ކަންބޮޑުވުން ފާޅުކުރުމުން އަންނަ މަހުގެ 15އިން ފެށިގެން އާޓް ގެލެރީ ދޫކުރަން ފަށަނީ

"އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަންގެ ފަންނުވެރިންގެ ހުނަރުތަކުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

ނެޝަނަލް އާޓް ގެލެރީ މަރާމާތަށް ބަންދުކޮށް، ގިނަ ދުވަސްތަކެއް ވަމުންދާތީ ދިވެހި އާޓިސްޓުންގެ ޖަމްޢިއްޔާ އިން ކަންބޮޑުވުން ފާޅުކުރުމުން އިއްޔެ ބުކިން އަށް ހުޅުވާލައިފިއެވެ.

އާޓް ގެލެރީ ބަލަހައްޓާ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއައި)އިން ނެރުނު އިއުލާނެއްގައި ވަނީ އާޓް ގެލެރީގައި މައުރަޒުތައް ބޭއްވުމަށް ބޭނުންވާ މީހުންނަށް އިއްޔެ އިން ފެށިގެން ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން އަންނަ މަހުގެ 15ވަނަ ދުވަހުން ފެށިގެން އާޓް ގެލެރީ ބުކްވެސް ކުރެވޭނެއެވެ.

އާޓް ގެލެރީ ހުޅުވުން ލަސްވާތީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން މިދިޔަ އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އާޓް ގެލެރީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރުމުން ރާއްޖޭގެ ގިނަ ޕްރޮފެޝަނަލް ވިޝުއަލް އާޓިސްޓުންނަށް އެކަމުގެ ދަތިތަކާ ކުރިމަތިވަމުން ދާ ކަމުގެ މައުލޫމާތު ލިބެމުން ދާ ކަމަށެވެ.

ހަމައެއާއެކު އެ ބަންދާ ގުޅިގެން، އެ ޖަމްޢިއްޔާގެ ފަރާތުން ރާވައި ހިންގަން ހުރި ގިނަ އާޓް އިވެންޓުތައް ވެސް ނުބޭއްވި ގިނަ ދުވަސްވަމުން ދާ ކަމަށް އެ ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނީ ޚާއްސަކޮށް، ގިނަ ހުނަރުވެރި ޒުވާނުން ބައިވެރިވާ މައުރަޒުތައް ނުބޭއްވި ލަސްވުމަކީ ރާއްޖޭގެ އާޓްގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ އެކިފަހަރުމަތިން އެ ޖަމްޢިއްޔާއިން ވާހަކަދައްކައި، މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އާޓް ގެލެރީއަކީ ފަންނުވެރިންގެ މަސައްކަތްތައް އެންމެ ކުރިންސުރެ ވެސް ދައްކުވައިދިނުމަށް ޚާއްސަ ކޮށްފައިވާ މަރުކަޒެވެ.

comment ކޮމެންޓް