ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މިހާރު ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެންއަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެއަށް ފައިބާވަޑައިގަތުމާއެކު، ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވީ ރައީސް ޞާލިހެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާ ދެންނެވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
މަރުޙަބާ ދެންނެވުމުގެ ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޞާލިހާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި ރާއްޖެއާއި ކެމްބޯޑިއާގެ ގައުމީ ސަލާމް ކުޅުމަށް ފަހު، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި އެމްއެންޑީއެފްގެ ފަރާތުން އެރުވި ގާޑް އޮފް އޮނާއެއް، އެމަނިކުފާނު ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ.
އެ ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ނަސީމާއި ދިވެހި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ކެމްބޯޑިއާގެ ބޮޑުވަޒީރަށް ތައާރުފުކޮށް އަރުވާފައެވެ. އަދި، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން ވަނީ ރައީސްއަށް ތައާރަފު ކޮށްދެއްވާފައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާ ދެންނެވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
މަރުޙަބާ ވިދާޅުވުމަށް ބޭއްވި ރަސްމިއްޔާތައްފަހު، ކެމްބޯޑިއާގެ ބޮޑުވަޒީރު، ރައީސް ޞާލިޙުގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގެންނެވީ، ރައީސް އޮފީހަށެވެ. އެއަށް ފަހު ކެމްބޯޑީއާގެ ބޮޑުވަޒީރު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ރައީސް ޞާލިޙުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާ އާ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާ ދެންނެވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ވެސް ސޮއިކުރައްވައި، މި ދަތުރުފުޅާއި ބެހޭގޮތުން ދެ ގައުމުގެ އިސްވެރިން ގުޅިފައިވާ ބަޔާނެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ، ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.