މިއަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފި

2023 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް 2023

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީސް އެކުލަވާލައިފިއެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކީ ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ބަލައި، ޖޭއެސްސީއިން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އުފެއްދި މަޖިލީހެކެވެ. އެ މަޖިލީހަށް ކޮންމެ އަހަރަކު ބޭފުޅުން އައްޔަން ކުރަން ޖެހެއެވެ.

އެ މަޖިލިސް އެކުލެވިގެން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި ޖޭއެސްސީގައި ހިމެނޭ އެ ކޯޓުގެ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް ތިން ފަނޑިޔާރުންގެ މައްޗަށެވެ.

ޖޭއެސްސީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން، ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެ ނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި، ކޮމިޝަނުން އެ ނިންމުމެއް ނިންމާތާ 10 ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅިދާނެއެވެ.

މި އަހަރުގެ މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލީ ރަޝީދު ހުސައިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިޞަލް އަދި ޖުވެނައިލް ކޯޓުގެ ޤާޟީ އަޙްމަދު ޝަރީފެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި އެންމެ ފަހުން ތިއްބެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ޑްރަގް ކޯޓުގެ ގާޒީ މުހުތާޒު ފަހުމީ އާއި ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމާ ނިންމުމެއް އެއްވެސް ގޮތަކުން އިސްތިއުނާފު ނުކުރެވޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެއެވެ. ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އުފެއްދީ ޖޭއެސްސީގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގެ ދަށުންނެވެ.

comment ކޮމެންޓް