ދިވެހިބަހުގެ އެކެޑަމީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ދިވެހިބަހުގެ ކޯހެއް ފަށައިފިއެވެ.
އިއްޔެ ފެށި މި ކޯސް ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.
މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުން ބަހައްޓާނެގޮތާއި، އަދަބު އިހުތިރާމާއެކީ މުއާމަލާތު ކުރަންޖެހޭ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމެވެ.
ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކޯހުގައި ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާނެގޮތާއި، ލަފުޒު ވަކިކޮށްގެން ލިޔުމުގެ ގަވާއިދާއި، ސާފު ރިވެތި ބަހުން އިބާރާތްކުރާނެ ގޮތް ކިޔައިދެވޭނެއެވެ. އަދި، ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ސުކުންކުރާނެ ގޮތާއި، ތާނައިގައި ތިކިޖަހައިގެން ލިޔާނޭ އުސޫލު ވެސް ކިޔައިދޭނެއެވެ.
ދިވެހިބަހުގެ އެކެޑަމީން ހިންގާ މި ކޯހުގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދެ ދާރިސުންކަމުގައިވާ ޢަޒީޒާ ޢަފީފާއި ޢަބްދުﷲ ޖަމީލެވެ.
ދިވެހިބަހުގެ އެކެޑަމީން ސަރުކާރު މުވައްޒަފުންނާއި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުންނަށް ދިވެހިބަހުގެ ގަވާއިދާއި އުސޫލުތައް ކިޔައިދިނުމުގެ ބޭނުމުގައި އެކިއެކި ސެޝަންތައް އަންނަނީ ހިންގަމުންނެވެ.