18 މަސްވެރިންނާއެކު މަހަށްދިޔަ ދާންދޫ މަސްދޯންޏެއް ބިންދައިގެން ގޮސްފި

ފަހި ރޯދި މަސްދޯނި

ގއ. ދާންދޫން މަހަށްދިޔަ ފަހި ރޯދި މަސްދޯނި ރޭ ދަންވަރުގެ ވަގުތެއްގައި ބިންދައިގެން ގޮސްފިއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން ދޯނީގެ ވެރިފަރާތުގެ އާއިލާ މީހެއްކަމަށް ވާ ޒުބައިރު މުހައްމަދު ބުނީ، ދޯނި ބިންދައިގެން ދިޔަ ކަމުގެ މައުލޫމާތު ލިބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. ދޯނީގައި އެވަގުތު ތިބީ 18 ވަރަކަށް ފަޅުވެރިންކަމަށް އޭނާ ބުންޏެވެ.

"އެންމެންގެ ހާލު ވެސް ރަނގަޅު،" އޭނާ ބުންޏެވެ.

މި ހަދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާކަމަށް ޒުބައިރު ބުންޏެވެ.

އޭނާ ބުނީ، މިހާރު މަސައްކަތް ކުރަނީ، ދޯނީގައި ތިބި މަސްވެރިން ރަށަށް ގެނައުމަށް ކަމަށެވެ. އަދި ދެ ދޯންޏެއްގައި ކަފު ޖަހައިގެން ފަހި ރޯދި މަސްދޯނި ދާންދުއަށް ގެނައުމުގެ މަސައްކަތް ކުރާކަމަށް އޭނާ ބުންޏެވެ.

"ގެމަނަފުށި މަރުހަބާ ދޯނީގައާއި ކަނޑުހުޅުދޫ ސީ ހައުސް ދޯނީގައި މިހާރު އެ މަސްދޯނި ކަފުޖަހައިގެން ގެންނަނީ. އެ ދެ ރަށުގެ އޮޑިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ،" ޒުބައިރު ބުންޏެވެ.

މި ހާދިސާގެ ސަބަބުން ދެ މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވާނެކަމަށް އޭނާ ބުންޏެވެ.

"އެވަގުތު ދޯނީގަ ހުންނާނީ އެން. މަސް ބާނާފައެއް ނެތް،" ޒުބައިރު ބުންޏެވެ.

comment ކޮމެންޓް