ޕީއެސްޖީގެ ޕަބްލޯ ސަރާބިއާ ވޯލްވްސްއަށް ސޮއިކޮށްފި

ޕަބްލޯ ސަރާބިއާ ---

ޕީއެސްޖީއަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު ޕަބްލޯ ސަރާބިއާ އިނގިރޭސި ކުލަބު ވޯލްވްސްއާ ގުޅިއްޖެއެވެ.

މިއަދު ވޯލްވްސްއިން ކުރި ޓްވީޓެއްގައި ވަނީ ސަރާބިއާ އެ ޓީމާ ގުޅުނުކަން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

އޭނާ ވަނީ އެފްއޭ ކަޕްގައި ރޭ ލިވަޕޫލާ ވޯލްވްސް ބައްދަލުކުރި މެޗު ބެލުމަށް ވޯލްވްސްގެ ދަނޑަށް ވެސް ގޮސްފައެވެ.

ސަރާބިއާ ވޯލްވްސްއާ ގުޅެނީ ދެ އަހަރު ދުވަހުގެ މުއްދަކަށެވެ. ވޯލްވްސްއިން އޭނާގެ ސޮއި ހޯދީ ޓްރާންސްފާ ފީގެ ގޮތުގައި ފަސް މިލިއަން ޔޫރޯ ޕީއެސްޖީއަށް ދެއްކުމަށްފަހުގައެވެ.

އުމުރުން 30 އަހަރުގެ ސަރާބިއާއަކީ ރެއާލް މެޑްރިޑްގެ ޔޫތު ޓީމުން ތަމްރީނުވެގެން ޕްރޮފެޝަނަލް ކެރިއަރު ފެށި ކުޅުންތެރިއެކެވެ. ނަމަވެސް ރެއާލް މެޑްރިޑަށް އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.

ސަރާބިއާ 2011 ވަނަ އަހަރު ސްޕެއިންގެ ގެޓާފޭއަށް ބަދަލުވެ 2016 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ވަނީ 131 މެޗު ކުޅެދީ 10 ގޯލު ޖަހައިދީފައެވެ. އަދި 2016 ވަނަ އަހަރު ސެވިއްޔާއަށް ސޮއިކޮށް އޭނާ ވަނީ ސެވިއްޔާއަށް 101 މެޗު ކުޅެ 26 ގޯލު ޖަހައިފައެވެ. 2019 ވަނަ އަހަރު ސެވިއްޔާ ދޫކޮށް އޭނާ ދެން ބަދަލުވީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށެވެ. އެ ޓީމަށް ވަނީ 64 މެޗު ކުޅެ 11 ގޯލު ޖަހައިދީފައެވެ.

ވޯލްވްސްގެ ޓީމު ވަރުގަދަކުރުމަށް އެ ޓީމުން ވަނީ ބްރެޒިލްގެ ފްލެމިންގޯއަށް ކުޅޭ އުމުން 21 އަހަރުގެ ޒުވާން މިޑްފީލްޑަރު ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވަރަށް އަވަހަށް ވޯލްވްސްއިން އޭނާގެ ސޮއި ވެސް ހޯދާނެއެވެ.

comment ކޮމެންޓް