ކަނޑު އުޅަނދުގެ ލައިސަންސާ ބެހޭ އާ ގަވާއިދުގެ ދަށުން ބޮޑު އަދަދުން ޖޫރިމަނާ ކުރާނެ

މެއި 14، 2020: މަސް ދޯނިތަކެއް މާލޭ މާރުކޭޓް ސަރަހައްދުގައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރާއްޖޭގެ އެތެރޭގައި ދުއްވާ ލޯކަލް ކަނޑު އުޅަނދުފަހަރުގެ ލައިސަންސާ ގުޅޭ އާ ގަވައިދެއް ނެރެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފައިވާ އެ ގަވާއިދުގައިވާގޮތުން ރާއްޖޭގައި ސަލާމަތީ ޚިދުމަތްތަކުގެ ބޭނުންތަކަށް ދުއްވާ އުޅަނދުތައް ދުއްވުމަށް ލައިސަންސް ނެގުމުން އިސްތިސްނާ ވާނެއެވެ.

ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށެވެ.

ލައިސަންސް ބާތިލުކޮށްފައިވަނިކޮށް ކަނޑުގައި ދުއްވާ އުޅަނދެއްދުއްވައިފިކަން ސާބިތުވެއްޖެނަމަ 10،000 ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

މި ގަވައިދުގެ ދަށުން ލައިސަންސް ބާތިލްކުރާނީ ކަނޑު އުޅަނދެއް ދުއްވުމުގައި ގަވައިދާ ޚިލާފުވެ އެކްސިޑެންޓެއް ހިނގައި މީހެއްގެ ނުވަތަ ބައެއްގެ ފުރާނަ ގެއްލި ނުވަތަ ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ ފަދަ ހާލަތެއް ދިމާވިކަން ފުލުހުންގެ ތަހުގީގުން ސާބިތުވުމުންނެވެ.

ހަމައެއާއެކު މި ގަވައިދުގައިވަނީ އުސޫލާ ޚިލާފަށް ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހަދައިދޭ ފަރާތްތަކަށް ވެސް އަދަބު ކަނޑައަޅައިފައެވެ.

އެގޮތުން ފަދަ ކަމެއްގެ ތުހުމަތުގައި ބައެއްގެ މައްސަލަ ތަހުގީގުކުރާއިރު އެ ބަޔަކަށް ލައިސަންސާ ބެހޭ އެއްވެސް މަސައްކަތެއް ހަވާލުނުކުރެވޭނެއެވެ. އަދި އެ މައްސަލަ ޝަރީއަތަށް ފޮނުވަން ވެސް ޖެހެއެވެ.

އެ ކަން ސާބިތުވެއްޖެނަމަ، އެ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާކޮށް، ކަނޑުގައި ދުއްވާ އުޅަނދުފަހަރާބެހޭ އެންމެހައި މަސައްކަތްތަކުން ސަސްޕެންޑް ކުރުންވަނީ އަދަބެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

އެއްވެސް ސަބަބަކާހުރެ، ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހިފެހެއްޓިފައި ވަނިކޮށް، ކަނޑުގައި ދުއްވާ އުޅަނދެއް ދުއްވި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށް 1،500 ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސްގައި އެކަން އެންޑޯޒްކުރުމެވެ. ދެވަނަ ފަހަރަށްނަމަ 3،000 ރުފިޔާއެވެ. ތިންވަނަ ފަހަރަށް ނަމަ 5،000 ރުފިޔާއިން ޖޫރިމަނާކޮށް އެއް އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމެވެ.

އާ ގަވައިދުގައިވަނީ ލައިސަންސް ދޫކުރުމާއި ހެއްދުމާއި، އެހެނިހެން ކަންކަމާ ގުޅުންހުރި މުހިންމު ގިނަ ކަންތައްތަކެއް ހިމަނައިފައެވެ.

މި ގަވައިދު ތަންފީޒުކުރާނީ އެ އިރެއްގައި ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ މިނިސްޓްރީއަކުންނެވެ. ގަވައިދަށް އަމަލުކުރަން ފަށާނީ ޖޫން މަހުގެ ތެރޭގައެވެ.

comment ކޮމެންޓް