ނޭޕާލްގެ ފްލައިޓެއް ވެއްޓި، ސަލާމަތްވީ ޕައިލެޓް އެކަނި

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއިން ފުރި ބޯޓު ވެއްޓިފައި. އެ ހާދިސާގައި ޕައިލެޓް ފިޔަވައި އެންމެން ވަނީ މަރުވެފައި. ފޮޓޯ/ބީބީސީ

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއިން ފުރި މަތިންދާބޯޓެއް ވެއްޓި ޕައިލެޓް ފިޔަވައި އޭގައިތިބި އެންމެން މަރުވެއްޖެއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަސިންޖަރުންނާއި ފަޅުވެރިންނާއެކު އެ ބޯޓުގައި ތިބީ 19 މީހުންނެވެ.

ނޭޕާލް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސާޗް އެންޑް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހާދިސާ ހިނގާފައި ވަނީ ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުން މަތިންދާބޯޓު ފުރިތާ ކުޑަ އިރުކޮޅެއް ފަހުން ނޭޕާލް ގަޑިން 11:15 ހާއިރު ކަމަށެވެ. އަދި ބޯޓު ވެއްޓުނީ ރަންވޭގެ އިރުމަތީ ފަރާތަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސައުރިޔާ އެއާލައިންސްގެ އެ މަތިންދާ ބޯޓު ދަތުރުކުރަމުން ދިޔައީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޕޮކަރާ އަށެވެ.

އެ ހާދިސާގައި ސަލާމަތްވި ޕައިލެޓަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެއްނުވެއެވެ.

ނޭޕާލްގެ ވައިގެ ދަތުރުފަތުރު ދާއިރާއަކީ ސަލާމަތީ ކަންކަން ވަރަށް ދަށް ދާއިރާއެއް. ފޮޓޯ/ބީބީސީ

މަރުވި މީހުންގެ ތެރެއިން 17 މީހުންނަކީ ނޭޕާލް މީހުން ކަމަށާއި 18 ވަނަ މީހާއަކީ ޔަމަނުގެ ރައްޔިތެއް ކަމަށް ބީބީސީން ބުނެއެވެ.

މިހާރު މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ މަތިންދާބޯޓުގައި އަލިފާން ރޯވެ ދުން އަރަމުންދާ ތަނެވެ. އެ ހާދިސާ ހިނގުމާއެކު ފަޔާ އިންޖީނާއި އެމްބިއުލާންސްތައް އެސަރަހައްދުގައި ހަރަކާތްތެރިވިއެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހުވެސް ނޭޕާލްގެ އެއާލައިނެއް ކަމަށްވާ، ޔެޓީ އެއާލައިންސްގެ ބޯޓެއް ވެއްޓި 72 މީހަކު މަރުވިއެވެ.

ނޭޕާލްގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ ސަލާމަތީ ކަންކަން ވަރަށް ދަށް ދާއިރާއެކެވެ. އެކަމާ ގުޅިގެން އެ ގައުމަށް ވަނީ ފާޑުކިޔުންވެސް އަމާޒުވެފައެވެ.

comment ކޮމެންޓް