ސޯޝަލް މީޑިއާ މެދުވެރިކޮށާއި އަދި އެ ނޫން ވެސް ގޮތް ގޮތުން 'މިހާރު' ނޫހުގެ އެކި ނޫސްވެރިންނަށް ފުރައްސާރަކޮށް، ބަދުނާމުކޮށް، އަބުރު ގެއްލޭފަދަ ވާހަކަތައް ފަތުރަމުންދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފިއެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި މިހާރުގެ ބައެއް ނޫސްވެރިންނާއި، އެ ނޫހަށް އަމާޒުކޮށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެ ނޫހުން ވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ.
'މިހާރު' ނޫހުން އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އާއްމުކޮށް، އެނޫހުގެ ވަކިވަކި ނޫސްވެރިންގެ އަބުރައް އަރައިގަނެ އެ ނޫހާއި ނޫސްވެރިން އާންމުންގެ ތެރޭގައި ބަދުނާމުކުރުމަށް އެކި ފަރާތްތަކުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.
އެކަމާ ގުޅިގެން އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެމްޖޭއިން ބުނީ ނަމާއި އަބުރު ރައްކާތެރިކުރުމާއި މިނިވަން ނޫސްވެރިކަމަކީ ރާއްޖޭގެ ގާނޫނުއަސާސީ އިން ކަށަވަރު ކޮށްދޭ ހައްގުތަކެއް ކަމަށެވެ. އެކަން ގާނޫނުގައި ކަނޑައަޅާފައިވާއިރު ކަނޑައެޅިގެން ވަކި ނޫސްވެރިންތަކަކަށް އަމާޒުކޮށްގެން ހިންގާ އެފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ތަހުޒީބުވެފައިވާ ޑިމޮކްރެޓިކް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެމްޖޭއޭއިން ބުނީ އެ ޖަމިއްޔާއިން ގަބޫލުކުރާ ހަމައަކީ ފާޑުކިޔަންވާނެ ކަމާއި ނަމަވެސް، އެ ފާޑުކިޔުން ވާންވާނީ ޒާތީނުވެ، ބިނާކުރުވަނިވި ފާޑުކިޔުމަކަށް ކަމަށެވެ. ނަމަވެސް މިފަހުން 'މިހާރު'ގެ ނޫސްވެރިންނަށް އަމާޒުކުރަމުންދާ އަމަލުތަކަކީ އެ ހަމައިން ބޭރު އަމަލުތަކެއް ކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ.
"'މިހާރު ނޫހުން ހުށަހަޅާފައިވާ އެ މައްސަލަތައް ވީ އެންމެ އަވަހަށް ތަހުގީގު ކުރެވި، ނޫސްވެރިންނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް މި ޖަމިއްޔާއިން ގޮވާލަން،" އެމްޖޭއޭގެ ބަޔާނުގައިވެއެވެ.
އެމްޖޭއޭއިން ބުނީ ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި އެކި ފަންތިތަކުގައި ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން އެ ޖަމިއްޔާއިން ވާނީ މީގެ ކުރިން ވެސް ކަމާ ގުޅޭ އެކި އިދާރާތަކާ، މުއައްސަސާތަކުގެ އިތުރުން ސަރުކާރަށް ވެސް ހުށަހެޅުންތަކެއް ހުށަހަޅާފައި ކަމަށެވެ.
"މި ފުރުސަތުގައި އެކަންކަން ތަކުރާރުކޮށް ވީހާ ވެސް އަވަހަށް އެކަންކަން ތަންފީޒު ކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަން،" ބަޔާނުގައިވެއެވެ.
އެމްޖޭއޭއިން ބުނީ ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ އެފަދަ އަމަލުތަކާ ގުޅިގެން އެ ޖަމިއްޔާއިން ކޮށްދެވެން ހުރި ކަންކަން ބަލައި، އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.