ޕްރިމިއާ ކުރާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް