ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބް އިން އިންތިޒާމް ކޮށްގެން ބާއްވާ "ކޭޑީ އެންޓަޕްރައިސަސް ހއ. ދިއްދޫ އެންމެ އަލިގަދަ ތަރި 1444" މިއަހަރުގެ މާޗު މަހުގެ 23 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
މިއީ މި މުބާރާތް ދިއްދޫގައި ބާއްވާ ދެވަނަ ފަހަރެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިއްދޫގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ކޭޑީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއެވެ.
ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކުރުމުގެ ގޮތުން ދިއްދޫގައި ދިރިއުޅޭ އެންމެނަށް އަމާޒުކޮށްގެން ބާއްވާ "ހއ. ދިއްދޫ އެންމެ އަލިގަދަ ތަރި" މުބާރާތަކީ، ޓީވީއެމް އިން ކޮންމެ އަހަރަކު ރަމަޟާންމަހު މީގެ ކުރިން ގެނެސްދިން "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދާ މުބާރާތެކެވެ.
މިޑްލް ސްޕޯޓްސް ކްލަބްގެ ރައީސް ނަޝްވާން އިބްރާހީމް "ސަން" އަށް މިއަދު ވިދާޅުވީ، މިފަހަރުގެ މި މުބާރާތުގެ އެންމެ އަލިގަދަ ތަރި ޓައިޓްލް ހާސިލް ކުރާ މީހަކަށް ދެ އުމްރާ ދަތުރު ކަނޑައަޅާފައިވާކަމަށެވެ. އަދި މި މުބާރާތަކީ އެހާ ފަސޭހަ މުބާރާތެއް ނޫން ކަމަށާއި މި މުބާރާތް ޚާއްސަވާ އެއް ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝްވާން ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދާއިރު އެކި ކަހަލަ ޓާސްކްތައް ކުރިއަށްދާނެކަމަށެވެ. އޭގެ ތެރޭގައި ކީރިތި ޤުރުއާން ބަލައިގެންނާއި ހިތުން ކިޔެވުމުގެ ސުވާލުތަކާއި، ތަޖުވިދު ސުވާލުތަކާއި، ޤުރުއާނުގެ ޢިލްމާއި ދީނީ ސުވާލުތައްވެސް ބައިވެރިންނަށް ކުރިމަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުބާރާތުގައި ކިޔަވަން ކަނޑައަޅާފައިވަނީ އިމާމް ޢާޞިމް ގެ ޙަފްޞު ރިވާޔަތުގެ ޝާޠިބިއްޔާ ޠަރީޤަށް ކަމަށާއި މުބާރާތް ފެށިގެންގޮސް ނިމެންދެން ކިޔަވާނީ މި ގިރާއަތަށްކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝްވާން ވިދާޅުވި ގޮތުގައި މިފަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 33 މީހަކު ވަނީ ފޯމް ހުށަހަޅާފައެވެ.
މި މުބާރާތް ކުރިއަށް އޮތް ތަނުގައި މުޅި ހއ. އަތޮޅަށް ފުޅާ ކުރުމުގެ ވިސްނުން އެބަހުރިކަމަށް އެ ކްލަބްގެ ރައީސްް ވަނީ ވިދާޅުވިއެވެ.
މިޑްލް ސްޕޯޓްސް ކްލަބުން ބުނީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ، ކީރިތި ޤުރްއާނާމެދު އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދްގެ ހަމަތަކާއި އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތީން ކީރިތި ޤުރްއާން ކިޔަވަން ދަންނަ ބަޔަކު އުފައްދައި, ކީރިތި ޤުރްއާން ހިތުދަސް ކުރުމުގެ ރޫހު އަށަގެންނެވުން ކަމަށެވެ. އަދި ރަމަޟާންމަހަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވާތީ, މިމައްސަރުގައި ރައްޔިތުންގެ މެދުގައި ކީރިތި ޤުރްއާނަށް ދޭންޖެހޭ އަހައްމިއްޔަތު އިތުރުކުރުމާއި, ދިއްދޫގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރްއާން މުބާރާތްތަކުގައި ދިއްދޫ ތަމްސީލް ކުރާނެ ދަރީންތަކެއް އުފެއްދުން ކަމުގައި އެ ކްލަބުން ބުންޏެވެ.
އެ ކްލަބުން ބުނީ މިފަހަރުގެ މުބާރާތުގައި ކިޔެވުން އަޑުއަހަން އަންނަ މީހުންނަށް ޚާއްސަކޮށް ލަކީޑްރޯ އެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ލަކީޑްރޯއިން އަގު ހުރި އިނާމްތަކެއްވެސް ލިބޭނެ ކަމަށް އެ ކްލަބުން ބުންޏެވެ.

1443 ވަނަ އަހަރު ހއ. ދިއްދޫ ގައި ބޭއްވި އެންމެ އަލިގަދަ ތަރި މުބާރާތުގެ ތެރެއިން -- ފޮޓޯ/ މިޑްލް ސްޕޯޓްސް ކްލަބް
މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް:
- ހއ. ދިއްދޫ އެންމެ އަލިގަދަތަރި 1443 ވަނަ އަހަރުގެ، އެންމެ އަލިގަދަ ތަރިއަށް ހޮވިފައިވާ ފަރާތެއް ކަމުގައިނުވުން.
- ކީރިތި ޤުރްއާން ރަނގަޅަށް ބަލައިގެން ކިޔަވަން އެނގުން.
- ކީރިތި ޤުރުއާންގެ 28، 29 އަދި 30 ވަނަ ފޮތް ނުބަލައި ކިޔަވަން އެނގުން.
- 1 ޖެނުއަރީ 2023 އަށް 8 އަހަރު ފުރިފައިވުން.
- ހއ. ދިއްދޫ ރައްޔިތެއްކަމުގައިވުން ނުވަތަ ހއ. ދިއްދޫގައި ދިރިއުޅެމުންދާ ފަރާތަކަށް ވުން.
މިޑްލް ސްޕޯޓްސް ކުލަބުން ބުނީ މި މުބާރާތުގައި ބައިވެރިވާން ފޯމް ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި އޮޑިޝަނެއް ބާއްވާނެކަމަށެވެ. އަދި އޮޑިޝަން އިން އެންމެ މަތިން މާކްސް ލިބޭ 20 ބައިވެރިއަކަށް މުބާރާތުގައި ވާދަކުރެވޭނެ ކަމަށް އެ ކްލަބުން ބުންޏެވެ.
މުބާރާތުގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާ ހަމައަށެވެ.
މި މުބާރާތުގައި ކިޔެވުން ކުރިއަށްދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެއީ ފުރަތަމަ ބުރުގެ ކިޔެވުމާއި، ދެވަނަ ބުރުގެ ކިޔެވުމުގެ އިތުރުން ފައިނަލް ބުރުގެ ކިޔެވުމެވެ.
މިމުބާރާތުގެ ދެވަނަ ބުރުންފެށިގެން ވަނަ ހޮވާނެއެވެ. އެއީ މުބާރާތުގެ ގަދަ 10 ބައިވެރިންގެ ތެރެއިންނެވެ. އަދި ފައިނަލް ބުރު ކުރިއަށްދާނީ މުބާރާތުގެ ގަދަ ފަސް ބައިވެރިންނާ އެކުއެވެ.
މިމުބާރާތަށް އިންސާފްކޮށްދެއްވާނީ ރާއްޖޭގެ ތަޖުރިބާކާރު ޤާރީންނެވެ.
އަދި މި މުބާރާތުގެ ނަތީޖާ އިޢުލާން ކުރުމާއި ވަނަވަނައަށް ހޮވޭ ބައިވެރިންނަށް އިނާމުދިނުން އޮނާނީ ފައިނަލް ބުރުގެ ކިޔެވުން
ނިންމުމަށްފަހު އެވަގުތު ބާއްވާ ރަސްމިއްޔާތުގައެވެ.

"ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ގެ އެންމެ އަލިގަދަ ތަރި ހއ.ދިއްދޫ ސެހެނާވިލާ އާމިނަތު ޝިއުރާ އިބްރާހީމް -- ފޮޓޯ/ މިޑްލް ސްޕޯޓްސް ކްލަބް
"ދިއްދޫ އެންމެ އަލިގަދަ ތަރި" އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.
މިދިޔަ އަހަރު އެ މަޤާމު ހާސިލްކޮށްފައިވަނީ ހއ. ދިއްދޫ ސެހެނާވިލާ އާމިނަތު ޝިއުރާ އިބްރާހީމްއެވެ.
ފައިނަލް ބުރުގައި ފަސް ބައިވެރިން ވާދަކުރި މި މުބާރާތުގެ ދެ ވަނަ ހޯދީ ޢަބްދުﷲ ޒައިން ބިން މުޙައްމަދެވެ. ތިން ވަނަ ހާސިލުކޮށްފައިވަނީ ޙުސައިން ޝަހުބާންއެވެ. ދެން ފައިނަލްގައި ވާދަކުރީ އަލްޙާފިޒާ ބައްސާމާ ސުލެއިމާނާއި މަރިޔަމް ނާޔާ އަޙްމަދެވެ.
މުބާރާތުގެ ވަނަތަކަށް މިޑްލް ސްޕޯޓްސް ކުލަބުން ކަނޑައަޅާފައިވާ ފައިސާގެ އިނާމުގެ އިތުރުން މުބާރާތުގެ އެއްވަނައާއި ދެވަނައަށް އުމްރާ ދަތުރެއްވެސް ވަނީ ދީފައެވެ.