ޝާހިދު، ނަޝީދަށް: ޖައްސަވާ ބެރާއި ލަވައަކާ ދިމަލެއް ނުވޭ

ރޭ ބޭއްވި ހއ. ދިއްދޫގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ކެމްޕޭން ޖަލްސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ

ޖައްސަވާ ބެރާއި ލަވައާ ދިމާނުވާ ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ގޮތެއްގައި ރައްދުދެއްވައިފިއެވެ.

ރޭ ހއ. ދިއްދޫގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ، 'އެމްޑީޕީ ކުރިއަށް' ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީގެ ތިލަފަތް ހަމަހަމަކޮށް ބޭއްވުމަށްޓަކައި ޖަހާ ބެރާއި ލަވައާ ދިމާވާން ޖެހޭ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވިއްކި 'ޖަޒީރާ ރާއްޖެ' މެނިފެސްޓޯގައި ހުރި ބައެއް ކަންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އެކަންކަން ވީހާވެސް އަވަހަށް ފުއްދައިދިނުމަށް ކަމަށެވެ. އަދި، މި ސަރުކާރުން އެމްޑީޕީގެ އަސާސްތަކާ ހިލާފަށް ކޮށްގެން އުޅެނީ ކޮން ކަމެއްކަމެއް ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ކުއްލިއަކަށް ބެރާއި ލަވައާ ބަދަލުވެއްޖެ، ދިމަލެއް ނުވޭ. ޖަހާ ބެރާއި ކިޔާ ލަވައަކާ މިއަދަކު ދިމަލެއް ނުވޭ." ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި، އެމްޑީޕީ ވާންޖެހޭނީ އަބަދުވެސް ޖަހާ ބެރާއި ލަވައާ ދިމާވާ ޕާޓީއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މި ސަރުކާރުން އެޕާޓީގެ އަސާސްތަކާ ހިލާފުވެފައިވާ ކަމަށް ކުރައްވާ ތުހުމަތުތަކަށް ރައްދުދެއްވާ، އެއީ ކޮން ކަމެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

"ތިލަފަތް އަބަދުވެސް އެމްޑީޕީގެ އޮންނަން ޖެހޭނީ ހަމަހަމަކޮށް. ކިހިނެއްތޯ މިއަދުގެ މި ސަރުކާރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ މި ހިންގަވަމުން ގެންދަވާ ސަރުކާރުން އެމްޑީޕީގެ އަސާސްތަކާ ހިލާފަށް ކުރައްވާފައި އޮތް ކަމަކީ؟" އޭނާ ސުވާލު އުފެއްދެވިއެވެ.

ރަށްރަށަށް ރައީސް ވަޑައިގަތުމުން މަޝްރޫއުތައް ނުނިމޭ ކަމުގެ ޝަކުވާ ނުކުރައްވާ ކަމަށާއި އިވެނީ "ނިންމަވައިދެއްވައިފިއޭ، ނިންމަވައިދެއްވައިފިއޭ، ނިންމަވައިދެއްވައިފިއޭ" ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"އަޖައިބެއް ނުވާނެތޯ، މި ކަންތައްތައް [ސަރުކާރުން ނިންމި މަޝްރޫއުތައް] ކީއްވެގެންތޯ ނުފެނިގެން މިއުޅެނީ؟ ދެން ތެދެއް، ބިމު އަޑީގައި ވަޅުލާފައި ހުންނަ ހޮޅި ފަހަރެއްގައި ނުފެނިދާނެ، އެކަމަކު މައްޗަށް މިހިރަ އަރާ އިމާރާތްތައް، ރައްޔިތުންނަށް ޚިދުމަތްދޭން މިހިރަ ބިނާވަމުންދާ ކަރަންޓު އިންޖީނުގެތަކާއި، ސުކޫލުތަކާއި، މަލްޓި ޕާޕާސް ހޯލްތަކަކީ ހަމަ ދިމާ ކުރިމަތީގައި ލޯމައްޗަށް ފެންނަން ހުރި އެއްޗެހި" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.

އެޕާޓީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 28ވާ ހޮނިހިރު ދުވަހުއެވެ.

comment ކޮމެންޓް