ގިނަ ބައެއްގެ އަތުން ފައިސާ އަތުލައި އެއަށް ޚިޔާނާތްތެރިވީކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީއާއި، ޝަޒުބާން ފަހުމީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލަ ރިވިއުކުރުމަށް ފަހު ދައުވާތަކަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއަށް ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ނިންމަވައިފިއެވެ.
މި މައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާއި ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި 13 މީހަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. އެ މައްސަލައިގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:
- އަލްހާނު ފަހުމީ: ޓެކުމުގެ ކުށުގެ 13 ދައުވާ
- ޝަހުބާން ފަހުމީ: ޓެކުމުގެ ކުށުގެ 13 ދައުވާ
- ޝަޒްބާން ފަހުމީ: ޓެކުމުގެ ކުށުގެ 13 ދައުވާ
މި ދައުވާތަކާ ގުޅިގެން ދައުވާ ލިބޭ މީހުންގެ ފަރާތުން މައްސަލަ މުރާޖާކޮށް ދިނުމަށް އެދި ވަނީ ހުށަހަޅާފައެވެ.
ޕީޖީ އޮފީހުން މިރޭ ބުނީ ކިންގްސް ކެޕިޓަލް ހޯލްޑިންސްއިން ހިންގާފައިވާ އިންވެސްޓްމަންޓް ސްކީމާ ގުޅޭ މައްސަލައިގެ ދައުވާތައް މުރާޖައާކޮށްފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން މައްސަލަ މުރާޖާކޮށް ބެލިއިރު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ލިބިފައިވާ ހެއްކާއި ގަރީނާއާއި، އިޖުރާއީ ގޮތުން އަމަލުކޮށްފައިވާ ގޮތާއި، ދައުވާ ލިބޭ މީހުންގެ ފަރާތުން މައްސަލަ މުރާޖައާކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށްފައިވާ ކަމަށް ޕީޖީން ބުންޏެވެ.
އަދި މި މައްސަލައިގައި ހިމެނޭ ދައުވާތައް މުރާޖާކޮށް، އެ ދައުވާތަކަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނުވަތަ ހާލަތެއް އޮތްކަމަށް ނުފެންނަކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ނިންމަވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
މި ދަޢުވާތައް ކޮށްފައިވާ ސަބަބަކީ، އަލްހާނު ފަހުމީއާއި، ޝަހުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދެއްކުމުންނެވެ.
އަދި، އެ ކަމަށް އާންމު އެކި މީހުން އަތުން އެކި ޢަދަދުތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އެ ސްކީމަށް އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ.