ނޭޕާލްގެ މަތިންދާބޯޓެއް ވެއްޓި މަރުވި މީހުންގެ އަދަދު 68އަށް

ނޭޕާލްގެ ކެޕިޓަލް ސިޓީ ކަތްމަންޑޫ އިން ޕޮކަރާއަށް ދަތުރުކުރަމުން ދިޔަ ފަސިންޖަރު ބޯޓެއް ވެއްޓިފައި -- ފޮޓޯ/ ރޮއިޓާސް

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއިން އެ ގައުމުގެ ސިޓީއެއް ކަމަށްވާ ޕޮކަރާއަށް މިއަދު ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެއް ވެއްޓި، މަރުވި މީހުންގެ އަދަދު 68އަށް އަރައިފިއެވެ.

އެ ބޯޓު ވެއްޓުނީ ޕޮކަރާގެ ވައިގެ ބަނދަރާ 500 މީޓަރު ދުރުގައި އޮންނަ ސެޓީ ކޯރުގެ އައްސޭރިފަށަށެވެ.

ނޭޕާލްގެ ޔެޓީ އެއާލައިންސްގެ އެ ބޯޓު ވެއްޓުނީ 72 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށެވެ. އޭގެ ތެރޭގައި ހިމެނެނީ 68 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިންނެވެ.

ނޭޕާލްގެ އޮފިޝަލަކު ވިދާޅުވީ ބޯޓުގައި ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި 15 ފަތުރުވެރިން ހިމެނޭ ކަމަށެވެ. އެއީ އިންޑިއާގެ ފަސް ރައްޔިތަކާއި، ރަޝިޔާގެ ދެ ފަތުރުވެރިންގެ އިތުރުން ދެކުނު ކޮރެޔާގެ ދެ މީހަކާއި، އަޔަލެންޑާއި، އާޖެންޓީނާއާއި، އޮސްޓްރޭލިޔާގެ އިތުރުން ފަރަންސޭސިވިލާތުގެ ރައްޔިތެކެވެ.

އެ މަތިންދާބޯޓުގެ ބައިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ނިންވައިލަން މަސައްކަތް ކުރަމުންދާއިރު، އެމަޖެންސީ ހާލަތްތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ދަނީ ބޯޓުގައި ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންނެވެ. އެ މަސައްކަތުގައި އެ ގައުމުގެ ސިފައިން ވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތްވިކަން އަދި ކަށަވަރުކޮށްދެވެން ނެތް ކަމުގައި ޔެޓީ އެއާލައިންސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ނޭޕާލްގެ ކެޕިޓަލް ސިޓީ ކަތްމަންޑޫ އިން ޕޮކަރާއަށް ދަތުރުކުރަމުން ދިޔަ ފަސިންޖަރު ބޯޓެއް ވެއްޓުނު ސަރަޙައްދުގައި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ/ ގެޓީ އިމޭޖަސް

އެ ބޯޓު ވެއްޓުމާ ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމަލް ދަހަލް ވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއްވެސް ބާއްވަވާފައެވެ. އަދި އެ ހާދިސާއާ ގުޅިގެން އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާކަމަށް އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

"މީހުން ސަލާމަތް ކުރުމުގައި ސަލާމަތީ ފަރާތްތަކާއި ނޭޕާލް ސަރުކާރުގެ ހުރިހާ އިދާރާތަކާއި އާންމު ރައްޔިތުން ވެސް ބައިވެރިވުމަށް އަޅުގަނޑު އެދެން،" ބޮޑުވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ގައުމުގެ ފިނޭންސް މިނިސްޓަރު ބިޝްނޫ ޕައުޑެލް ވިދާޅުވީ ބޯޓު ވެއްޓުނު ސަބަބު ތަހުގީގު ކުރުމަށް ސަރުކާރުން ޕެނަލެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ހޯދިފައިވާ ހޯދުންތައް 45 ދުވަހުގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މޭ މަހު ވެސް ނޭޕާލްގައި މަތިންދާބޯޓެއް ވެއްޓި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. އެގައުމުގެ ޓާރާ އެއާގެ މަތިންދާބޯޓެއް ވެއްޓުނު އެ ހާދިސާގައި މަރުވި 22 މީހުންގެ ތެރޭގައި ނޭޕާލުގެ 16 ރައްޔިތުންނާއި، އިންޑިޔާގެ ހަތަރު ފަތުރުވެރިންނާއި، ޖަރުމަނުވިލާތުގެ ދެ ފަތުރުވެރިން ހިމެނެއެވެ.

މީގެ އިތުރުން 1992 ވަނަ އަހަރު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ މަތިންދާބޯޓެއް ކަތަމަންޑޫ ކައިރިއަށް ވެއްޓި، އޭގައި ދަތުރުކުރަމުން ދިޔަ 167 މީހުން މަރުވިއެވެ. މިއަދުގެ ހާދިސާއަކީ އެ ހާދިސާއަށް ފަހު ފާއިތުވީ 30 އަހަރު ތެރޭގައި ނޭޕާލުގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ އެކްސިޑެންޓެވެ.

comment ކޮމެންޓް