އަބޫދަބީ (18 ޑިސެންބަރު 2022) : ގޯސްވެފައިވާ ގުޅުންތައް އަލުން ރަނގަޅު ކުރުމަށްޓަކައި އިންޑިއާ އާއެކު ވާހަކަ ދައްކަން ތައްޔާރަށް އޮތްކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) ކުރައްވާ ދަތުރުފުޅެއްގައި އަބޫދަބީގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފު ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުންތައް އަލުން ރަނގަޅުކޮށް ހިޔާލުތަފާތުވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އިންޑިއާއާއެކު ވާހަކަދައްކައި މަޝްވަރާ ކުރަން ޕާކިސްތާނުން ބޭނުންވާ ކަމަށެވެ. މިކަމުގައި ޔޫއޭއީން މެދުވެރިއެއްގެ ބައި އަދާކުރެވިދާނެކަމާއި އެކަން ޕާކިސްތާން ގަބޫލުކުރާކަން ޝެހެބާޒު ޝަރީފު ހާމަކުރެއްވިއެވެ.
ޕާކިސްތާނާއި އިންޑިއާއާ ދެމެދު މައްސަލަޖެހޭ އެންމެ ބޮޑު މައްސަލައަކީ ކަޝްމީރުގެ މައްސަލައެވެ. މުޅި ކަޝްމީރަކީ އިންޑިއާގެ ތަނެއްކަމަށް އިންޑިއާ ދައުވާކުރާއިރު ޕާކިސްތާނު ދެކޭގޮތުގައި ކަޝްމީރުގެ މުސްތަގްބަލް އަމިއްލައަށް ކަނޑައެޅުމުގެ ހައްގު ކަޝްމީރުގެ ރައްޔިތުންނަށް ލިބެންޖެހޭނެއެވެ. ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށްޓަކައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުވެސް ބުނަނީ މިގޮތަށެވެ. ކަޝްމީރުގެ މުސްތަގްބަލް އަމިއްލައަށް ކަނޑައެޅުމުގެ ހައްގު ކަޝްމީރުގެ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށެވެ.
އިންޑިއާ ގެންދަނީ މިގަރާރު ގަބޫލުކުރުމަށާއި މި ގަރާރަށް އަމަލުކުރަން ދެކޮޅު ހަދަމުންނެވެ. ކަޝްމީރުގެ މިހާރުގެ ހާލަތަށް ބަލާއިރު ކަޝްމީރުގެ ބޮޑުބައި ކޮންޓްރޯލް ކުރަނީ އިންޑިއާއެވެ. އެއީ ޖަންމޫ ކަޝްމީރެވެ. އަނެއްބައި ކޮންޓްރޯލް ކުރަނީ ޕާކިސްތާނެވެ. އެއީ އާޒާދެ ކަޝްމީރެވެ.
ކަޝްމީރުގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތައަކީ މުސްލިމުން ކަމަށްވާތީ ކަޝްމީރުގެ އިންޑިއާ ފަޅީގެ ރައްޔިތުން ގެންދަނީ އިންޑިއާއިން ވަކިވެގަތުމަށްޓަކައި މިނިވަންކަމުގެ ހަނގުރާމައެއް ކުރަމުންނެވެ. މި ހަނގުރާމައާމެދު އިންޑިއާ ދެކެނީ އެއީ މިނިވަންކަމުގެ ހަނގުރާމައެއް ނޫންކަމާ އެއީ ބަޣާވާތެއް ކަމުގައެވެ.
ނަމަވެސް ޕާކިސްތާން ދެކެނީ އެއީ މިނިވަންކަމުގެ ޖިހާދެއްކަމުގައެވެ. އަދި ޖަންމޫ ކަޝްމީރުގެ ރައްޔިތުން ބޭނުން ވަނީ އިންޑިއާގެ ދަށުގައި ތިބުންތޯ ނޫނީ މިނިވަންވުންތޯ ބެލުމަށް އިންޑިއާގެ ނުފޫޒުނެތް ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ވެސް ޕާކިސްތާނުން ބުނެއެވެ. ކަޝްމީރުގެ އިންޑިއާ ފަޅިއާއި ޕާކިސްތާނު ފަޅީގައިވެސް މި ވޯޓު ނެގުމަށް ކަޝްމީރާބެހޭ އދ. ގެ ގަރާރު ގޮވާލައެވެ.
އިންޑިއާއާއި ޕާކިސްތާނާ ދެމެދު މައްސަލަ ޖެހެނީ އިންޑިއާ ކޮންޓްރޯލްކުރާ ޖަންމޫ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަށް ޕާކިސްތާނުން ތާއީދުކުރުމުގެ ސަބަބުންނެވެ. އިންޑިއާ ތުހުމަތުކުރާގޮތުގައި ޖަންމޫ ކަޝްމީރުގައި އިންޑިއާއާ ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިންނަށް އަސްކަރީ ތަމްރީނުގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން އެހީތެރި ވަނީ ޕާކިސްތާނެވެ.
ނަމަވެސް ޕާކިސްތާނުން މިކަން ދޮގުކުރެއެވެ. ޕާކިސްތާނު ބުނާގޮތުން ޖަންމޫ ކަޝްމީރުގެ ހަނގުރާމަވެރިން އެސަރަހައްދުގެ މިނިވަންކަމަށް ކުރާ މަސައްކަތްތަކަށް ޕާކިސްތާނުން ތާއީދުކުރެއެވެ. ނަމަވެސް ޕާކިސްތާނުން އެ މީހުންނަށް ސީދާގޮތެއްގައި އަސްކަރީގޮތުން އެހީތެރިއެއް ނުވެއެވެ.
އިންޑިއާ ދެކޭގޮތުގައި ކަޝްމީރުގެ ހަނގުރާމަވެރިންނަކީ ޓެރަރިސްޓުންނެވެ. ނަމަވެސް ޕާކިސްތާނު ދެކޭގޮތުގައި އެއީ މިނިވަންކަމަށް ޖިހާދުކުރާ މުސްލިމް މުޖާހިދުންނެވެ.
ޕާކިސްތާނު ތުހުމަތުކުރާގޮތުގައި ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ފަދަ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކަށް އިންޑިއާއިން ސިއްރިޔާތުގައި އެހީތެރިވެއެވެ. އިންޑިއާ އެކަންކުރަނީ ޕާކިސްތާނުން ކަޝްމީރުގެ ހަނގުރާމަވެރިންނަށް އަސްކަރީގޮތުން އެހީތެރިވާކަމުގެ ތުހުމަތު ޕާކިސްތާނުގެ މައްޗަށްކުރުމަށްފަހު އެކަމަށް ބަދަލުހިފުމުގެ ގޮތުންކަމަށް ވެސް ޕާކިސްތާނު ދެކެއެވެ. ނަމަވެސް އިންޑިއާ މިކަން ދޮގުކުރެއެވެ.
އެންމެފަހުން ޕާކިސްތާނާއި އިންޑިއާ ދެމެދު މައްސަލަ ޖެހުނީ އިންޑިއާގެ ދުސްތޫރުގައި ޖަންމޫ ކަޝްމީރަށް ދީފައިވާ ޚާއްސަ ހާލަތު އިންޑިއާގެ މިހާރުގެ ސަރުކާރުން އުވާލުމާ ގުޅިގެންނެވެ. އިންޑިއާ ސަރުކާރުން މިހާލަތު އުވާލީ އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީ ސަރުކާރުގެ އަޣްލަބިއްޔަތު އޮންނަ އިންޑިއާގެ ޕާލަމެންޓުން އިންޑިއާގެ ދަސްތޫރަށް އެބަދަލުގެނައުމުންނެވެ.
އެބަދަލު ގެނައުމުގެ ބޭނުމަކީ ކަޝްމީރުގެ މުސްލިމު އަޣްލަބިއްޔަތު ގެއްލުވާލުމަށްޓަކައި އެސަރަހައްދުގައި ހިންދޫންނާއި އެނޫން ދީންތަކުގެ މީހުން ވަޒަންވެރިކުރުވުމެވެ. މިބަދަލުގެނެސް ކަޝްމީރަށް ކުރިން ދީފައިވާ ޚާއްސަ ހާލަތު އުވާލުމުގެ ކުރިން ކަޝްމީރުގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމާއި ކަޝްމީރުގެ ބިމުން މުސްލިމުން ނޫން މީހުންނަށް ބިންދިނުމުގެ ފުރުސަތެއް ނޯވެއެވެ. ޖަންމޫ ކަޝްމީރުގެ ކުރީގެ ލީޑަރުން އެތަން އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަގޮތަށް އެއްބަސްވީ މި ޚާއްސަ ހާލަތު ދާއިމީގޮތަކަށް ބޭއްވުމަށް އިންޑިއާގެ އޭރުގެ ވެރިން އެއްބަސްވެވަޑައިގަތުމުންނެވެ.
ކަޝްމީރުގެ ހާލަތަށް އިންޑިއާގައި ވެރިކަންކުރާ ހިދުތުވާ ހަރުކަށި ފިކުރުގެ ސަރުކާރުން މިބަދަލުގެނައީ އިންޑިއާގެ އެހެން ސްޓޭޓްތަކެކޭ އެއްގޮތަށް ޖަންމޫ ކަޝްމީރަކީ ވެސް ހިންދޫންގެ އަޣްލަބިއްޔަތު އޮންނަ ސަރަހައްދަކަށް ހެދުމުގެ ބޭނުމުގައި ކަމަށް ކަޝްމީރުގެ މީހުން ދެކެއެވެ. މިކަމުގެ ހަގީގީ ބޭނުމަކީ ކަޝްމީރުގެ މިނިވަންކަމުގެ ރޫހު ނައްތާލައި ދާއިމީގޮތަކަށް އިންޑިއާގެ ދަށުގައި ކަޝްމީރު ބޭއްވުން ކަމަށް ވެސް ކަޝްމީރުގެ ރައްޔިތުން ދެކެއެވެ.