ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 46 ކިލޯގެ މަސްތުވާތަކެތި ގެއްލިއްޖެ

ފުލުހުން ހިންގި އޮޕަރޭޟަނެއްގައި އަތުލައިގަތް 13 ކިލޯ މަސްތުވާތަކެއްޗާއި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ: އެތަކެއްޗާ އެކަކު ވަނީ ހަވާލުވެފައި --- ފައިލް ފޮޓޯ: ފުލުހުން

ރާއްޖެއަށް އެތެރެކުރި 46 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފައި ވަނިކޮށް މަސްތުވާތަކެއްޗާ އެކު ލަގެޖް ގެއްލުނު މައްސަލައެއް ފެންމަތި ވެއްޖެއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުވާތަކެއްޗާ އެކު ރާއްޖެ އައި ދެ މީހަކު ކަސްޓަމްސް އިން އަތުލައިގަތް ފަހުން، މަސްތުވާތަކެތީގެ އިތުރުން އެތަނުން އެކަކު ވެސް ވަނީ ގެއްލިފައެވެ.

އެނގިފައިވާގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ޕާކިސްތާނުން އައި މީހެއްގެ ލަގެޖުން 30 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ. ނަަމަވެސް އެ މީހާ ފުލުހުންނާ ހަވާލުކުރި އިރު އެ މީހާގެ ލަގެޖް ވަނީ ގެއްލިފައެވެ. ކަސްޓަމްސްއިން ފުލުހުންނާ ހަވާލުކުރީ މީހާ އެކަންޏެވެ.

މި މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް 16 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅުނު މީހަކު އިއްޔެ އަތުލައިގެން ފަހުން އޭނާގެ ލަގެޖް ވެސް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މި މަހުގެ އަށް ވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖްގައި މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ލަގެޖް ހަވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި، އޭނާ ރާއްޖެ އައިއިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައިރު، ލަގެޖް ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން، ފުލުހުން ބުނީ މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ލިބިފައިވާ ފުޓޭޖްތަކުން އެ ލަގެޖަކީ ކޮބައިކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އެއާޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ކެމެރާ ނެތްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލާގައި ފުލުހުންނާ ހަވާލުކުރި މީހާ ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިކަމާ ގުޅިގެން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާ ސުވާލުކުރުމުން ވިދާޅުވީ، މިއަދުގެ ވަގުތެއްގައި މި މައްސަލައާ ގުޅޭގޮތުން ކަސްޓަމްސް އިން ބަޔާނެއް ނެރޭނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

comment ކޮމެންޓް