ސަރުކާރުގެ އެ ބޮޑު ކުންފުނިން ވަޒީފާ ދިނުމުގެ ކުރިން މެޑިކަލް ޗެކަޕް ހެދިއިރު އެ ޒުވާނާގެ ސިއްހީ އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް މި ފަހަކަށް އައިސް އޭނާ ދޭތެރެއަކުން ބަލިވަނީއެވެ. ވަޒީފާއަށް ނުނިކުންނަ ދުވަސް ގިނަވަނީއެވެ. މަދު ހަފުތާއަކު ނޫނީ އެ ޒުވާނާ އޮފީހަށް ސަލާމް ބުނެއެވެ. ހާއްސަކޮށް ސަރުކާރު ބަންދެއް އަތުވެއްޖެނަމަ އެ ބަންދު ދިގު ވާ ގޮތަށް ސަލާމް ބުނެއެވެ. އެ ހުރިހާ ސަލާމެއް ބުނާއިރު އޭނާ އުޅުނީ ބަލިވެކަން ޔަގީން ކޮށްދިނުމަށް ކޮންމެ ފަހަރަކު ވެސް ޑޮކްޓަރު ދޭ މެޑިކަލް ސެޓްފިކެޓް (އެމްސީ) ހުށަހަޅައެވެ. އެކި ފަހަރު ހުންނަނީ އެކި ބަލިތައް ވެގެން އެކި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފަރުވާ ހޯދާފައި ކަމަށެވެ.
އެކަމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ވާތީ އެންމެ ފަހުން އެ ޒުވާނާ މަސައްކަތް ކުރާ ކުންފުނިން އޭނާ ހުށަހަޅާ އެމްސީތައް ސައްހަތޯ ބެލިއެވެ. ހޮސްޕިޓަލްތަކަށާއި ކްލިނިކްތަކަށް ގުޅައިގެން ބެލިބެލިމުން ފަޅާއެރީ އެއީ ނަކަލު (އަސްލާ އެއްގޮތަށް ހަދާފައިވާ) ކޮށްފައިވާ އެމްސީތަކެއް ކަމެވެ. އެހާ ހިސާބުން ވިއްސަކަށް ހާސް ރުފިޔާގެ މުސާރައެއް ލިބޭ އެ ވަޒީފާއިން ވަގުތުން އެ ޒުވާނާ ވަކިކުރީއެވެ.
އެއީ މި ފަހުން ދިވެހި ޒުވާނަކަށް ދިމާވި ކަމެކެވެ. އެކަން އެބަ އާއްމުވެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ވެސް އެތައް ބަޔަކު އެފަދަ ފޭކް އެމްސީ ހުށަހަޅައިގެން މި ފަހުން ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
"އެކުގައި މަސައްކަތް ކުރާ މަސައްކަތަށް ވަރަށް ރަނގަޅު ސްޓާފެއް ވެސް މި ފަހުން މި މައްސަލަ ދިމާވި. އޭނާ ވެސް ފޭކް އެމްސީއެއް ހުށަހެޅީ. އެކަން ފަޅާއެރީމަ ހަމަ ވަގުތުން ވަކިކޮށްލީ. އެއްވެސް ޗާންސެއް ނުދޭ. އެއީ ވަރަށް ރަނގަޅު ސްޓާފެއް. އެކަމަކު އެއަކަށް ނުބަލާ ހަމަ ވަކިކޮށްލީ. މި މައްސަލަ ވަރަށް ސީރިއަސްކޮށް މިހާރު ބަލާ،" ސަރުކާރު ކުންފުންޏެއްގެ މެނޭޖަރެއްގެ މަގާމުގައި ހުރި ބޭފުޅަކު ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާއިން ސަލާމުގެ ޗުއްޓީގެ ގޮތުގައި އަހަރެއްގެ މައްޗަށް މުސާރަ ލިބޭ ގޮތަށް ކޮންމެ މުވައްޒަފަކަށް 30 ދުވަސް ލިބިގެންދެއެވެ. ނަމަވެސް ގާނޫނު ބުނާ ގޮތުން ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީގައި ހުރެވޭނީ ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށައެޅުމުންނެވެ.
މީހުން މިދަނީ އެ މާއްދާގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ. އެކަން ކުރުމަށް އޮޅުވާލައިގެން އެތައް ކަމެއް އެބަކުރެއެވެ.
އަގަށް ފޭކް އެމްސީ ހަދައިދޭ!
ވަޒީފާއަށް މަކަރު ހެދުމާއި ފަރުވާ ކުޑަކުރުމަކީ ދިވެހީންގެ ތެރޭގައި އާއްމު މައްސަލައެކެވެ. ސަލާމް ބުނުން ގިނަ ދިވެހީންނަށް ގަބޫލު ކުރެވެނީ އެއީ ހައްގެއްގެ ގޮތުގައެވެ. އޮފީސްތަކާއި ކުންފުނިތަކަށް ބެލިޔަސް މުވައްޒަފުން ސަލާމް ގިނަ ވުމަކީ ހައްލު ނުވެއޮތް މައްސަލައެކެވެ. ކޮންމެހެން ސަލާމް ބުނަން ޖެހޭ ސަބަބެއް ނެތި ސަލާމް ބުނާ މީހުން ވެސް ގިނައެވެ. އެ މީހުން އެކަން ކުރީ ރަނގަޅު ސިއްހީ ސަބަބެއް އޮވެގެންކަން ދެއްކުމަށް ކުރާ ކަމަކީ ފޭކް އެމްސީ ހެއްދުމެވެ.
މިކަން ކުރާގޮތް ބެލީމާ ފެނުނީ އެކަން ވިޔަފާރިއަކަށް ވެފައިވާ މަންޒަރެވެ. އެގޮތުން އެކި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ ލެޓާ ހެޑް ބޭނުންކޮށްގެން އެމްސީ ފޯޖް ކޮށްދޭ މީހުން އެބައުޅެއެވެ. އެ މީހުން އެކަން ކޮށްދެނީ 50 ރުފިޔާއާއި 300 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އެގޮތުން އެ ދުވަހުގެ ތާރީހު ޖަހާނަމަ އަގު ހެޔޮކޮށް އެމްސީ ހަދައިދެއެވެ. އަދި ކުރީގެ ތާރީހެއްގައި އެމްސީ ހަދައިދޭނަމަ ތަންކޮޅެއް އަގުބޮޑުވެއެވެ.
"އެ މީހުންނަށް ޖެހޭނީ ތާރީހާއި ބޭނުން ވަނީ ކިތައް ދުވަސްކަން ބުނެލަން. ދެން ނަމާއި އައިޑީ ނަމްބަރު. އޭރަށް އެމްސީ ދޭނެ،" ފޭކް އެމްސީ ހަދާގޮތް އެނގޭ ޒުވާނަކު އެ ކަންކުރާ ގޮތް މި ނޫހަށް ކިޔައިދެމުން ބުންޏެވެ.
ސައްހަ ނޫން އެމްސީ ދެގޮތަކަށް ހަދައެވެ. އެންމެ އާއްމު ގޮތަކީ އެކި ސޮފްޓްވެއާތައް ބޭނުންކޮށްގެން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދޭ އެމްސީތައް އަސްލަކަށް ބަލައިގެން ސައްހަ ނޫން އެމްސީތައް ހެދުމެވެ. އެގޮތަށް ހަދާ އެމްސީތައް އެ ހޮސްޕިޓަލެއް ނުވަތަ ކްލިނިކެއްގެ ސިސްޓަމަކު ނީންނާނެއެވެ. އެއީ ހަމަ ފޮޓޯޝޮޕުން ނުވަތަ އެހެން ވެސް ސޮފްޓްވެއާއަކުން އަމިއްލައަށް ހަދާލާ އެއްޗެކެވެ. އަނެއް ގޮތަކީ ހޮސްޕިޓަލްތައް ނުވަތަ ކްލިނިކްތަކުގައި މަސައްކަތް ކުރާ މީހުންނާ ގުޅި، ޑޮކްޓަރުން ލައްވައި އެކަން ކުރުމެވެ. އެއީ ވެސް ކުރާ ކަމެކެވެ.
"މެޑިކަލްގައި އުޅޭ ރައްޓެއްސަކަށް ގުޅާލާފަ 100 ރުފިޔާ ޓްރާންސްފާ ކުރީމަ ޑޮކްޓަރު ލައްވައި ސޮއި ކޮށްގެން އޭނާ އެމްސީ ފޮނުވައި ދޭނެ. ވަރަށް ފަސޭހައޭ މިހާރު،" ފޭކް އެމްސީގެ ކަންތައް އެނގޭ އެހެން މީހަކު މި ނޫހަށް ކިޔައިދިނެވެ.
މިފަދަ އެތައް މައްސަލައެއް، ތަހުގީގު ވެސް އެބަކުރޭ!
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލްގެ ލެޓާހެޑްގައި ވެސް އަމިއްލައަށް އެމްސީ ހަދާކަން ފާހަގަ ކުރެވިފައިވެއެވެ. އެހެންވެ އެމްސީ ސައްހަތޯ ބެލުމަށް އެކި އިދާރާތަކުން ގުޅާ ކަމަށް އަފްއާލް ވިދާޅުވިއެވެ.
"ބައެއް އޮގަނައިޒޭޝަންތަކުން ގުޅީމައި އަޅުގަނޑުމެން ވެރިފައި ކުރާއިރު ފޯޖުކޮށްފައި ހުންނަ އެމްސީ ހުންނަކަން ފާހަގަ ކުރެވޭ. އެއީ ހިނގާކަމެއް،" އަފްއާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފަދަ ކަންކަން ހުއްޓުވުމަށްޓަކައި މީގެ އަހަރުތަކެއް ކުރިން އެ ހޮސްޕިޓަލުން ވާނީ ފިޔަވަޅުތަކެއް ވެސް އަޅައިފައެވެ. އެގޮތުން އެ ހޮސްޕިޓަލުން ދޫކުރާ ކޮންމެ އެމްސީއެއްގައި ސްކޭން ކުރެވޭގޮތަށް ބާކޯޑެއް ވަނީ ހިމަނައިފައެވެ. އަދި މީހަކު ޑޮކްޓަރަށް ދައްކައިގެން ނޫން ގޮތަކަށް އެ ހޮސްޕިޓަލުގެ މުވައްޒަފަކަށް ވެސް އެމްސީ ނުހެދޭގޮތަށް ސިސްޓަމް ބަދަލު ކޮށްފައިވާ ކަމަށް އަފްއާލް ވިދާޅުވިއެވެ.
"މިހާރު މި ހަދާގޮތަކީ އެޑިޓް ކޮށްގެން އަމިއްލައަށް އެމްސީ ހަދަނީ. އެކަހަލަ ކަންކަން ރަނގަޅު ކުރަން ކުރެވޭނެ ކަންކަމާ މެދު ވިސްނަން ޖެހޭނީ. ހަގީގަތުގައި އެކަން ހައްލު ކުރެވޭނީ މީހުން ޑިސިޕްލިން ވެގެން،" އަފްއާލް ވިދާޅުވިއެވެ.
މިއީ ޖިނާއީ ކުށެކެވެ. ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ބުނާގޮތުން ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމަކީ ކުށެކެވެ. އެ ކުށުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށްލުން ކަމަށް ވާއިރު އެންމެ ކުޑައަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފޯޖް މެޑިކަލް ސެޓްފިކެޓް ހަދާކަން އެ އިދާރާއަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ވެސް އެފަދަ މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މަކަރެއް ހަދަން އުޅެގެން ބޮޑު ގެއްލުމެއް!
ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ބަލާއިރު މުވައްޒަފުންގެ ރައްކާތެރި ކަމަށް ގިނަ މާއްދާތަކެއް ވަނީ ހިމަނައިފައެވެ. ސަލާމަކީ ވެސް އޭގެން ކަމެކެވެ. ނަމަވެސް އޭގެ ބޭނުން ނާޒާއިޒު ގޮތުގައި ހިފަން އުޅެގެން އެތައް ބައެއްގެ ވަޒީފާ ގެއްލި ރެކޯޑް ހަޑިވަމުން އެބަދެއެވެ. އަދި އޭގެ ސަބަބުން އިތުރަށް ވަޒީފާއެއް ހޯދަން ދަތިވެ، ކެރިއާއަށް އެކަމުގެ ނުރަނގަޅު އަސަރުތައް ކުރެއެވެ.
ލޭބާ ރިލޭޝަން އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރު، ހޫދު އައްބާސް ވިދާޅުވި ގޮތުގައި ވަޒީފާދޭ ފަރާތަށް ދޮގު މައުލޫމާތު ދިނުމަކީ ކުށެއް ކަމަށާއި މުވައްޒަފު ބަހައްޓަން ޖެހޭ އަހުލާގީ މިންގަނޑާ ހިލާފްވާނަމަ ފިޔަވަޅު އެޅުމުގެ ބާރު ވަޒީފާ ދޭ ފަރާތަށް އޮންނަ ކަމަށެވެ.
"ވަކިކުރުން އެކަށީގެންވާ ސަބަބެއް އޮވެގެން ނޯޓިސް ދިނުމާއެކު ވެސް ވަކި ކުރެވޭ ގޮތަށް ގާނޫނުގައި އޮންނަނީ. ނޯޓިސް ދިނުމަކާ ނުލައި ވަކިކުރެވޭނެ ހާލަތްތަކެއް ވެސް އޮވޭ. އޭގެ ތެރޭގައި ތަނަށް ހިޔާނާތް ވުން. ނޫނީ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ސީދާ ތަނަށް ގެއްލުން ލިބޭނެ ހާލަތެއް ކަމަށް ގަބޫލު ކުރެވުން ވެސް. އެގޮތަށް މާނަ ކުރާނީ ވަޒީފާ ދޭ ފަރާތުން." ހޫދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަޒީފާ ދޭ ފަރާތުން އަމަލު ކުރިގޮތާ މެދު ހިތްހަމަ ނުޖެހޭނަމަ ކަން ކުރަން އޮންނަ ގޮތަކީ ޓްރެބިއުނަލަށް މައްސަލަ ހުށަހެޅުމެވެ.
މީގެ ކުރިން ހިނގާފައިވާ މިފަދަ މައްސަލަތަކަށް ބަލާއިރު ފޭކް އެމްސީ ހުށަހަޅައިގެން ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމާފައި އެބަހުއްޓެވެ. އެހެންކަމުން މިފަދަ މައްސަލަތައް މި ނިމެނީ ވަޒީފާދިން ފަރާތުގެ ކޮޅަށެވެ.
ދިރިއުޅުމަށް ރަނގަޅު އާމްދަނީއެއް ލިބެމުން ދިޔަ ހަމައެކަނި މަގު ބަންދު އެވަނީ ކުރާ ކުށެއްގެ ސަބަބުންނެވެ. ވަޒީފާއަށް މަކަރު ހެދުމަށް ކުރާ ކަމެއްގެ ސަބަބުން ބޮޑު ގެއްލުމެއް ތިމާއަށް ލިބެނީއެވެ. އެ މަޅީގައި އެތައް ބަޔަކު ޖެހިއްޖެއެވެ. މިއީ ސަމާލުވާން ޖެހޭ ކަމެކެވެ. ކުޑަ ކަމެއް ކަމަށް ތި ކުރަނީ ބޮޑު ކުށެކެވެ. ވަޒީފާ ގެއްލުމުގެ އިތުރުން ޖަލު އަދަބުވެސް ލިބޭ ކަމެކެވެ.