ދިވެހިބަހަށް ކުދިންގެ ލޯބި އިތުރުކުރެވޭނީ ދިވެހި ގައުމިއްޔަތު ކިޔަވައިދެވިގެން: ޑރ. އަޝްރަފް

ދިވެހިބަހުގެ އެކެޑެމީން އިންތިޒާމުކުރި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމާއި މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ޚާއްސަ ޖަލްސާގައި ޑރ. އަޝްރަފް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން

ދިވެހި ކުދީންގެ މެދުގައި ދިވެހިބަހަށް އޮތް ލޯބި އިތުރުކުރުމަށް ޓަކައި ދިވެހި ގައުމިއްޔަތު ދިވެހި ބަހުން ކިޔަވައިދެވޭނެ ފަދަ ގޮތަކަށް ތައުލީމީ ސިޔާސަތުތައް ބައްޓަންކުރަންޖެހޭކަމަށް ދިވެހިބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުުރުމާއި ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވީ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ، ދިވެހިބަސް އުނގަންނައިދިނުމުގައި މަސައްކަތްކުރާ ޓީޗަރުން ކުރަނީ ބުރަ މަސައްކަތެއް ނަމަވެސް މިއަދު އެ ޓީޗަރުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ކުދިންގެ ހިތްތަކުގައި ބަހަށް ދެވިފައި އޮންނަ ސަމާލުކަން ކުޑަވުންކަމަށެވެ.

"އެހެން އެވަނީ ކޮން ސަބަބަކާ ހެދި ތޯ އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. ދިވެހި މާހައުލާއި، ދިވެހި ވެއްޓާއި، ދިވެހި ސަގާފަތާއި، ދިވެހި މަސައްކަތްތެރިކަމާއި، ދިވެހި އަދަބިއްޔާތު ތައުލީމީ ނިޒާމުގެ ތެރޭގައި ދިވެހިން ކިޔަވައި ނުދެވޭހާ ހިނދެއްގައި މިއީ ފޫ ނެތް ފަޔަށް ފެން ފުރުންފަދަ ކަމެއް. އެހެންވީމާ ތައުލީމީ ނިޒާމުގެ ތެރެއިން މިކަމާ ދޭތެރޭގައި ފަލްސަފާވެރި ވިސްނުމަކުން ނިންމައި ގޮތްތަކެއް ކަނޑައަޅަންޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ދިވެހިބަހުގެ އެކެޑެމީން އިންތިޒާމުކުރި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމާއި މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ޚާއްސަ ޖަލްސާގައި ޑރ. އަޝްރަފް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން

ޑރ. އަޝްރަފް ވިދާޅުވީ ދިވެހި ބަހުގެ އެކެޑަމީން ކުރަނީ ގައުމިއްޔަތާ ގުޅުންހުރި މަސައްކަތެއްކަމަށެވެ. އެއީ ގައުމީ މަސައްކަތެއްކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތަށް ދެވޭ އިސްކަން ބޮޑުވާންޖެހޭނެކަމަށް ވެސް ފާހަގަކުރެއްވިއެވެ.

"ވީއިރު މި މަސައްކަތް ސީ ކެޓެގަރީގެ ތެރެއަށް ވަންނަންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އެހެންވީމާ މި މަސައްކަތް އެބަޖެހޭ މިއަށްވުރެެ ގައުމީ ފެންވަރެއްގައި މީޑިއާތައް ބޭނުންކޮށްގެން ކުރިއަށް ގެންދެވެން،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

އަދި ބަހާ ގުޅުންހުރި ހަފުލާތަކާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ޓަކައި މިއަދު ވެސް ގިނަ ދަތިތަކެއް ހުރިކަމަށް ޑރ. އަޝްރަފްވަނީ ވިދާޅުވެފައެވެ.

އެއާއެކު މީޑިއާތަކުން ދޭ ސަމާލުކަން ކުޑަނަމަވެސް ބަހުގެ އެކެޑަމީގެ މަސައްކަތްތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި ވީ މީޑިއާއިން ދޭ ޚާއްސަ އެއްބާރުލުމަށް ޑރ. އަޝްރަފްވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ރޭގެ ހަފްލާގައި ބަހުގެ އެކެޑަމީން އިންތިޒާމުކުރި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް، ވަނަވަނައަށް ދިޔަ ސްކޫލުތަކާއި ދަރިވަރުންނަށްވަނީ އިނާމު ދީފައެވެ.

އެ ހަފްލާގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި، އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް