ސްވިޑެން ސަރުކާރުން ޤުރުއާން އެންދުމަށް ހުއްދަ ދިން މައްސަލައާ ދެކޮޅަށް އަޑުއުފުލަން ސަރުކާރަށް ގޮވާލައިފި

އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިން މައްސަލަ އެންމެ ހަރުކަށިކޮށް ކުށްވެރިކޮށް، އެކަމާ ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިފައިވާތީ، އެކަން އެ ކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށިކޮށް ކުށްވެރި ކުރާ ކަމަށެވެ. އިދިކޮޅުން ބުނީ މުސްލިމުންނާ ދެކޮޅަށް ހިންގޭ އެފަދަ ލާދީނީ އަދި ލާއިންސާނީ ޙަރަކާތްތަކަކީ އެއްގޮތަކަށްވެސް އެ ކޯލިޝަނުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"މިކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި އެހެން ދީންތަކުގެ މީހުންގެ މެދުގައިވެސް ނަފްރަތާއި ރުޅިވެރިކަން އުފެދި ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ފުރުޞަތު ތަނަވަސްވެގެން ހިނގައިދާނޭ ކަމަށް ޤަބޫލުކުރެވެއެވެ." އެ ބަޔާނުގައިވެއެވެ.

އެހެންކަމުން ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމަށް ދީފައިވާ ހުއްދަ ބާޠިލުކޮށް ނަފްރަތާއި ރުޅިވެރިކަމަށް ޖާގަ ލިބޭ މިފަދަ ޢަމަލުތަކުން ދުރުވުމަށް އެންމެހާ ޤައުމުތަކަށް ގޮވާލާ ކަމަށެވެ. އަދި ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވާ، އެކަމާ ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ޤުރުއާން އަންދަން ހުއްދަ ދިނުމާ ދެކޮޅަށް މުސްލިމް ގައުމުތަކުން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމާ ދެކޮޅަށް އަޑުއުފުލާފައި--- ފޮޓޯ/ ސީއެންއެން

ކީރިތި ޤުރުއާން އެންދުމަށް ސްވިޑްންގެ ހަރުކަށި ސިޔާސީ ފަރާތްތަކުން ވަނީ އެއްވުމެއް ބާއްވާފައެވެ. އެ އެއްވުން ބާއްވާފައިވަނީ ސްވިޑްން ސަރުކާރުގެ ހުއްދައާއެކުގައި ކަމަށާއި އެއްވުމެއް ބާއްވާފައި ވަނީ ސްވިޑްންގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކައިރީގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މުސްލިމް ބައެއް ގައުމުތަކުން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. އެގޮތުން އެ ހަރަކާތް ހިންގުމާ ދެކޮޅަށް ސައުދީ އަރަބިއްޔާ، އުރުދުން، ކުވޭތުގެ އިތުރުން ތުރުކީވިލާތުން ވެސް ވަނީ އަޑު އުފުލާފައެވެ. އެ ހަރަކާތާ ގުޅިގެން ތުރުކީގެ ވަޒީރުންގެ ވަފުދެއް ސްވިޑްންއަށް ކުރަން ހަމަޖައްސާފައިވާ ދަތުރެއް ވަނީ ކެންސަލްކޮށްފައެވެ.

comment ކޮމެންޓް