ކޯޓު އަމުރެއްގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާނު ފަހުމީގެ ފޯނު ހިފަހައްޓައިފިއެވެ.
އަލްހާންގެ ކުންފުނި، 'ކިންގް ކެޕިޓަލް ހޯލްޑިންގްސް'އިން ޕޮންޒީ ސްކީމެއް ހިންގި ކަމަށް އޭނާގެ މައްޗަށް ތުހުމަތުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަކަރާއި ހީލަތް ހަދައިގެން މީހުން އަތުން ފައިސާނަގައި މަނީލޯޑާ ކުރިކަމަށް ބުނެ ފުލުހުން ކުރި ތުހުމަތާ ގުޅިގެން މީގެ ކުރިން އޭނާ ފުލުހަށް ހާޒިރު ކުރިއެވެ.
ފުލުހުން އޭނާ ހާޒިރުކުރީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް ބަޔާންނެގުމަށެވެ.
އޭނާގެ ފޯނު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ކޯޓު އަމުރަކާއެކު ފުލުހުން އަލްހާންގެ އޮފީސް، 'ކިންގް ކެޕިޓަލް ހޯލްޑިންގްސް' އަށް ވަދެފައި ވަނީ ކުއްލި ގޮތަކަށެވެ. އެ އަމުރުގައި ބުނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ރާއްޖޭގައި މާލީ ސެކިއުރިޓީޒް ގާނޫނާ ޚިލާފަށް، އާންމުކޮށް ހުޅުވާލައިގެން ސްކީމެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެ ސްކީމުން އިންވެސްޓަރުންނަށް މަންފާ ލިބޭކަން ދައްކަމުން ދާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
އެ އަމުރު ނެރެފައިވާ ސަބަބެއް ކަމަށް ބަޔާން ކޮށްފައިވަނީ ކިންގްސް ކުންފުނިން ހިންގާ 'ކިންގްސް ފޮރެކްސް' އިންވެސްޓްމަންޓާ ގުޅޭގޮތުން އިންވެސްޓަރުންނާއެކު ކުރި މުއާމަލާތުގެ މައުލޫމާތާ، އިންވެސްޓްމަންޓާ ގުޅުން ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.
އޭގެ އިތުރުން އޮންލައިން ޕްލެޓްފޯމުތަކުގައި ބޭނުންކޮށްފައިވާ ޑިޖިޓަލް ކަރަންސީއާ ގުޅޭ އެންމެހައި މައުލޫމާތު ދެނެގަތުމަށް ކަމާ ގުޅުންހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަކީ ވެސް އެ ކޯޓު އަމުރު ނެރެފައިވާ ސަބަބެއް ކަމަށް އަމުރުގައި ބަޔާން ކޮށްފައިވެއެވެ.
އެ އަމުރުގައި ބަލައި ފާސް ކުރުމަށް ބޭނުންވާ ތަނެއްގެ ގޮތުގައި ބަޔާން ކޮށްފައިވަނީ ކިންގްސް ޓްރޭޑިން އެންޑް ސަޕްލައި ލިމިޓެޑާ ގުޅުން ހުރި ތަންތަނެވެ.
އަލްހާން ވަނީ އޭނާގެ ކުންފުންޏާ މެދު ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އަލްހާން ވަނީ އެ ކުންފުންޏަކީ ޕޮންޒީ ސްކީމެއްކަމަށް ކުރާ ތުހުމަތުތަކަށް ވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ކުންފުންޏަށް އިންވެސްޓުކުރާ ފަރާތްތަކަށް ފައިދާގެ ގޮތުގައި ދެނީ ސީދާ އެ ފައިސާ އިންވެސްޓުކޮށްގެން ލިބޭ އެއްޗެއް ކަމަށެވެ.