ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ، މިނިސްޓާ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހުއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާދެންނެވުން އޮތީ އިއްޔެ ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. ބޮޑުވަޒީރު ހުން ސެންއަށް މާލޭ އިއްޒުއްދީން ފާލަމުން މަރުޙަބާ ވިދާޅުވީ ރައީސް ޞާލިޙެވެ.
ރަސްމީ މަރުޙަބާއަށް ފަހުގައި، ރައީސް އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ، ރައީސް އޮފީހުގައި ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ ރަސްމީ މިބައްދަލުކުރެއްވުމުގައި، ކެމްބޯޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
ހަމައެއާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ރާއްޖެ އާއި ކެމްބޯޑިއާ އާއި ދެމެދު ބަދަލުކުރެވުނު ހަ އެެއްބަސްވުން ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު، ރައީސް އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ، ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސް ޞާލިޙު ދެއްވި، މެންދުރުގެ ރަސްމީ ފަރިއްކޮޅު އޮތީ އިއްޔެ މެންދުރު އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށީގައެވެ. މިފަރިއްކޮޅުގައި ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބޮޑުވަޒީރުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
އިއްޔެ މެންދުރުފަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ފައިސަލް ވަނީ ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިއްމު ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.