ސީލައިފް ފްލެޓް މައްސަލާގައި އައްމަޓީއަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

ސީލައިފްގެ އެމްޑީ އަހުމަދު މޫސާ މުހައްމަދު ---

ފްލެޓު އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ކުރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.

އައްމަޓީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ، މާދަމާ މެންދުރު 13:00 ގައެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. މި ދައުވާތައް އުފުލާފައިވަނީ، ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ސީލައިފް އެޕާޓުމެންޓު ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި މައްސަލައިގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު އައްމަޓީ ހޯދުމަށް ވަނީ އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރެފައެވެ. އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ 2021 ވަނަ އަހަރުގެ މާޗް މަހުއެވެ.

ސީލައިފް އެޕާޓްމަންޓް ގަތުމަށް ފައިސާދެއްކި މީހުންގެ ތެރެއިން އެޗްޑީސީއަށް ލިޔެކިޔުންތައް ހުށައެޅި މީހުންނަށް ފައިސާ ރީފަންޑް ކޮށްދީފައިވާއިރު، އެމީހުނަށް އެޗްޑީސީން ވަނީ ވިނަރެސް ފްލެޓުތަކުން އެޕާޓުމަންޓު ގަތުމުގެ ފުރުސަތު ދީފައެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވާއިރު، އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

comment ކޮމެންޓް