ޑީޖޭއޭގައި ހުރި ކުނި ނަގަން ވެސް ދިނީ އާއިލީ ބަޔަކަށް، އިއްވީ ޖޫރިމަނާ އަދަބެއް

ފެބްރުއަރީ 15، 2021: ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ހެޑްގެ ގޮތުގައި މަސައްކަތްކުރި މުވައްޒަފަކު އެތައް ފަހަރެއްގެ މަތިން ކޮރަޕްޝަން ހިންގުމުން 379,645.06 ރުފިޔާއިން ޖޫރިމަނާކުރަން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ކ. މާލެ، ހ. ސަމާހިލް، ހައިލަމް މުހައްމަދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ވަނީ ތަފާތު ހަތަރު ދައުވާއެއް އުފުލައިފައެވެ. އެ ހަތަރު ދައުވާއަށް ވެސް ކްރިމިނަލް ކޯޓުގައި އޭނާ ވަނީ އިއުތިރާފުވެފައެވެ. އަދި، ދައުލަތުން ވަނީ އޭނާއާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެހެންވެ، ޝަރީއަތުން ވަނީ ހައިލަމްގެ އަދަބު ލުއިކޮށްދީފައެވެ.

އޭނާއާ ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ތިން ދައުވާއަކާއި ރިޝްވަތު ހިފުމުގެ ކުށުގެ އެއް ދައުވާއެވެ.

އެއް މައްސަލައަކީ، ހައިލަމްގެ ޕްރޮކިއުމަންޓުގެ ވެރިއަކަށް ހުރީއިރު ތަނަށް ބޭނުންވާ އޭސީތަކެއް ގަތުމުގައި ހިޔާނާތްވި މައްސަލައެކެވެ. އެ ގޮތުން، އޭނާ އޭސީ ގަންނަން ކޯޓޭޝަން ހޯދާފައިވަނީ އޭނާއާ ގާތް ގުޅުމެއް އޮންނަ އަލީ ނާޒިމް ނަމަކަށް ކިޔާ މީހެއްގެ ތިން ވިޔަފާރިންނެވެ. އެއަށް ފަހު ހައިލަމް ވަނީ ނާޒިމަށް އެ ބިޑު އެވާޑުކޮށްފައެވެ.

އެއަށް ފަހު އޭނާ ވަނީ ރިޝްވަތުގެ ގޮތުގައި 5،000 ރުފިޔާ ނަގައި، އެ ބޭނުންކޮށްފައެވެ.

އެހެންވެ، އެ މައްސަލައިގައި ދައުލަތުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 81،984.18 ރުފިޔާ ނަގައިދިނުމަށެވެ. އަދި، ރިޝްވަތުގެ ބައިގައި ވަކިން ވަނީ ދައުވާކޮށްފައެވެ.

އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ހައިލަމް ބަދަލުގެ ގޮތުގައި 81،984.18 ދައްކައި، 40 ގަޑިއިރު މުޖުތަމައަށް ޚިދުމަތްކުރަން އެންގުމާ އެކު އިތުރު 27،400 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި، ރިޝްވަތު ހިފުމުގެ ކުށުގައި އޭނާއަށް ވަނީ 40 ގަޑިއިރު މުޖުތަމައަށް ޚިދުމަތްކުރަން އަންގައި، 56،200 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އޭނާގެ މައްޗަށް އުފުލި ތިންވަނަ ދައުވާއަކީ ޑީޖޭއޭ ހިންގާ ޖަސްޓިސް ބިލްޑިންގައި ހުރި ކުނިތަކެއް ނަގަން އޭނާގެ އާއިލީ ގުޅުން އޮންނަ ޖޭފޯ އިންވެސްޓްމަންޓަށް އެވާޑުކުރި މައްސަލައެކެވެ.

އެ މައްސަލައިގައި ވެސް ޝަރީއަތުން ވަނީ 40 ގަޑިއިރު މުޖުތަމައަށް ޚިދުމަތްކުރުމަށާއި 27،400 ރުފިޔާގެ ޖޫރިމަނާއާ އެކު ގެއްލުމުގެ ބަދަލުގެ ގޮތުގައި 6،480 ރުފިޔާ ދައްކަން ހުކުމްކޮށްފައެވެ.

ހަތަރުވަނަ ދައުވާ ވެސް އުފުލާފައިވަނީ ހަމަ ޖޭފޯ އިންވެސްޓްމަންޓަށް އުސޫލުން ބޭރުން މަސައްކަތްތަކެއް ހަވާލުކުރުމުންނެވެ. އެ މައްސަލައިގައި ވެސް ޝަރީއަތުން ވަނީ 40 ގަޑިއިރު މުޖުތަމައަށް ޚިދުމަތްކުރުމަށާއި 27،400 ރުފިޔާގެ ޖޫރިމަނާއާ އެކު ގެއްލުމުގެ ބަދަލުގެ ގޮތުގައި 152،780.88 ރުފިޔާ ދައްކަން ހުކުމްކޮށްފައެވެ.

އެހެންވެ، ހަތަރު ދައުވާގެ މަތިން އޭނާއަށް ދައްކަން ޖެހެނީ 379,645.06 ރުފިޔާއެވެ.

comment ކޮމެންޓް