ފެރިދޫއާއި ނައިވާދޫ ބަނދަރު މަރާމާތު ކުރުން އެމްޓީސީސީއަށް

އއ. ފެރިދޫއާއި ހދ. ނައިވާދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

އއ. ފެރިދޫއާއި ހދ. ނައިވާދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާންސްޓްރަކްޗާއިން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އއ. ފެރިދޫއާއި ހދ. ނައިވާދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ފެރިދޫ ބަނދަރު މަރާމާތު ކުރަން އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. ދައުލަތުގެ ބަޖެޓުން 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާ މި މަޝްރޫއުގެ ދަށުން 7،848 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 23،579 ކިއުބިކް މީޓަރުގެ އާ ބަނދަރު ފުން ކުރުމާއި 4،268 ކިއުބިކް މީޓަރުގެ ނެރު ފުން ކުރާނެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން 147 މީޓަރު ބްރޭކް ވޯޓާ ޖެހުމާއި އެއްގަމު ތޮށި ލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

އއ. ފެރިދޫއާއި ހދ. ނައިވާދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ނައިވާދޫ ބަނދަރު މަރާމާތު ކުރަނީ 51 މިލިއަން ރުފިއާއަށެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫއުގެ ދަށުން ނައިވާދޫ ބަނދަރުން 15،319 ކިއުބިކް މީޓަރު ފުން ކުރުމާއި، 15،319 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމުގެ އިތުރުން އިތުރު މަސައްކަތްތައް ވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، މިއަދު ވަނީ، ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ ދަށުން، އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ޓަކައި 570 މީޓަރުގެ ބޮޑު ހިލަ ބްރޭކްވޯޓާއާއި 375 ޖިއޯ ބޭގް ރިވެޓްމަންޓް ގާއިމްކުރާނެއެވެ. އަދި އޮޑި އެހެލާ ސަރަހައްދުގައި އެއްގަމު ތޮއްޓެއް ގާއިމްކޮށް، 14 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ގާއިމްކުރާނެއެވެ.

މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން 46 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެއެވެ.

comment ކޮމެންޓް