ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ 6 ވަނަ ދުވަހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު2022 ވަނަ އަހަރު ރިޔާސީ ބަޔާން އިއްވަވަނީ / ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަ މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަން ވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު "ސަން" އަށް ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 9:00 އަށް އެޖެންޑާކޮށް މެމްބަރުންނަށް އަންގާފައިވާ ކަމަށެވެ.

އެ ޖަލްސާގައި އޮންނާނީ ރައީސް ރިޔާސީ ބަޔާން އިއްވުން އެކަންޏެވެ.

ނިމިދިޔަ އަހަރުގެ މަޖިލީހުގެ ފަހު ދައުރު ނިންމާލާފައި ވަނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.

ނިމިދިޔަ އަހަރުގެ މަޖިލިސް ފާހަގަ ކުރެވިފައި ވަނީ ސިޔާސީ ގޮތުން ވާދަވެރި، ހޫނު ބަހުސްތައް ފެނިގެންދިޔަ އަހަރެއްގެ ގޮތުގައެވެ. މަޖިލީހުގެ އެންމެ ފަހު ދައުރުގެ މަސައްކަތްތަކަށް ބަލާއިރު ޖުމްލަ 43 ޖަލްސާ ބާއްވައި، ހުށަހެޅުނު މަސައްކަތުގެ 54.7 އިންސައްތަ މަސައްކަތް ނިންމާފައިވެއެވެ.

މަޖިލީހުން މިދިޔަ އަހަރު ފާސްކުރި މުހިންމު ބިލްތަކަށް ބަލާއިރު، މިއަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓާއި، ނިމިދިޔަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، އަދި ޓެކްސް ބޮޑު ކުރުމުގެ ބިލާއި ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް