ހެދުމުން ލައް ނުފިލާތަ؟

ޑިއޯޑްރެންޓް ލައްތައްހުރި ޓީޝާޓު ތަކެއް--ފޮޓޯ/ޕިންޓްރެސްޓް

ޑިއޯޑްރެންޓް ސްޓެއިން ނުވަތަ އެއިން ފޭރާމުގައި އުފެދޭ ލައްތަކަކީ ފަސޭހައި އުފެދި، ބައެއް ފަހަރު ފިލުވާލަން އުދަނގޫ ލައްތަކެކެވެ. މިއީ އެކަމަކު ތިޔަ ހީކުރާހާ އުނދަގޫ ކަމެއް ނޫނެވެ.

އޮފީހަށް ނުވަތަ އެހެން ވެސް މުހިއްމު ހަފުލާއަކަށް ދިއުމަށް އަޅަން ބޭނުންވި ރީތި ހެދުން ނުވަތަ ގަމީހުގައި ހުރި ޑިއޯޑްރެންޓް ލައްތަކާ ހެދި އެ ނުލެވިދާނެތީ މާޔޫސްވުމުގެ ބަދަލުގައި އެކަން ހައްލުކުރެވިދާނެ ގިނަ ގޮތްތަކެއް އެބަހުއްޓެވެ. އެހެންކަމުން ތިޔަ ބޭނުންކުރާ ހުދު ފޭރާމުގައި ހަރުލާފައި ހުރި ރީނދޫ ކުލައިގެ ލައްތަކާ އެކު ކަޅު ކުލައިގެ ފޭރާމުގައި ހުންނަ ހުދު ނިޝާންތަކުން ފިލުވާލަން އަވަސްވެގަންނާށެވެ.

ޑިއޯޑްރެންޓް ލައްތައް ހުރި ހިސާބު ފާހަގަކުރުމަށް ފަހު ނައިލޯން ފޭރާމުގެ އިސްޓާކީނަކުން ނުވަތަ ތުވާއްޔަކުން އެ ސަރަހައްދު ބާރަށް އުނގުޅާލާށެވެ. އެއަށް ފަހު އާދައިގެ މަތިން އަންނައުނު ދޮންނަ ގޮތަށް މެޝިނުން ހެދުންތައް ދޮވެލާށެވެ. މިއީ އާއްމު ގޮތެއްގައި ޑިއޯޑްރެންޓް ސްޓިކްއިން ހަރުލާ ލައްތަށް ފިލުވާލެވޭނެ ފަސޭހަގޮތެކެވެ.

ޑިއޯޑްރެންޓް ލައްތައް ފިލުވުމަށް ބޭނުންކުރެވިދާނެ ވަރަށް ގިނަ އުކުޅުތައް ހުރޭ--ފޮޓޯ/ޕިންޓްރެސްޓް
ލުނބޯ ހުތް އަދި ފެން އެއް ހަމައެއްގައި އެއްކޮށްލުމަށް ފަހު އަންނައުނުގައި ލައްތައް ހުރި ސަރަހައްދުގައި އުނގުޅާލާށެވެ. މިހެން ކަންތައް ކުރުމަށް ފަހު އަވީގައި ގަޑިއެއްހާއިރު ވަންދެން ބަހައްޓަން ވާނެއެވެ. އެއަށް ފަހު ދޮންނަ މެޝިނުން ރީތިކޮށް އަންނައުނު ދޮވެލުމަކީ ވެސް ލައްތައް ފިލާނެ ގޮތެކެވެ.

ލުނބޯ ހުތަކީ ގުދުރަތީ ބްލީޗެއް ކަމަށްވެފައި އިރުގެ އަލިން ލިބޭ އަވިން ލައްތައް ފިލުވާލުމަކީ ވަރަށް ފަސޭހަ ގޮތެކެވެ.

މީގެ އިތުރުން، ސާފު ހުދު ރާހުތް ބޭނުންކޮށްގެން ވެސް ފޭރާމުގައި ހުންނަ ޑިއޯޑްރެންޓް ލައްތައް ފިލުވިދާނެއެވެ. ޑިއޯޑްރެންޓް ލައްތައް ހުރި ސަރަހައްދު ރާހުތުން ތެންމާލުމަށް ފަހު އެއް ގަޑިއިރުވަންދެން ބަހައްޓާށެވެ. އެއަށް ފަހު ދަތް އުނގުޅާ ބުރުހަކުން މަޑުމަޑުން އުނގުޅާލުމަށް ފަހު މެޝިނުން ދޮވެލާށެވެ.

ހެދުމުގައި ހުންނަ ލައްތައް ފިލުވާލަން މަތީގައި ބަޔާންކުރެވުނު ގޮތްތައް ނޫނަސް އިތުރު އެހެން އުކުޅުތައް ގިނަ ބަޔަކު ބޭނުންކުރާއިރު އާއްމު ގޮތެއްގައި ބޭކިންގް ސޮޑާ ބޭނުންކޮށްގެން ލައްތައް ފިލުވުމަކީ ވެސް ވަރަށް އާއްމުކަމެކެވެ. ހާއްސަ އެސްޕިރިން ބޭނުންކޮށްގެން އަންނައުނުގައި ހުންނަ ލައްތައް ފިލުވުމަކީ ވެސް ބައެއް މީހުން ކޮށްއުޅޭ ކަމެކެވެ. އެކަމަކު، އެސްޕިރިން ބޭނުންކުރާއިރު އެއީ ހަމައެކަނި ހުދު ކުލައިގެ ފޭރާމަށް ހާއްސަ އުކުޅެއްކަން ހަނދާން ބެހެއްޓުން މުހިއްމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު