ކުށް ސާބިތުވެ، ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު 27 އަހަރަށް ގޭ ބަންދަށް

ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ކެމް ސޮކާ ހިޔާނާތުގެ ކުށުގައި 27 އަހަރަށް ގޭބަންދަން ހުކުމް ކޮށްފި -- ފޮޓޯ/ އޭއެފްޕީ

ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ކެމް ސޮކާ ޚިޔާނާތުގެ ކުށުގައި 27 އަހަރަށް ގޭބަންދުކުރަން ހުކުމް ކޮށްފިއެވެ.

ކެމް ގެ މައްޗަށް އުފުލާފައިވަނީ ބިދޭސީ ބާރަކާއެކު ނުބައި ކަމެއް ރޭވުމުގެ ދައުވާއެވެ.

އެހެންނަމަވެސް އެ ގައުމުގެ ބޮޑުވަޒީރު ހަން ސެންގެ ސަރުކާރު ވައްޓާލުމަށް ބޭރުގެ ބާރުތަކާ އެކު ރޭވިފައިވާ ދައުވާތަކަށް ކެމް އަންނަނީ އިންކާރު ކުރައްވަމުންނެވެ.

ތިން އަހަރު ދުވަހުގެ ޝަރީއަތަށް ފަހުން އޭނާގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވާކަމަށް އިއްޔެ ނިންމީ ޕްނޮމްޕެން މުނިސިޕަލް ކޯޓުންނެވެ.

އޭނާގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވުމާ ގުޅިގެން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމާއި، މުއްދަތެއް ނެތް ގޮތަށް އިންތިހާބުތަކުގައި ވޯޓުލުންވެސް ވަނީ މަނާ ކޮށްފައެވެ.

ކެމްގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ޝަރީއަތް ދިގުލައިގެން ދިޔައީ ކޮވިޑް 19 ގެ ސަބަބުން ސަރުކާރުގެ ވަކީލުންނަށް އިތުރު ހެކި ހޯދުން ލަސްވުން ފަދަ ކަންކަމާ ގުޅިގެންނެވެ.

އޭނާ ހިޔާނާތުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއް ނެތި އެއް ރޭ ދަންވަރުގެ ވަގުތެއްގައި އޭނާގެ ގެ ބަލައި ފާސްކުރުމަށް ފަހުއެވެ.

އެއަށްފަހު އޭނާ ވަނީ ކެމްބޯޑިއަން ނޭޝަނަލް ރެސްކިއު ޕާޓީން ވަކިކޮށް އެ ޕާޓީގެ އެއްވެސް ކަމެއްގައި އުޅުން މަނާކޮށްފައެވެ.

މި ދައުވާއަށް ފާޑުކިޔައި އެމެރިކާއިން ބުނެފައިވަނީ ކެމް ގެ މައްޗަށް އިއްވީ ސިޔާސީ ހުކުމެއް ކަމަށެވެ. އަދި އެ ގައުމުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ކެމްބޯޑިއާގެ ލީޑަރު ހަން ސެން އަކީ 1985 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ވެރިކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި އެކަކުއެވެ.

ގިނަ ބަޔަކު ލަފާކުރާ ގޮތުގައި ޖުލައި މަހު ބާއްވާ އެގައުމުގެ އާންމު އިންތިޚާބުގައި އޭނާ އަލުން ވާދަކުރައްވާނެއެވެ.

comment ކޮމެންޓް