ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަރަށް ކަމުދޭ

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން --- ފޮޓޯ/ ފޭސްބުކް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މިހާރު ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެންއަށް ރާއްޖެ ވަރަށް ކަމުގޮއްސިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ އެމަނިކުފާނު ހުންނަވާ ރިސޯޓުގައި ނަންގަވައިފައިވާ ފޮޓޯތަކެއް އިއްޔެ ފޭސްބުކްގައި ހިއްސާކުރައްވާފައެވެ.

ތޭރަ މިލިއަން މީހުން ފޮލޯކުރާ ރަސްމީ ފޭސްބުކް ޕޭޖުގައި ޕޯސްޓް ކުރައްވާފައިވާ އެ ފޮޓޯތަކުގެ ތެރޭގައި އެމަނިކުފާނު ސަން ބެޑުގައި އަރާމުކުރައްވާ ފޮޓޯއެއް ހިމެނެއެވެ. އަދި އެމަނިކުފާނުގެ ވިލާގެ ޕްރައިވެޓް އިންފިނިޓީ ޕޫލަށް އެރިވަޑައިގެން އޮންނަވާ މަންޒަރާއި މޫދުގައި އޮންނަވާ މަންޒަރުވެސް ފޮޓޯތަކުން ފެނެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން --- ފޮޓޯ/ ފޭސްބުކް

ހަމައެއާއެކު އެމަނިކުފާން ރޯބު ތުރުކުރައްވައިގެން އިންނަވާ މަންޒަރުވެސް އާއްމުކުރެއްވި ފޮޓޯތަކުން ފެނެއެވެ. އެމަނިކުފާނުގެ ފޮޓޯތަކުން ފެންނަނީ ރާއްޖޭގެ ރީތި މާހައުލާ މެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވަނިކޮށެވެ.

ރާއްޖޭގެ ރީތި ކަމާއި ޝާއިރުން ސިފަކުރައްވާ ފަދައިން ބިއްލޫރު ކޮޅެއް ފަދަ މޫދުގެ އުފާވެރިކަން ހުން ސެން ފޭސްބުކްގައި ހިއްސާކުރެއްވި ފޮޓޯތަކުގެ ކެޕްޝަނުން ވެސް އަންގައިދެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެގޮތުން އެ ޕޯސްޓަށް 158،000 މީހުން ރިއެކްޓް ކޮށްފައިވާއިރު 6،200 އަށްވުރެ ގިނަ މީހުން ވަނީ އެ ޕޯސްޓް ޝެއާ ކޮށްފައެވެ. އަދި 16،000 އަށް ވުރެ ގިނަ މީހުން އެ ޕޯސްޓަށް ކޮމެންޓް ކޮށްފައިވާއިރު ކެމްބޯޑިއާ ބަހުން ގިނަ ކޮމެންޓްތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން --- ފޮޓޯ/ ފޭސްބުކް

އެ ޕޯސްޓަށް މީހުން ކޮށްފައި ހުރި ކޮމެންޓުތަކުގައި ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަމިއްލަފުޅު ނަފްސަށް ސަމާލުކަން ދެއްވައިގެން އަރާމްކުރާ މަންޒަރު ފެނުމަކީ އުފާކުރާ ކަމެއް ކަމަށް ލިޔެފައިވެއެވެ.

މީގެ އިތުރުން ރާއްޖެއާ ބެހޭ ގޮތުން ކޮމެންޓް ސެކްޝަނުގައި ބައެއް މީހުން ކޮށްފައިހުރި ސުވާލުތަކަށް ބޮޑުވަޒީރު ހުން ސެން ވަނީ ޖަވާބުދެއްވާފައެވެ. އެގޮތުން ރާއްޖެ އާއި ކެމްބޯޑިއާގެ ވަގުތުގެ ތަފާތާ ގުޅިގެން ކުރި ސުވާލުތަކަށާއި ރާއްޖޭގެ ރީތިކަމާ ބެހޭ ގޮތުން މީހުން ކޮށްފައިހުރި ބައެއް ސުވާލުތަކަށް އެމަނިކުފާނު ވަނީ ޖަވާބު ދެއްވައިފައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން --- ފޮޓޯ/ ފޭސްބުކް

އެ ޕޯސްޓަށް މީހުން ކޮށްފައިވާ ކޮމެންޓަކުން ހާމަވަނީ ކޮމްބޯޑިއާ މީހުންގެ ތެރޭގައި ވެސް ރާއްޖޭގެ ރީތިކަމާ ގުޅޭގޮތުން ވާހަކަދެކެވޭ ކަމެވެ. އަދި ރާއްޖޭގައި މިހާރު ކެމްބޯޑިއާގެ ބޮޑުވަޒީރު ހުންނަވާ ރިސޯޓާއި އެތަނުގެ ރީތިކަމާ މެދު އުފާކުރާ ކަން ވެސް އެ ކޮމެންޓުތަކުން އެނގެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުފުޅަކީ މާދަމާގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ގިނަ މަޝްވަރާތަކެއް ކުރުމަށާއި އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ނިންމައިފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ، ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

comment ކޮމެންޓް