ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ޚިދުމަތްދެމުން އަންނަ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކްރިޕްޓޯ އެކްސްޗޭންޖްކުރުމުގެ ޚިދުމަތް ނުދޭ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެ ބޭންކުން މިފަދައިން ބުނެފައި ވަނީ އޭޓީއެމްތަކުން އެކްސްޗޭންޖްކުރެވޭ ކަމަށް ދޭހަވާގޮތަށް ޕޮންޒީ ސްކީމެއް ހިންގި އަލްހާން ފަހުމީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއަކާ ގުޅިގެން އާންމުން ކުރަމުން އަންނަ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ނެރެފައިވާ ބަޔާނެއްގައެވެ.
ސޯޝަލް މީޑިއާގައި ވަނީ ޓްރޭޑްކޮށްގެން ޔޫއެސްޑީ ކްރިޕްޓޯ ކަރަންސީއިން ހޯދާ އަމްދަނީ އޮންލައިން ކްރިޕްޓޯ ވޮލެޓެއް މެދުވެރިކޮށް އިޝޫކުރާ ވިސާކާޑެއް ބޭނުންކޮށްގެން ބީއެމްއެލްގެ އޭޓީއެމްއަކުން ކްރިޕްޓޯއަށް ފައިސާ ނަގާގޮތް ދައްކުވައިދޭ ވީޑިއޯއެއް އާންމުވެފައެވެ.
އެކަން ދޮގުކޮށް މިއަދު ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އަންނަ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކްރިޕްޓޯ އެކްސްޗޭންޖްކުރުމުގެ ޚިދުމަތް އެބޭންކުން ނުދޭ ކަމަށް ބުނެފައެވެ.
ބީއެމްއެލްގެ އޭޓީއެމްތަކުން އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓާކާޑުގެ އިތުރުން އެހެނިހެން އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ކާޑުން މުއާމަލާތް ހިންގޭނެ ކަމަށާއި ބައިނަލްއަޤްވާމީ ކާޑުތަކުން، ކަނޑައެޅިފައިވާ ލިމިޓްތަކެއްގައި ބީއެމްއެލް އޭޓީއެމް މެދުވެރިކޮށް މުއާމަލާތް ކުރެވުނު ނަމަވެސް އެ ވީޑއޯގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ކާޑެއް ބޭނުންކޮށްގެން އެކައުންޓުން 100،000 ޑޮލަރުގެ އަދަދަށްވާ ދިވެހި ފައިސާ އެއްފަހަރާ ނުނެގޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭއިން ވަނީ ރާއްޖޭގައި ވާޗުއަލް ކަރަންސީ ބޭނުންކުރުމަކީ މަނާކަމެއް ކަމަށް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ބުނެފައެވެ.
ބީއެމްއެލްއިން ވަނީ ބޭންކުގެ އޭޓީއެމް އާއި ލޯގޯ ބޭނުންކޮށްގެން ކަސްޓަމަރުންނަށާއި އާންމުންނަށް އޮޅޭގޮތަށް ކްރިޕްޓޯ އެކްސްޗޭންޖް ކުރުމުގައި ބީއެމްއެލް އިން ޝާމިލުވެ އެކަމަށް މަގުފަހިކޮށްދޭކަމަށް ދޭހަވާ ގޮތަށް ވީޑިއޯއެއް އާންމުކޮށްފައިވާތީ އެ ބޭންކުން ހިތާމަކުރާ ކަމަށައި އެކަން ކުއްވެރި ކުރާ ކަމަށް ބުނެފައެވެ.
އަލްހާން ފަހުމީއަކީ މީގެ ކުރިން ޕޮންޒީ ސްކީމެއް ހިންގައި ގިނަ ބަޔަކަށް އޮޅުވައިލިކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ.
އެގޮތުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލައި އެއަށް ޚިޔާނާތްތެރިވީކަމުގެ ތުހުމަތުގައި އަލްހާނާއާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީއާއި، ޝަޒުބާން ފަހުމީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލަ ރިވިއުކުރުމަށް ފަހު ދައުވާތަކަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއަށް ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިދިޔަ މަހު އޮތީ ނިންމަވައިފައެވެ.