ސަރުކާރުގެ އާ އޮފީސް އިމާރާތް މަރްހޫމް އުމަރު ޒާހިރުގެ ނަންފުޅަށް

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސަރުކާރުގެ އާ އޮފީސް އިމާރާތް --- ސަން ފޮޓޯ

ހުޅުމާލޭގައި އަލަށް ތަރައްގީކޮށްފައިވާ ސަރުކާރުގެ އާ އޮފީސް އިމާރާތަށް އަލްމަރްހޫމް ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ނަންފުޅުން ނަންދީފިއެވެ.

އަލްމަރުޙޫމް އުމަރު ޒާހިރަކީ ގައުމީ ޚިދުމަތުގައި 50 އަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ އަކީ ގައުމީ ބޮޑެތި މަސައްކަތްތައް އަމަލީގޮތުން ހިންގެވުމާއި، އެމަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި، އިޖުތިމާއި އަދި ގައުމީ އެންމެހައި ކަންކަމުގައި ހަރަކާތްތެރިވެވަޑައިގަތުމުގެ ނަމޫނާ ޝަޚްސިއްޔަތެކެވެ.

މާލޭ ސަރަހައްދަށް އުމްރާނީ، ޒަމާނީ ތަރައްގީއާއި ކުރިއެރުން ގެނައުމުގައިވެސް އޭނާގެ ދައުރު ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި، މާލޭގެ މަގު ހެދުމުގެ މަޝްރޫއާއި، މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއާއި، ހުޅުމާލެ ތަރައްގީކުރުމުގެ މަޝްރޫއާއި، ކުނި ނައްތާލުމުގެ މަޝްރޫއޫގެ އިތުރުން ތިލަފުށި ހިއްކުމާއި އެކަމާ ގުޅޭ އެންމެހާ މަސައްކަތްތަކަކީ ސީދާ އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއުތަކެވެ.

އޭނާ ވަނީ 1953 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަގާމެއްވެސް ފުރުއްވާފައެވެ. ކޮވިޑްގެ ބަލިމަޑުކަން ތަހައްމަލް ކުރެއްވުމަށްފަހު އޭނާ ދުނިޔެ ދޫކުރެއްވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ހުޅުމާލޭގައި އަލަށް ތަރައްގީކޮށްފައިވާ ސަރުކާރުގެ އައު އޮފީސް އިމާރާތް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސަރުކާރުގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ނިންމެވީ، ބޮޑު ހޭދައެއްކޮށްގެން ސަރުކާރުގެ ގިނަ އޮފީސްތަކެއް ވަކި މުއްދަތެއްނެތި އަމިއްލަ ތަންތަން ކުއްޔަށް ހިފައިގެން ހިންގަންޖެހޭތީއެވެ. އެ އިމާރާތަށް ސަރުކާރުގެ އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަންނަ މަހުގެ 15 ވަނަ ދުވަހު އެ އިމާރާތް ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހަ ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި އޮފީސް އިމާރާތުގެ ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ޕާކިންއަށެވެ. އިމާރާތައް ބަދަލުކުރާ އޮފީސްތައް ހިންގާނީ ދެވަނަ ފަންގިފިލާއިން ފެށިގެން ފަސް ވަނަ ފަންގިފިލާއާ ހަމައަށެވެ. އަދި އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ޚާއްސަކޮށްފައިވަނީ މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑާއެވެ.

comment ކޮމެންޓް