އިގްތިސާދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ކެމްބޯޑިއާއިން ރާއްޖެއަށް ކާބޯތަކެތި އިމްޕޯޓް ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން އަސާސީ ކާބޯތަކެތީގެ އަގު ދަށަށް ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެގައުމުން ގުޅިގެން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކެމްބޯޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ހަނޑުލާއި، މޭވާ އަދި ކާބޯތަކެތީގެ ބާވަތްތައް އިމްޕޯޓް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ކެމްބޯޑިއާއަކީ ގިނަ ޢަދަދަކަށް ހަނޑޫ އުފައްދާ ޤައުމެއްގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ހަނޑުލާއި ދަނޑުވެރިކަމުގެ ބާވަތްތައް، ގިނަ ޢަދަދަކަށް އެކްސްޕޯޓް ކުރާ ޤައުމެއް. އެހެންކަމުން، ކެމްބޯޑިއާގެ ހަނޑުލުގެ ބާޒާރުން ދިވެހިރާއްޖެއަށް އިތުރު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރިން. އޭގެ އިތުރުން، ޒުވާރިއާއި، މިރުހާއި، ދަނޑިއަލުއްވާއި، ކެޝޫނަޓް ފަދަ ދަނޑުވެރިކަމުގެ ބާވަތްތަކާއި، މޭވާގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް

ރައީސް އިބްރާހީމް މުހައްމަދު ސާލިހް އަދި ކެމްބޯޑިއާގެ ބޮޑު ވަޒީރު ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ : ރައީސް އޮފީސް
ރައީސް ވިދާޅުވީ ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ގައުމެއް ކަމުން، ފޭރާމުގެ ބާވަތްތަކާއި، ދަތުރުފަތުރާ ގުޅުންހުރި މުދަލާއި، ލަކުޑީގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ވެސް ދެގައުމުގެ ދެމެދު މަޝްވަރާކޮށްފައި ވާ ކަމަށެވެ. އަދި ރާއްޖޭގައި ތައްޔާރުކުރާ ދަޅުމަހާއި ކަނޑުމަހުގެ އުފެއްދުންތައް ކެމްބޯޑިއާއަށް އެކްސްޕޯޓް ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ތަފާތު ބާޒާރުތަކަށް ރާއްޖޭގެ އިމްޕޯޓް ސިންދަފާތު ކުރުމުން ރާއްޖޭގައި ވިއްކާ އަސާސީ ކާބޯތަކެއްޗާއި، ކާޑުގެ ބާވަތްތަކުގެ އަގުތައް ދަށަށް ދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ ކާނާގެ ރައްކާތެރިކަން އިތުރުވެ، ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކަށް ވެސް އިތުރު އިޚްތިޔާރުތައް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރަގައިތުމަށް ކެމްބޯޑިއާއިން ކުރި މަސައްކަތަށް ތައުރީފް ކުރައްވާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް އަދި ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން / ފޮޓޯ : ރައީސް އޮފީސް
ކެމްބޯޑިއާގެ ބޮޑުވަޒީރަކީ، ތަޖުރިބާކާރު ސިޔާސީ ވެރިއެއްގެ އިތުރުން، ރާއްޖޭގެ ނުހަނު ގާތް އެކުވެރިއެއް. އެމަނިކުފާނުގެ ގާބިލް ޒައާމަތުގައި ކެމްބޯޑިއާ ވަނީ ކޮވިޑް 19 ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ނުތަނަވަސްކަމުން އަރައިގެންފައި. އެ ގައުމުގައި ކޮވިޑް ވެކްސިން ޖަހާފައިވާ އާބާދީގެ ނިސްބަތް އިތުރުކުރުމާއި، އަދި ހަރުދަނާ އިގްތިސާދީ ސިޔާސަތާއެކު، ކެމްބޯޑިއާ މިވަނީ ކޯވިޑްގެ ޢާލަމީ ވަބާއިން އަރައިގަނެ، އަލުން ޤައުމު ހުޅުވައިލުމަކީ ކުރެވިދާނެ ކަމެއް ކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައި. ރައީސް އިބްރާހީމް މުހައްމަދު ސާލިހް
ރައީސް ވިދާޅުވީ، ކޮވިޑަށް ފަހު އިގްތިސާދީ ހަރަކާތްތައް އަލުން ފަށައިގަތުމުގެ އިތުރުން، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ބޭނުންކުރި ސިޔާސަތުތަކަކީ، ކެމްބޯޑިއާއިން ވެސް ބޭނުންކުރި ސިޔާސަތުތަކާ ދާދި އެއްގޮތް ސިޔާސަތުތަކެއް ކަމަށެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް ހަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި ދަތުރުފުޅުގެ ހަވާސާގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ރާއްޖެއާއި ކެމްބޯޑިއާގެ ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ދެމެދުގައި ބާއްވާ ބިޒްނަސް ފޯރަމެއް މިއަދު ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ބިޒްނަސް ފޯރަމްގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.