''ނެތީމޭ''ގެ ފުރަތަމަ ފަސް އެޕިސޯޑުން އެތައް ސުވާލެއް

މައިންބަފައިން ކައިރި ދިރިއުޅުމަށްފަހު އަންހެނުން ހުދާއާ އެކީ ވަކިން ދިރިއުޅެން ހަސަނު ނިންމީ މައިންބަފައިންނާ ދޭތެރޭ އުފެދިފައި އޮތް ދެބަސްވުމެއްގެ ސަބަބުންނެވެ. މި ނިންމުމަކީ އޭނާގެ މައިންބަފައިންނާ ދުރުގައި ހަމަޖެހޭ ދިރިއުޅުމެއް އުޅެން ލިބޭނެ ނިންމުމެއްކަމަށް ހަސަނަށް ހީވި ނަމަވެސް، ކަންވީ އޭނާ އުންމީދު ކުރި ގޮތާ މުޅިން ޚިލާފަށެވެ.

މައިންބަފައިންނާ ވަކި ވުމަށް ވަކި އެޕާޓްމަންޓަކަށް ބަދަލުވި އިރު، އޭނާ އަށް ބަދަލު ވެވުނީ އޭނާ ހަޔާތުގައި ވެސް އެންމެ ލޯބިވީ ސައުސަންގެ އެޕާޓްމަންޓް ކުރިމައްޗަށެވެ. އެތައް އަހަރަކަށް ފަހު ހަސަނަށް ސައުސަން ފެނުނު އިރު، އޭނާގެ ހިތުގައި ސައުސަންއަށް އޮތް ލޯބި ކުޑަކޮށް ވެސް ފަނޑު ވެފައެއް ނެތެވެ.

މޫމިން ފުއާދު ލިޔެ ޑައިރެކްޓް ކުރާ ބައިސްކޯފު ސީރީސް "ނެތީމޭ"ގައި ދައްކުވައި ދެނީ ހަސަނު ދިރިއުޅުމަށް ކުރާ މަސައްކަތެވެ. ލޯބި ހާސިލް ކުރުމަށް އޭނާ ކުރާ ހަނގުރާމައެވެ.

ނެތީމޭގެ ޕްރޮމޯޝަން ޕޯސްޓަރެއް

ލޯބީގެ ކްރައިމް ޝޯއެއްގެ ގޮތުގައި ޕްރޮމޯޓު ކުރާ މި ޝޯއިން އިޖުތިމާއީ އެކި ކަހަލަ މައްސަލަތައް ފެނިގެންދާނެއެވެ. ނެތީމޭ މި ޝޯއިން އެކްޓަރުންގެ ގޮތުގައި ފެނިގެންދާނީ މިހާރު މަގުބޫލުކަން ހޯދަމުން އަންނަ ތަރިން ކަމަށްވާ ވާޝިޔާ މުޙައްމަދާއި ނަތާޝާ ޖަލީލެވެ. މަޝްހޫރު ތަރިން ކަމަށްވާ ޝަކީލާ އާދަމް އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ވެސް މި ޝޯއިން ފެންނާނެއެވެ.

މުޅި ހަޔާތުގައި ވެސް ވިސްނުން ކޮށި މީހެއް ކަމަށް މީހުން ހަސަނާ ދިމާލަށް ބުނާއިރު، އޭނާ މަސައްކަތް ކުރީ އޭނާގެ ވިސްނުން ކޮށި ނޫންކަން މީހުންނަށް ހާމަކޮށްދިނުމަށެވެ. އޭނާއަކީ ވެސް އަމިއްލައަށް މަސައްކަތް ކުރެވޭނެ މީހެއްކަން މައިންބަފައިންނަށް ސާބިތުކޮށްދިނުމަށް އޭނާ ކުރާ މަސައްކަތް މި ސީރީޒްގައި ދައްކުވައިދެއެވެ.

އަހަރުތަކަކަށް ފަހު ހަސަނަށް ސައުސަން ފެނުމުން ދެމީހުންގެ ގުޅުން އަލުން އުފެދެއެވެ. ހަސަނާ އަލުން ކައިވެނި ކުރުމަށް އޭނާ ސައުސަން ގާތު އެދޭއިރު، ސައުސަން ހަސަނަސް ހަނދާން ކޮށްދެނީ އެދެމީހުނަށް އެކުގައި އުޅެވެން ނެތް ކަމެވެ. ސަބަބުތައް ބައިވަރުކަމަށް ބުނި ނަމަވެސް މިއީ އަދި ބެލުންތެރިންނަށް ނޭނގޭ ސިއްރެކެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu)

މި ސީރީޒްގެ ފުރަތަމަ ސީޒަން ބެލިއިރު، ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް އެބަހުއްޓެވެ. ސައުސަންގެ މާޒީގައި ކަންތައް ހިގައިފާ ވާ ގޮތަކީ މި ސީރީޒްގެ އެންމެ ބޮޑު އެއް ސިއްރެވެ. އަދި ކުރިއަށް ކަންތައް ވާން އޮތް ގޮތަކީ ވެސް މި ޑްރާމާ ސީރީޒްގެ ފުރަތަމަ ސީޒަން ބަލައިފި މީހަކު އެނގެން ބޭނުންވާނެ ކަމެކެވެ.

ކޮންމެ ބުރާސްފަތި ދުވަހެއްގައި ދައްކާ މި ޝޯގެ ފުރަތަމަ ސީޒަންގައި ފަސް އެޕިސޯޑް ހިމެނެއެވެ. ކުރިއަށް އޮތީ މި ޑްރާމާގެ ދެވަނަ ސީޒަންއެވެ.

comment ކޮމެންޓް