ވެލްނެސް މެޓާސްއިން ކުރިއަށްގެންދާ "ޕްލާންޓް އަ ޓްރީ" ޕްރޮޖެކްޓަށް 90 ދުވަސް ވެފައިވާއިރު މުޅި ރާއްޖެއަށް އަމާޒުކޮށްގެން އެ ޕްރޮޖެކްޓް ހިންގަން ފަށާފައިވާ ކަމަށް އެމީހުން ބުނެފިއެވެ.
ވެލްނެސް މެޓާސްއިން ބުނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން "ޕްލާންޓް އަ ޓްރީ" ޕްރޮޖެކްޓް ހިންގަން ފެށީ އެ ޕްރޮޖެކްޓް ފަށައިގެން ކުރިއަށްދާތާ ދުވަސްތަކަކަށް ފަހު މިދިޔަ އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހު ކަމަށެވެ.
އެގޮތުން މިހާރު 17 ރަށެއްގައި އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާއިރު އެ ޕްރޮޖެކްޓުގައި 33 އަމިއްލަ ފަރުދުންނާއި ނުވަ މުވައްސަސާގެ އިތުރުން 18 ސްކޫލެއް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެލްނެސް މެޓާސްއިން ބުންޏެވެ.

ޕްލާންޓް އަ ޓްރީ ޕްރޮޖެކްޓުގެ ތެރެއިން --- ފޮޓޯ/ ވެލްނެސް މެޓާސް
އެ ޕްރޮޖެކްޓުގެ މަސައްކަތް އަމަލީ ގޮތުން ކުރަމުންދާ ސްކޫލުތަކުން ދަނީ އެ ސްކޫލުތަކުގެ އެންވައިރަމެންޓް ކްލަބް، ގާލްގައިޑް، ކަބްސްކައުޓް އަދި ސްކައުޓްގެ ދަރިވަރުން މި ހަރަކާތުގައި ބައިވެރިކޮށް މައުލޫމާތު އެ ދަރިވަރިރުންނަށް ފޯރުކޮށްދެމުން ކަމަސް ވެލްނެސް މެޓާސްއިން ބުންޏެވެ.
ވެލްނެސް މެޓާސްއިން ބުނިގޮތުގައި އެ ޕްރޮޖެކްޓުގައި މަސައްކަތް ކުރާ ށ. މިލަންދޫ ސްކޫލާއި ތ. ވޭމަންޑޫ ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށް އިންދި ގަސްތަކުން ލިބުނު ތަރުކާރީ އާއި މޭވާއިން ނަފާ ހޯދާފައެވެ.
ހަމައެއާއެކު ދަނޑުވެރިކަމާ ގުޅުންހުރި މައުލޫމާތު އަދި ތަމްރީން ޕްރޮޖެކްޓުގެ ބައިވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި ސިލްސިލާ ސެޝަންތަކެއް ވެސް އަންނަނީ ނަގައިދެމުންނެވެ.

ޕްލާންޓް އަ ޓްރީ ޕްރޮޖެކްޓުގެ ތެރެއިން --- ފޮޓޯ/ ވެލްނެސް މެޓާސް
މީގެ އިތުރުން ކާނާގެ ބާވަތްތަކުން ލިއްބައިދޭ ފައިދާއާ ބެހޭ މައުލޫމާތު ސްކޫލުތަކުގެ ދަރިވަރުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މި އަހަރު ސިލްސިލާ ކްލާސްތަކެއް ވެސް ހިންގުމަށް ހަަމަޖެހިފައިވާ ކަމަށް ވެލްނެސް މެޓާސްއިން ބުންޏެވެ.
ވެލްނެސް މެޓާސްއިން ބުނީ އެ ޕްރޮޖެކްޓުގައި ބައިވެރިވި ބައެއް މީހުން ވަނީ 45 ދުވަހުގެ ތެރޭގައި އިންދި ގަސްތަކުން ގޮވާންކޮށް އޭގެން ނަފާ ހޯދައިފައި ކަމަށެވެ.

ޕްލާންޓް އަ ޓްރީ ޕްރޮޖެކްޓުގެ ތެރެއިން --- ފޮޓޯ/ ވެލްނެސް މެޓާސް
ވެލްނެސް މެޓާސްއަކީ މީގެ ފަސް އަހަރު ކުރިން ދުޅަހެޔޮ ސިއްހަތެއްގައި ހުންނެވުމަށް ފައުންޑާ ޒުލްފާ ނަސީރު މެލޭޝިއާގެ ވެލްނަސް އެކްސްޕާޓްސްގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފަހު އޭގެން އައި ހެޔޮ ބަދަލުތައް އޭނާގެ ގާތް ރައްޓެހިންނާއި އާއިލާގެ މެމްބަރުންނަށް ހޯދަވައިދެއްވުމަށް އެ ކުންފުންޏާއެކު ފެއްޓެވި ޕްރޮގްރާމްތަކެކެވެ.
ވެލްނެސް މެޓާސްއިން ބުނީ "ޕްލާންޓް އަ ޓްރީ" ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޖެންޑާ މިނިސްޓްރީ އާއި އެންވާރަމެންޓް މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އިތުރުން ކައުންސިލުތަކާއި ސްކޫލުތަކުގެ އެހީ ލިބުނު ކަމަށެވެ.