ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއާއެކު ތިލަދުއްމަތި ބޮޑު އުއްމީދެއްގައި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ ގޮތުގެ ކުރެހުމެއް-- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ސަބަބުން އުތުރުގެ ރަށްތަކުގެ ވިޔާފަރިތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި އެއާޕޯޓުގެ މަޝްރޫއު ނިމޭނެ ކަމަށް އުއްމީދުކުރާ ކަމަށް އެ އެ ހިސާބުގެ ވިޔަފާރިވެރިން ބުނެފިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ރޭ ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ. އެ މަޝްރޫއު އިފުތިތާހުކުރުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ބައިވެރިވެވަޑައިގަތެވެ.

މިހާރު އެ ސަރަހައްދަށް ޓޫރިސްޓުން ގެންދަން ޖެހެނީ މާލެއިން ޑޮމެސްޓިކް ފްލައިޓެއްގައެވެ. ހަނިމާދޫ އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރެއް ކުރަނީ ޓްރެވަންޑްރަމްއަށް އެކަންޏެވެ. އެއީ އެ ހިސާބުގެ ޓޫރިޒަމާއި އެހެން ވިޔަފާރިތައް ވެސް ފުޅާކުރަން އޮތް ބޮޑު ހުރަހެކެވެ.

ހަނިމާދޫ އެއާޕޯޓް އަލަށް ތަރައްގީ ކުރަނީ އިންޓަނޭޝަނަލް ބޮޑެތި ފްލައިޓްތައް ޖެއްސޭ ފެންވަރުގައެވެ. އެމަޝްރޫއާ ގުޅިގެން ތިލަދުއްމަތީ ރަށްތަކުގެ މީހުން ވަނީ "ސަން"އަށް އެމީހުންގެ ޝުއޫރު ހިއްސާކޮށްފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިފުތިތާހްކުރުމުގެ ތެރެއިން --- ފޮޓޯ/ރައީސް އޮފީސް

އެގޮތުން ހދ. ކުޅުދުއްފުށީގެ ވިޔަފާރިވެރިއެއް މިއަދު "ސަން"އަށް ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަކީ ވިޔަފާރިތައް ކުރިއަރައިގެން ދިއުމަށް މަގުފަހިވާނެ މަގެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއީ އެކަމުގެ އެއް ކޮމްޕޮނެންޓް. އެކަން ވެއްޖެއްޔާ އަންނާނެ ގިނަ އަދި ހެޔޮ ބަދަލުތަކެއް އެބަހުރި،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއާޕޯޓުގެ އިތުރުން ވިސްނަން ޖެހޭ އިތުރު ބައިވަރު ކަންކަން އެބަހުރި ކަމަށާއި ރަނގަޅު މާނައެއްގައި ވިޔަފާރިވެރިންނަށާއި އެ މީހުންގެ ވިޔަފާރިއަށް ނަފާ އާއި ކުރިއެރުން ލިބޭނީ އެ ހުރިހާ ކަމެއްވެސް ފުރިހަމަ ވެގެން ކަމަށެވެ.

ހއ. ކެލާއަކީ ވެސް ފަތުރުވެރިން ޒިޔާރަތް ކުރާ ރަށެވެ. އެ ރަށަށް މިހާރުވެސް ފަތުރުވެރިން ފުދޭ ވަރަކަށް ޒިޔާރަތް ކުރަމުންދެއެވެ. އަދި ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ޒަމާނީ ފެންވަރަކަށް ތަރައްގީ ވެގެން ގޮސްފި ނަމަ އެކަން އިތުރަށް ރަނގަޅުވާނެ ކަމަށް އެ ރަށުގެ މީހުން ބުނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

އެގޮތުން ކެލާ ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒް މިއަދު "ސަން"އަށް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު އަކީ ހުރިހާ ގޮތަކުން ވެސް ހެޔޮ ބަދަލުތަކެއް ގެނުވާނެ މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން އެ ރަށުގައި ހިންގާ ގެސްޓްހައުސް ވިޔަފާރިތައްވެސް އިތުރަށް ފުޅާވެގެން ދިއުމުގެ އިތުރުން ކާގޯގެ ވިޔަފާރި ކުރާ މީހުންނަށް ވެސް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރަށަކީވެސް ގެސްޓް ހައުސް ވިޔަފާރި އޮންނަ ރަށެއް. މިހާރު އެކަން އޮންނަ ގޮތުން އަޅުގަނޑުމެންނަށް އެނގިގެންދޭ އަދި ހަނިމާދޫ އެއާޕޯޓް ގާއިމުކުރީމަ އަންނާނެ ހެޔޮބަދަލު،" އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކެލާގައި ހުންނަ ސަމާ ހޯމް ގެސްޓް ހައުސްގެ ވެރިޔާ ހުސައިން ފާރޫގް މިއަދު "ސަން"އަށް ބުނީ ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ތަނެއްގެ ގޮތުގައި ތަރައްގީ ކޮށް ސަރުކާރުން ބުނާ ހެޔޮ ބަދަލުތައް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށެވެ.

އެގޮތުން މިހާރުވެސް ގެސްޓް ހައުސް ވިޔަފާރި ދަނީ ރަނގަޅަށް ކަމަށާއި އެތަނަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް މިހާރު ދިމާވާ ގޮންޖެހުންތައް ވެސް ހަނިމާދޫގައި ހަދާ އެއާޕޯޓާއެކު ހައްލުވާނެ ކަމަށް އޭނާ ބުންޏެވެ.

"ސީޒަން ތެރޭގަ މިހާރުވެސް ވަރަށް ރަނގަޅު. ފަތުރުވެރިންނަށް ވަރަށް ކަމުދޭ. އެކަމު މިހާރު އެމީހުން އުފުލަން ޖެހޭ ބުރަ ވަރަށް ބޮޑު. ޖީއެސްޓީ ބޮޑު ކުރީމާ ޓިކެޓްގެ އަގު ވެސް ބޮޑު. މިހާރު އެމީހުން ކުރަން ޖެހޭ ދަތުރުތައް ވެސް ގިނަ. އެކަމު ސީދާ އެމީހުން ބޭނުންވާ މަންޒިލަށް އާދެވޭ ގޮތެއް ވީމާ އެ މީހުން ވެސް ހިތްހަމަ ޖެހޭނެ. މިކޮޅުގެ ވިޔަފާރިވެސް ރަނގަޅުވާނެ،" އޭނާ ބުންޏެވެ.

މީގެ އިތުރުން ތިލަދުންމައްޗަށް ނިސްބަތްވާ މީހުން ބުނާ ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަކީ ސަރުކާރުން ރައްޔިތުންނަށް ދޭ އުއްމީދާ އެއްގޮތަށް ނިންމުން މުހިއްމު މަޝްރޫއެކެވެ.

ވަރަށް ގިނަ ބަޔަކު އެކަމަށް އުއްމީދު ކުރާ ކަމަށާއި އެ ދުވަސް އަންނަތަން ދެކެން ބޭނުންވާ ކަމަށް ވެސް އެމީހުން ބުނެއެވެ.

ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއިކުރުމަށް ބޭއެވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެގޮތުން ހއ. ދިއްދޫ ކައުންސިލުގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ސަރުކާރުން ބުނާ ކަންކަން އެގޮތުގެ މަތިން ވުން މުހިއްމު ކަމަށެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓަކީ ވެސް ވަރަށް ގިނަ ބައެއްގެ އުއްމީދާ ގުޅިފައިވާ ތަނެއްކަމުގައި ވީނަމަވެސް އެންމެ އެދެވޭ ގޮތުގައި އެކަން ނުވެއްޖެ ނަމަ އެކަމުގެ ގެއްލުން ވެސް ބޮޑު ވާނެ ކަމަށް އޭނާ ވިދާޅުުވިއެވެ.

"ސަރުކާރުން ވައުދުވި ގޮތަށް އެކަން ވާން މުހިއްމު. އެކަން ވެއްޖެއްޔާ މުހިއްމު ގިނަ ބަދަލުތަކެއް އަންނާނެ. އެކަމު ނުވެއްޖެ ނަމަ އެކަމުގެ ގެއްލުން ވިޔަފާރިވެރިންނަށާއި ރަށްރަށުގެ މީހުންނަށް ވެސް ދައްކާނެ. އެހެންވީމަ ބުނާ އެއްޗަކަށްވުރެ ބޮޑަށް އަމަލަށް މިހާރު ރައްޔިތުން އިސްކަންދޭނީ،" ޕީޕީއެމް ޓިކެޓްގައި ދިއްދޫ ކައުސިލްގެ ރައީސްކަން ކުރަމުން އަންނަ އަހުމަދު ވިދާޅުވިއެވެ.

ހަނިމާދޫގައި ގާއިމުކުރާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަބަބުން އެ ހިސާބުގެ ރަށްތައް ވެސް ވަރަށް ބޮޑަށް ޕްރޮމޯޓު ވާނެ ކަަމަށް އެ މީހުން ދެކެއެވެ.

ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ޖީއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މިއީ 136.6 މިލިއަން އެމެރިކާ ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް އަޅާނެއެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ވެސް މަޝްރޫއުގެ ދަށުން ގާއިމުކުރާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ. އަންނަ އަހަރު މި މަޝްރޫއުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަގުވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދޭނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް ދަތުރުކުރާނެއެވެ.

comment ކޮމެންޓް