ދެހާސް ތޭވިސްވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅައިކިޔާއިރު، މި ނިމުނު 2024ވަނަ އަހަރުގެ ފަހު ކުއާޓަރުގައި 10 ގުނަ އިތުރަށް ސާފު ފައިދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހޯދައިފިއެވެ.
އެ ކުންފުނީގެ މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް މިހާރު އާންމުކޮށްފައިވާއިރު، ހިސާބުތަކުން ދައްކާ ގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި 177.55 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގޮތުގައި 165.20 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ.
އެއާއެކު މިދިޔަ އަހަރުގެ މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 16 މިލިޔަން ރުފިޔާއެވެ. މިއީ 2023ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު ސާފު ފައިދާއަށްވުރެ 10 ގުނަ އިތުރު އަދަދެކެވެ.
އެ ކުންފިނިން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 189 މަޝްރޫއު ކުރިޔަށް ގެންދިޔައިރު، ނުވަ މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް ފާހަގަކޮށްފައެވެ.
ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީއިން ވަނީ ފުނަދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ފަށައި، ހުޅުމާލެ ބަނދަރު ހިއްކުމުގެ މަޝްރޫއާއި ބާރަށުގެ ބަންދަރުގެ މަސައްކަތުގެ އިތުރުން ވެސް ގިނަ މަޝްރޫއުތަކެއް ފަށައިފައެވެ.
އެ ކުންފުނިން ބުނީ ނ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ވެސް މިދިޔަ އަހަރު ތެރޭގައި ފެށިފައިވާ ކަމަށެވެ.
އަދި ވިޔަފާރި ކުރިއަރުވައި، ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމަށް މި ވަގުތު އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަނެ، މި ފިޔަވަޅުތައް ތަންފީޒުކުރަމުންދާކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ހިއްސާދާރުންނަށް ދީފައެވެ.
އެމްޓީސީސީއަކީ ސަރުކާރުގެ 64.20 ޕަސެންޓް ހިއްސާ އާއި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ 4.65 ޕަސެންޓް ހިއްސާ އަދި އާންމުންގެ 31.15 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.