އުންމީދީ އާ ޝަހަރު "ރަސްމާލެ" ހިއްކުމުގެ ބިޔަ މަޝްރޫއު ފެށުމަށް ޓަކައި އިއްޔެ ވެރިރަށް މާލެއިން ފުށިދިއްގަރު ފަޅަށް ކުރި ދަތުރަށް ހޭދަވީ ގާތްގަނޑަކަށް ވިއްސަކަށް މިނެޓެވެ.
މާލެއިން ގާތްގަނޑަކަށް 20 ކިލޯމީޓަރު ދުރުގައި އޮތް ފުށިދިއްގަރު ފަޅަށް ބާރަށް ދުވާ ލޯންޗެއްގައި ދަތުރުކުރިއިރު، މިއީ އާދައިގެ ދަތުރަކަށް ނުވާނެކަން ހަމަ ރަނގަޅަށް ވެސް ޔަގީންވިއެވެ.
ނަގަމުން ދިޔަ ކަނޑުގެ ބިޔަ ބާނިތަކާއި ރާޅުތަކުގައި މޫސުން ކިތަންމެ ހިތްގައިމު ނަމަވެސް ލޯންޗު ދިޔައީ 'އުދުހެމުން އެއްލައި ތަޅުވަމުން'ނެވެ.
ހަމަ ޔަގީނުން ވެސް މިއީ ބަލި މީހުންނާއި ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހަކަށް ކެތްވާނެ ވަރުގެ ގަދަ ދަތުރެއް ނޫނެވެ.
މިއީ މިހާރު ވެސް ގިނަ ބަޔަކު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރާ ކަމެކެވެ. އެ ގަދަ ކަނޑުގެ އިހުސާސްނުކޮށް މި ރަސްމާލެއަށް ދަތުރުކުރެވޭނެ ގޮތެއް އެއީ ރައްޔިތުން އެނގެން ބޭނުންވާނެ ކަމެކެވެ.
އެ ކަމަށް ވެސް އުންމީދީ ހައްލެއް ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ ހިއްސާކުރައްވައިފައެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީ، ގަދަ ކަނޑުގެ އިހުސާސެއް ނުވާނެ
ރަސްމާލެއާއި މާލެއާ ގުޅައިލާނެ ގޮތް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މާލެއާއި ރަސްމާލެއާ ދެމެދު ބޭނުންކުރާނީ އެންމެ ޒަމާނީ އެކްސްޕްރެސް ޓްރާންސްޕޯޓް ސިސްޓަމް ކަމަށެވެ.
"ކަނޑުގެ ރޯޅިން ނުވަތަ އޮއެގައި ނޫނިއްޔާމުން ރާޅުގައި އެހާ ބޮޑަށް އުނދަގޫ ނުވާކަހަލަ ދުއްވޭކަހަލަ ލޯންޗު ފަހަރުގެ ފެރީ ނިޒާމު އެބަހުރި މިހާރު ދުނިޔޭގައި. އެކަހަލަ ހައި ސްޕީޑު ފެރީ ނިޒާމު ގެނައުމަށް އަޅުގަނޑުމެން ނިންމައިފައިވޭ،" ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ފުށިދިއްގަރާ އެންމެ ކައިރި އޮތް ފަޅުގައި އިތުރު އެއާ ސްޓްރިޕެއް ގާއިމްކުރުމަކީ ވެސް ސަރުކާރުގެ ޕްލޭންގައި އޮތް ކަމެކެވެ.
ދުނިޔޭގައި މިހާރު ވެސް އެ ފަދަ ހައި ސްޕީޑު ޓެކްނޮލޮޖީތައް އެބަހުއްޓެވެ. އެހެންކަމުން އެއީ ދަތުރުފަތުރަށް އޮތް އުނދަގޫ ހައްލުވާނެ ކަމެކެވެ.
މިއީ ދިގު މުއްދަތުގެ ދާއިމީ ހައްލު، އެންމެ ބިޔަަ މަޝްރޫއު
ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން އަށް މަސްދުވަސް ތެރޭ 1153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެހެންކަމުން ފުށިދިއްގަރު ފަޅު އެކީގައި ހިއްކުމުން ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލުމުން ލިބޭނެ ބިމުގެ ގާތްގަނޑަކަށް ތިން ގުނަ ބިން އެބަ ލިބެއެވެ.
މިއީ އެތައް ލައްކަ ބަޔަކަށް ބޯހިޔާވަހިކަމުގެ ގޮތުން ބަލާނަމަ އޮތް ބޮޑު އުންމީދެކެވެ. ރަނގަޅަށް ތަރައްގީވެ، ނިމުމުން ވަޒީފާއާއި ޓެކްނޮލޮޖީގެ ޝަހަރެކެވެ. އުންމީދާއި ކުރިއެރުމުން މުޅި ރާއްޖެ އެހެން ހަރުފަތަކަށް ގެންދާނެ އިގްތިޞާދީ 'ރަސްމާލެ'އެކެވެ.
މާލެއާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް މިއީ މިހާރަށް އޮތް އެންމެ ބޮޑު އުންމީދެވެ.
"މި ފުށިދިއްގަރު ފަޅު ހިއްކި ނިމިގެން ދިއުމުން މާލޭގެ ރައްޔިތުންނަށް މި ޒަމާންތަކެއްވަންދެން ހައްލުނުވެ އޮތް ގެދޮރުގެ މައްސަލައަށް ތާއަބަދަށް، އިރާދަކުރެއްވިއްޔާ ދާއިމަށް އެ މައްސަލަ ހައްލުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މިއީ ފްލެޓާއި ގޯތި ހިމެނޭހެން 65،000 ހައުސިން ޔުނިޓު ގާއިމްވެގެން އަންނާނެ ބިމެކެވެ.
ރަސްމާލެ ހިއްކާނީ ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭ ސޭފް އައިލެންޑެއް މޮޑެލަށް ފެތޭހެންނެވެ. އެގޮތުން މެދަށް ތިން މީޓަރު އުސްވާއިރު، އަރިމަތިން ދެ މީޓަރު އުސްވާނެއެވެ.
މިއީ ރާއްޖޭގެ އިކޯ ސިޓީ
ރަސްމާލޭގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައި ވިސްނެވި އެއް ކަމަކީ މޫސުމީ ބަދަލުތަކަށް ރިއާޔަތްކޮށް، ސިޓީ ރޭވުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން ރަސްމާލެ ވާނީ :
- ކާބަން ޒީރޯ ސިޓީއަކަށް
- ފެހިކަން ގަދަ، ހިތްގައިމު މާހައުލަކަށް
- އިލެކްޓްރިކް ނުވަތަ ބެޓަރީ ބޭނުންކުރާ ވެހިކަލް ދުއްވާ ތަނަކަށް
- އިއާދަކުރަނިވި ހަކަތައިން ކަރަންޓު ދޭ ސިޓީއަކަށް
"މިތަން ވާނީ އިންޓަނެޝަނަލީ ބްރޭންޑް ކުރެވިގެންދާއިރުގައި މޯލްޑިވްސް އިކޯސިޓީގެ ގޮތުގައި އިރާދަކުރެއްވިއްޔާ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ އަކަސް މިއީ އުންމީދީ މަޝްރޫއެކެވެ. ރާއްޖޭގެ އުތުރާއި ދެކުނަށް މި މަޝްރޫއުގެ ފައިދާ ކުރާނެއެވެ.
މީގެ ފަސް އަހަރު ފަހުން، ނުވަތަ 10 އަހަރު ފަހުން، ނުވަތަ 20 އަހަރު ފަހުން މި ރަސްމާލޭގެ ކުރެހުމުގައި ކުލަ ޖެހުމުން މުޅި ރާއްޖެ ބަދަލުވާނެ ކަމުގެ އުންމީދު ބޮޑެވެ.
މީގެ 18 އަހަރުކުރިން ހުޅުމާލެ ހިއްކައި މިއަދާ ހަމައަށް އައިރު އެއީ ތަރައްގީއާއި ޓެކްނޮލޮޖީގެ ސިޓީއެކެވެ.
ރައީސް ޑރ. މުއިއްޒުގެ މި ހުވަފެނީ މަޝްރޫއަކީ ވެސް މުސްތަގްބަލުގައި ހަމަ އެފަދައިން މުޅި ރާއްޖެ ބަދަލުވާނެ މަޝްރޫއެވެ. އެ ދުވަސް ދެކެން ހުރިހާ ރައްޔިތުން ވެސް ތިބީ އިންތިޒާރުގައެވެ.