މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމަށް އެ ކުންފުނީގެ ބޯޑުގައި އިންނެވި ސިނާން އަލީ އައްޔަންކޮށްފިއެވެ.
އޭނާ އައްޔަންކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
މީގެ ކުރިން ގިނަ ކުންފުނިތަކެއްގެ ބޯޑުގައި، އޭނާ ވަނީ ބޯޑު މެންބަރުކަން ކުރައްވައިފައެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޓެލްކޯގެ ޗެއާމަނެއްގެ މަގާމަށް އައްޔަނުކޮށް، މަދު ދުވަސްކޮޅެއް ތެރޭ ވަނީ ބޯޑު މެންބަރަކަށް ބަދަލުކޮށްފައެވެ. އެއާއެކު އައިލޭންޑް އޭވިއޭޝަންގެ ބޯޑު މެންބަރުކަން ވެސް ސިނާން ކުރެއްވިއެވެ.
ސިނާނަކީ ނޫސްވެރިކަމުގެ ދާއިރާގައި ވެސް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި، ތަޖުރިބާކާރެކެވެ. "މިއަދު" ނޫހުން ނޫސްވެރިކަމަށް ތައާރަފްވި ސިނާން ވަނީ ސަން އޮންލައިންގެ ސީއީއޯކަން ކުރައްވައިފައެވެ. މިހާރު ސިނާނަކީ އޭނާގެ އަމިއްލަ ނޫސްކަމަށްވާ "ވަން" އޮންލައިނުގެ ސީއޯއޯއެެވެ.