މީޑިއާނެޓަށް 9.3 މިލިއަން ރުފިޔާ ދެއްކުމަށް ޕީއެސްއެމްގެ މައްޗަށް ހުކުމްކޮށްފި

ދައުލަތުގެ ޓީވީ، ޓީވީއެމް ހިންގާ އިމާރާތް --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މީޑިއާނެޓަށް 9.3 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މީޑިއާ ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ޕީއެސްއެމްގެ މައްޗަށް ހުކުމް އިއްވާފައިވަނީ މީޑިއާނެޓުން ހޯދި ޚިދުމަތްތަކަށް އެކުންފުނިން ދައްކަންޖެހޭ ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި، އެ ފައިސާ ނުދެއްކުމުން އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާ 4.2 މިލިއަން ރުފިޔާ ހޯދުމަށް މީޑިއާނެޓުން މައްސަލަ ހުށަހެޅުމުންނެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މީޑިއާނެޓުން ޕީއެސްއެމްގެ ފަރާތުން ހޯދުމަށް އެދުނު 9،309،577.72 ރުފިޔާއަކީ ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށާއި، އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އަންގާ ކަމަށެވެ.

ދައުވާއަށް ޖަވާބުދެމުން ޕީއެސްއެމުން ބުނެފައިވަނީ އެދެ ކުންފުނީގެ މެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޗެނަލް ރައިޑިން ފީ ކަމުގައިވާ ފަސް މިލިއަން ރުފިޔާއަކީ ދައްކަން ޖެހޭ ފައިސާއެއް ކަމަށެވެ. ނަމަވެސް އިންޓްރެސްޓްގެ ފައިސާ ދެއްކުމާ މެދު ޕީއެސްއެމުން ވަނީ ދެކޮޅު ހަދާފައެވެ.

ނަމަވެސް އިންޓްރެސްޓްގެ ގޮތުގައި މީޑިއާނެޓުން ހޯދުމަށް އެދުނު ފައިސާ އަކީ އެއްބަސްވުންތަކުގެ ދަށުން ދެވޭ ޚިދުމަތާ ގުޅިގެން ޕީއެސްއެމުން އަދާކުރަންޖެހޭ ފީ ނުވަތަ އަގު އަދާނުކުރާ ހާލަތުގައި، ނެގުމަށް ދެފަރާތުން އެއްބަސްވެފައިވާ ފައިސާކަން އެ ދެ ކުންފުނީގެ މެދުގައި ވެފައިވާ ޖުމްލަ ހަތް އެއްބަސްވުމުން ފެންނަން އެބައޮތް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.

ޕީއެސްއެމްގެ ބަޖެޓުގައި ފައިސާ ނެތް ކަމަށް އެކުންފުނިން މީގެ ކުރިން ބުނެފައިވާއިރު، އެކި ފަރާތްތަކަށް ޕީއެސްއެމްއިން ދައްކަން ޖެހޭ ފައިސާ ދައްކާފައިނުވާތީ އެ ފައިސާ ދެއްކުމަށް ކޯޓުތަކުން އެކި ފަހަރު މަތީން ހުކުމް ކޮށްފައިވެއެވެ.

comment ކޮމެންޓް