ދުނިޔޭގެ އެންމެ މުސްކުޅި މީހާ، 118 އަހަރުގައި މަރުވެއްޖެ

ދުނިޔޭގެ އެންމެ މުސްކުޅި މީހާ، އުމުރުން 118 އަހަރުގައި މަރުވެއްޖެ -- ފޮޓޯ/ އަލްޖަޒީރާ

ދުނިޔޭގެ އެންމެ މުސްކުޅި މީހާ ކަމަށް ރެކޯޑްތަކުން ދައްކާ، ފްރާންސްގެ ލުސީލް ރެންޑޯން ނުވަތަ ސިސްޓާ އަންދްރޭ، 118 އަހަރުގައި މަރުވެއްޖެއެވެ.

ސިސްޓާ އަންދްރޭ މަރުވީ ފްރާންސްގެ ތޫލާން ސިޓީގައި މުސްކުޅިން ބަލަހައްޓާ ގެޔެއްގައެވެ. އޭނާ މަރުވެފައި އޮތްކަން އެނގުނީ ހެނދުނު ހޭނުލައިގެން ބެލުމުންނެވެ.

ލުސީލް ރެންޑޯން އުފަންވީ 1904 ވަނަ އަހަރު ދެކުނު ފްރާންސަށެވެ. އޭނާ ވަނީ 1944 ވަނަ އަހަރު ނަސާރާ ދީނުގެ ފައްޅިއެއްގައި ޚިދުމަތް ކުރަން ފަށައި، އޭނާގެ ނަން، ސިސްޓާ އަންދްރޭއަށް ބަދަލުކޮށްފައެވެ.

އޭނާގެ މުޅި އުމުރު ހޭދަކޮށްފައިވަނީ ފައްޅީގެ ކަންކަމުގައެވެ.

އުމުރު ދިގުވުމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން މިދިޔަ އަހަރު ސިސްޓާ އަންދްރޭ ބުނެފައި ވަނީ، ހަގީގަތް އެނގޭނީ "ހަމައެކަނި ހެއްދެވި ފަރާތަށް" ކަމަށެވެ.

"މީހުން ބުނަނީ މާ ބޮޑަށް މަސައްކަތް ކުރީމާ އުމުރު ކުރުވާނެއޭ. އެކަމަކު އަހަރެން ދިރި މި ހުންނަނީ މަސައްކަތް ކޮށްގެން. އުމުރުން 108 އަހަރު ވަންދެން އަހަރެން މަސައްކަތް ކުރިން." އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، ގިނަ އަހަރުތަކެއް ވަންދެން ޔޫރަޕްގެ އެންމެ މުސްކުޅި މީހާގެ ރެކޯޑު އޮތީ ސިސްޓާ އަންދްރޭގެ އަތުގައެވެ. ދުނިޔޭގެ އެންމެ މުސްކުޅި މީހާގެ ރެކޯޑް އޭނާއަށް ލިބުނީ މިދިޔަ އަހަރެވެ. އެއީ އޭރު، އުމުރުން 119 އަހަރުގައި ޖަޕާނުގެ ކާނޭ ޓަނަކާ މަރުވުމުންނެވެ.

އޭގެ ކުރިން 2021 ވަނަ އަހަރު ސިސްޓާ އަންދްރޭ ވަނީ ކޮވިޑުން ފަސޭހަވި އެންމެ މުސްކުޅި މީހާގެ ރެކޯޑު ވެސް ހޯދާފައެވެ.

comment ކޮމެންޓް