ޖޭޕީގެ ގައުމީ ކޮންފަރެންސް މާޗު މަސް ނިމުމުގެ ކުރިން ބާއްވާނެ: އާރިފް

ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަލީ އާރިފް ވާހަކަ ދައްކަވަނީ - ސަން ފޮޓޯ/ އަހްމަދު ސައީދު

ރިޔާސީ އިންތިޚާބަށް ވާދަ ކުރުމުގައި ޖުމްހޫރި ޕާޓީން ޢަމަލުކުރާނެ ގޮތެއް ނިންމުމަށް ބާއްވާ އެ ޕާޓީގެ ގައުމީ ކޮންފަރެންސް މާޗު މަސް ނިމުމުގެ ކުރިން ބާއްވާނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވި ވީޑިއޯ މެސެޖުގައި އާރިފް ވިދާޅުވެފައި ވަނީ ޕާޓީގެ ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު ޕާޓީގެ ހުރިހާ މެމްބަރުން ތަމްސީލު ކުރެވޭ ގޮތަށް ބާއްވާ ގައުމީ ކޮންފަރެންސެއް ރިޔާސީ އިންތިޚާބު އޮންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ބާއްވަން ޖެހޭކަމަށް ޕާޓީގެ އާސާސީ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގަވާއިދުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޕާޓީގެ ކައުންސިލުން ނިންމައިފި ނަމަ އެއަށްވުރެ އަވަހަށް ނުވަތަ އެއަށްވުރެ ލަހުން އިތުރު ކޮންފަރެންސެއް ބޭއްވުމަށް އެ މާއްދާ ހުރަސް ނާޅާ ކަމަށެވެ.

"ވަރަށް ގިނަ ނޫސްވެރިން ސުވާލު ކުރާތީ ދަންނަވަން. އަޅުގަނޑުމެންގެ ކައުންސިލުން އަދި ވަކިވަކި ގޮތެއް ނުނިންމަ. އެހެންވީމަ އަދި ދެންނެވެން އޮތީ މާޗު މަސް ނިމުމުގެ ކުރިން ގައުމީ ކޮންފަރެންސް ބާއްވާނަން،" އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ގައުމީ ކޮންފަރެންސާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޓަކައި ކައުންސިލް ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ގައުމީ ކޮންފަރެންސަށް ވާންޖެހޭ ހުރިހާ އިދާރީ ތައްޔާރީތަކެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ޖޭޕީގައި މެމްބަރުން ތިބި އަދަދަކީ 17،913އެވެ.

comment ކޮމެންޓް