މީރާގެ އައު ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން ތައާރަފުކޮށްފި

މީރާގެ އައު ވެބްސައިޓާއި އެޕް ލޯންޗުކުރުން -- ފޮޓޯ/ މީރާ

މީރާގެ އައު ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން މިއަދު ތައާރަފުކޮށްފިއެވެ.

މިއަދު މެންދުރު ފަހު މީރާގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި އެ ދެ ޚިދުމަތް ތައާރަފުކޮށްދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލާއި މީރާގެ ބޯޑުގެ ޗެއާޕާސަން، އަޙްމަދު ސަރުވަޝް އާދަމެވެ.

މީރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އައު ވެބްސައިޓާއި އެޕްގެ މަގުސަދަކީ ޓެކްސް ދައްކާ މީހުންނަށް ވީހާވެސް ފަސޭހައިން ޓެކުހާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ޓެކުހާ ގުޅޭ އިންތިޒާމުތައް ފުރިހަމަކުރުމުގައި ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމެވެ.

މީރާގެ ވެބްސައިޓުގައި ހިމެނޭ އައު ކަންތައްތަކުގެ ތެރޭގައި، އެ އޮތޯރިޓީއަށް ހުށަހަޅާ ހުރިހާ ފޯމެއް ވެބްސައިޓް މެދުވެރިކޮށް ފުރިހަމަކުރުމަށް ފަހު ހުށަހެޅުމުގެ ފުރުސަތު ހިމެނެއެވެ.

މީރާގެ އައު ވެބްސައިޓުގައި 'ލައިވް ޗެޓް' ފަންކްޝަން ވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި، ޓެކުހާ ގުޅޭ މުހިންމު މައުލޫމާތު ފަސޭހައިން ލިބޭނެ ގައިޑުތައް ވެސް މީރާއިން ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ވެސް، ޓެކްސްގެ ގާނޫނުތަކާއި ގަވާއިދުތަކާއި، މީރާއިން ޝާއިއުކުރާ ތަފާސްހިސާބުތަކާއި އެހެނިހެން މުހިންމު ޚަބަރުތައް ފަސޭހައިން ހޯދޭނެ ގޮތަށް އެ ވެބްސައިޓް ފަރުމާކޮށްފައިވާކަމަށް މީރާއިން ބުންޏެވެ.

މީރާގެ އައު މޮބައިލް އެޕްލިކޭޝަނުން، ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ބޭނުންކުރާ މީރާގެ އޮންލައިން ޕޯޓަލް 'މީރާކަނެކްޓް' އާއި މީރާއަށް ބަލައިގަންނަ އެހެނިހެން ޓެކުހާއި ފީ ބަލައިގަންނަ އޮންލައިން ޕޯޓަލް 'ވާރުޕޭ'ގެ ގިނަ ޚިދުމަތްތައް ލިބޭނެއެވެ.

ހަމައެއާއެކު، އެ އެޕްލިކޭޝަން މެދުވެރިކޮށް ޓެކުހުގެ މުހިންމު ސުންގަޑިތައް ދެނެގަނެ، ފޯނުގެ ކަލަންޑަރަށް ރިމައިންޑާ ލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މީރާގެ ކައުންޓަރުތަކުން ޚިދުމަތް ހޯދުމަށް ޓޯކަން ނަންބަރު ނަގައި، ކިއު ތަރުތީބު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ބަލައިލެވޭނެކަމަށް މީރާއިން ބުންޏެވެ.

މީގެ އިތުރުން ޓެކުހާ ގުޅޭ މައުލޫމާތު ހޯދުމަށް އެޕޮއިންޓްމަންޓަށް އެދުމާއި މައުލޫމާތު ސެޝަންތައް ބޭއްވުމަށް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެކަންވެސް އެ އޮތޯރިޓީން ފާހަގަކުރިއެވެ.

މީރާގެ މޮބައިލް އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕަލްގެ އެޕް ސްޓޯރުން މިހާރު ޑައުންލޯޑްކުރެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް